ފިނޭންސް މިނިސްޓްރީއަށް ވެސް އޮޅިގެން ޓްވީޓް ކުރެވިއްޖެ
ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީ މިއަދު ކުރެއްވި ޓުވީޓަކަށް ފިނޭންސް މިނިސްޓްރީން އޮޅިގެން ޖަވާބުދެވިއްޖެއެވެ.
އިންވެސްޓުކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ގިނަ އަދަދަކަށް ފައިސާ ނެގުމުގެ ތުހުމަތުގައި އަލްހާންގެ ކުންފުންޏެއް ކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިން ކުންފުންޏާ މެދު ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށައިފައެވެ.
މިކަމާ ގުޅިގެން އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެމްއެމްއޭގެ ފައިނެންޝަލް އިންޓެލިޖެންސުން ބެލިޔަސް ފުލުހުން ބެލިޔަސް، އެއްވެސް ބާވަތެއްގެ ކުށެއް އެކަމުގައި ކޮށްފައި ނުވާނެ ކަމަށެވެ. އެ ޓްވީޓުގައި ރައްޔިތުންނަށް ބިރުދެއްކުމާ ގެއްލުން ދިނުން ހުއްޓައިލާން ޖެހޭ ކަމަށް އަލްހާން ވަނީ ގޮވައިލައްވައިފައެވެ.
އެ ޓްވީޓަށް ފިނޭންސް މިނިސްޓްރީގެ ޓުވިޓާ އެކައުންޓުން ވަނީ ކޮމެންޓެއް ކޮށްފައެވެ. އެ ކޮމެންޓުގައި ވަނީ "PO,I"އެވެ. މިނިސްޓްރީން މިފަދައިން ކޮމެންޓު ކުރި ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި އެ ކޮމެންޓު ވަނީ ރިމޫވްކޮށްފައެވެ.
އޮޅުވައިލައިގެން ފައިސާ ހޯދާކަމުގެ ތުހުމަތުކޮށް އަލްހާނުގެ ހިއްސާ އޮންނަ "ކިންގްސް ފޮރެކްސް ޓްރޭޑިން"ގެ އެކައުންޓް ބޭންކު އޮފް މޯލްޑިވްސްއިން ފްރީޒްކޮށްފައި ވަނީ މި މަހުގެ 11ވަނަ ދުވަހުއެވެ.