ޚަބަރު

"ހިންގާލަން"ޝިއާރުގެ މާނައަކީ ޖީބު ބޮޑުކުރުން: އަލީ އާޒިމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕަރސަންކަމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ ކެމްޕެއިނު ޝިއާރަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ކުރީގެ ލީޑަރު އަދި މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފާޑުވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުންފުނިތަކުގެ ބިލްގެ ބަހުސްގައި މެންބަރު އާޒިމް ވިދާޅުވީ "ހިންގާލަން" ޝިއާރުގެ މާނައަކީ "ޖީބު ބޮޑުކުރުމާއި އަންބޮނޑި ބޮޑުކުރުން" ކަމަަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މެންބަރު އާޒިމް ވަނީ މިނިސްޓަރ ފައްޔާޒުގެ ނަން ވިދާޅުނުވެ، މިނިސްޓްރީގެ މަސައްކަތަށާއި މިނިސްޓަރ ފައްޔާޒުގެ ކެމްޕެއިނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން މެންބަރު އާޒިމް ވިދާޅުވީ ސަރުކާރު ބައިވެރިވެގެން އުފައްދައިފައިވާ ކުންފުނިތަކުގެ އަދަދު ރާއްޖޭގެ އެއްވެސް ސަރުކާރަކަށް ވެސް އަދި އާންމު ރައްޔިތުންނަށް ވެސް ސާފު ނުވާހާ ގިނަ ކަމަށެވެ. ނަމަވެސް ސަރުކާރު ބައިވެރިވާ 36 ކުންފުންޏެއް އޮތް ކަމަށާއި އޭގެ ތެރެއިން ރަނގަޅަށް ޚިދުމަތް ދެނީ 10 ކުންފުނިކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، އިތުރު 10 ކުންފުންޏެއް އެއީ އުވާލަން ޖެހޭ ކުންފުނިތަކެއް ކަމަށެވެ.

"އެމްޑީޕީއަކީ ސަރުކާރުން ވިޔަފާރީގެ ތެރެއަށް ވަދެ ވިޔަފާރި ކުރުމަށް ތާއީދު ކުރާ ސިޔާސަތެއް ގެންގުޅޭ ޕާޓީއެއް ނޫން. އެކަމަކު މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ސަރުކާރު "ހިންގާލުމަށް ޓަކައި" 12 ކުންފުނި އުފައްދައިފައިވޭ. އެގޮތަށް އުފައްދައިފައި ހުރި ބައެއް ކުންފުނިތަކަކީ އެއް މަސައްކަތެއް ކުރާ ހަމައެކަނި ނަމުގައި ތަފާތުތަކެއް އުޅޭ ކުންފުނިތަކެއް. އެފަދަ ކުންފުނިތަކުގެ ތެރެއިން ހަތަރު ކުންފުންޏެއްގައި މަސައްކަތް ކުރާ މުވައްޒަފުން އެބަ ތިބި" އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ވާހަކަތަކާ ގުޅިގެން، މިނިސްޓަރ ފައްޔާޒުގެ ކެމްޕެއިނު ޓީމުގައި ހަރަކާތްތެރިވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، އެގޮތަށް މަސައްކަތް ކުރާ މުވައްޒަފުންނަކީ ކޮބައިތޯ ސުވާލު ކުރައްވައިފައެވެ. ނަމަވެސް އެ ސުވާލަށް ޖަވާބު ނުދެއްވާ މެންބަރު އާޒިމް ވަނީ "ހިންގާލަން" ޝިއާރު މާނަކޮށްދެއްވައިފައެވެ. އެގޮތުން އާޒިމް ވިދާޅުވީ ހިންގައިލުމުގެ މާނައަށް ބަލައިލިއިރު އޭނާއަށް އޭގެ މާނައަކަށް އައީ "ޖީބު ބޮޑުކުރުން" ކަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!