އުމުރުން 65 އަހަރުން މަތީ މީހުންނަށް މިއަހަރު ޙައްޖަށް ނުދެވޭ

މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން ކުރަން ދެވޭނީ 65 އަހަރުން ދަށުގެ މީހުންނަށް ކަމަށް ސައުދީ ސަރުކާރުން ނިންމައިފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރަން 65 އަހަރުން ދަށުގެ އެއް މިލިއަން މީހުންނަށް ބައިވެރިވެވޭ ގޮތަށް ސައުދީ ސަރުކާރުން ވަނީ ނިންމައިފައެވެ.
މުޅި ދުނިޔެއަށް ފެތުރުނު ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން ފާއިތުވީ ދެ އަހަރު ވެސް ސައުދީން ވަނީ ޙައްޖަށްދާން ހުއްދަ ދިން މީހުންގެ އަދަދު މަދުކޮށްފައެވެ. އެގޮތުން 2020ވަނަ އަހަރު، އެ ޤައުމުގައި ދިރިއުޅޭ މީހުންނަށް އެކަނި އެ ހުއްދަ ދިން އިރު، މިދިޔަ އަހަރު ހުއްދަދީފައި ވަނީ އެންމެ 60،000 މީހުންނަށެވެ.
ނަމަވެސް މިއަހަރު ޙައްޖުވުމުގެ ފުރުސަތު ސައުދީއާއި އެހެން ޤައުމުތަކުގެ މީހުންނަށް ވެސް ދީފައިވާ ކަމަށާއި އެގޮތުން 65 އަހަރުން ދަށުގެ އެއް މިލިއަން މީހުންނަށް އެ ފުރުސަތު ހުޅުވައިލެވިފައިވާ ކަމަށް ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި މިއަދު ބުނެފައިވެއެވެ.