ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ފޯރަމް މިރޭ ފަށަނީ

މި އަހަރު ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމް މިރޭ ފަށާނެއެވެ.
މިރޭ އިސްލާމީ މަރުކަޒުގައި އޮންނަ އިޙްޔާ ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާނީ އައްޝައިޚް އިލްޔާސް ޙުސައިންއާއި އައްޝައިޚް ނަޞްރުﷲ ޢަލީއެވެ. މިރޭގެ މައުޟޫޢަކީ "ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބިގަތުމުގައި އަވަސްވެގަންނާށެވެ" މި މަޢުޟޫޢެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އާދިއްތަ އަދި ބުރާސްފަތި ދުވަހު އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ މާލެ ސިޓީގެ އިސްލާމީ މަރުކަޒުގައިކަމަށެވެ. އަދި ހުކުރު ދުވަހުގެ ރޭގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދާނީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ކަމަށެވެ.
މިރެއިން ފެށިގެން ކޮންމެ އާދިއްތަ، ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ ބާއްވާ އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ ކޮންމެ ރެއަކު ވެސް 21:30އިން 22:30އަށެވެ.
އަތޮޅުތަކުގައި ބާއްވާ މި ސިލްސިލާގެ ދަށުން ހަތަރު ސިޓީއާއި ރ.އުނގޫފާރުގައި އިހްޔާގެ ދަރުސްތައް އޮންނާނެއެވެ.