ޕޮލިސް އެކަޑެމީ ފަރުމާ ކޮށްފައި ވަނީ އަސްކަރީ މަރުކަޒެެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް: އުމަރު
އައްޑޫ ސިޓީގައި އިއްޔެ ހުޅުވި ޕޮލިސް އެކަޑެމީ ފަރުމާކޮށްފައި ވަނީ، އިންޑިއާގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި"ނުރަސްމީ"ކޮށް ބޭނުން ކުރެވޭ ގޮތަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ވިދާޅުވީ އައްޑޫގައި ހުޅުވުނު މަރުކަޒުގެ ބޭރު ނަންފިލާގަނޑުގައި 'ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯރސްމަންޓް' ލިޔެފައިވީ ނަމަވެސް، އެތަން މިހާރު ފަރުމާ ކުރެވިފައި އެވަނީ އިންޑިޔާގެ މިލިޓަރީ ބޭސްއެއްގެ ގޮތުގައި ނުރަސްމީކޮށް ބޭނުން ކުރެވޭ ގޮތަށް ކަމަށާއި، ބޮޑެތި ބާރުތަކުން ކުދި ޤައުމުތަކަށް ވަދެގަންނަނީ މިފަދަ ނަންފިލާގަނޑުތައް ބޭނުންކޮށްގެން ކަމަށެވެ.
"މީގެ 12 އަހަރު ކުރިން ބަލިމީހުން އުފުލައިދިނުމުގެ ނަމުގައި ހެލިކޮޕްޓަރެއް ދުއްވައިދޭން އައި މީހުން މިއަދު ފުޅާކޮށް އުޅަނދުތައް އިތުރުކޮށްފައިވާ ވުން އެއީ މީގެ މިސާލެއް. އަދި ހުޅުވިގެންދިޔަ މިމަރުކަޒުގައި އިންޑިޔާގެ ފުލުހުންނަށް ތަމްރީން ދެވޭގޮތަށް ހެދުނު އެއްބަސްވުމަކީ ވެސް މި ކަމުގެ އަލިގަދަ ހެއްކެއް." އޭނާ ވިދާޅުވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި، ޕޮލިސް އެކަޑެމީއަކީ މެދުކެނޑުމެއް ނެތި އިންޑިޔާގެ ގިނަ އަދަދެއްގެ ފުލުހުން (ނުވަތަ ސިފައިން) ތަމްރީން ހޯދުމުގެ ނަމުގައްޔާއި ތަމްރީންދޭ އިންސްޓްރަކްޓަރުންގެ ނަމުގައި އެ މަރުކަޒުގައި ތިބުމަށް މަގުފަހިކުރުމަށް ހުޅުވި ދޮރެއް ކަމަށެވެ.
"އިންޑިޔާގެ ފުލުހުންނަކީ ހަތިޔާރު ގެންގުޅޭ ބަޔަކަށް ވާތީ، އިންޑިޔާގެ ފުލުހުން ތަމްރީންކުރާ ނަމަ ހަތިޔާރުގެ ތަމްރީން ވެސް ބޭނުންވާނެތީ، ހަތިޔާރު ރައްކާކޮށް ގެންގުޅެވޭނެ ގޮތް ވެސް ލަހެއް ނުވެ ހަމަޖައްސާނެކަމާ މެދު އެއްވެސް ޝައްކެއް ނެތް. އަދި ރާއްޖޭގައި މި ބެހެއްޓުނު 10 ރާޑަރު ސްޓޭޝަނަކީ ވެސް އިންޑިޔާގެ ސަލާމަތަށް ޓަކައި ބެހެއްޓުނު ތަކެތި." އޭނާ ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ މި ރާޑަރުތަކުގެ މައިގަނޑު ބޭނުމަކީ ޗައިނާގެ އުޅަނދުތަކަށް ފާރަލުމާ އެކު އިންޑިޔާކަނޑުގެ މައްޗަށް ބާރުގަދަ ކުރުމެވެ.
ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އިންޑިޔާގެ އުނގަށް ވެސް އަދި ޗައިނާގެ އުނގަށް ވެސް ނުވެއްޓި 'ނިއުޓްރަލް' ޤައުމެއްގެ ގޮތުގައި އޮތުން ކަމަށާއި، އެއްވެސް ޤައުމަކާ ޖެހިނުގަނެ ތިބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންޑިޔާއާއި ޗައިނާގެ ކޯޅުމުގެ ތެރެއަށް ނުވަދެ ތިބުމަކީ ސަލާމަތީ ގޮތުންނާއި އިޤްތިސާދީ ގޮތުން ވެސް ދިވެހިންނަށް އެންމެ ބުއްދިވެރި ގޮތް ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.