ދުނިޔެ

ޖޭމްސް މައިނާ: ސޯޝަލް މީޑިއާއިން ފެނުނު "ކުލަ މަޖާ" މީހާގެ ވާހަކަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ދުނިޔޭގެ ގިނަ ޤަައުމުތަކުގައި، ބޭރަށް ނިކުންނައިރު މާސްކު އަޅަން މަޖުބޫރުވުންވީ ގިނަ ބަޔަކަށް ލިބުނު ވަރަށް ބޮޑު މާޔޫސް ކަމަކަށެވެ.

Ads by Sosun Fihaara

ނަމަވެސް ނައިރޯބީގެ ޖޭމްސް މައިނާ ވާންގީއަށް މިކަންވީ އޭނަގެ ފެޝަންތައް ދައްކާލުމަށް ލިބުނު ރަނުގެ ފުރުސަތަކަށެެވެ.

ދާދި ފަހުން ސޯޝަލް މީޑިއާގައި ވެސް ވަނީ ޖޭމްސް ގެ ފޮޓޯތައް އާއްމުވެފައެވެ.

އެގޮތުން އޭނާ ލައިގެން ހުންނަ ގަމީހާއި، ފަޓުލޫނާއި، ޖެކެޓު އެއް ކުލައެއްގައި ހުންނައިރު ބޮލުގައި އަޅާފައި ހުންނަ ތޮތްޕާއި، އައިނު ދުނިގަނޑާއި، ފޯނުގެ ކަވަރު އަދި އަތުކުރި ގަޑިއާއި އިނގިލީގައި އަޅައިގެން ހުރި އަނގޮޓިތައް ވެސް ހުރީ އެއްކުލައެއްގައެވެ. އަދި ހަމަ އެކުލައިގެ ބޫޓަށް ވެސް އަރާފައިހުރިއިރު، އޭނާ އަޅައިގެން ހުންނަ މާސްކު ވެސް ހަމަ އެއްކުލައެވެ.

ވަރަށް ވެސް ކުލަގަދަކޮށް ނައިރޯބީ ގެ މަގުތައް މަތީގައި ޖޭމްސް ހިނގުމުން އޭނާއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ އޭނާއަށް ލިބިފައެވެ.

އެއް ބަޔަކު އޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާ "ކުލަ މަޖާގަނޑެއް" ކަމަށް ބުނެ ޖޯކު ވެސް ޖަހާފައެވެ. ނަމަވެސް އެކަންކަމަށް އޭނާގެ ފަރުވާލެއް ނެތެވެ.

"ގިނަ ފިރިހެނުންނަށް ކަމުދަނީ ކަޅު ކުލައާއި، މުށި ކުލައާއި، އަޅި ކުލާއާއި ގަދަ ނޫ ކުލަ. އަހަންނަށް އެހެން ކުލަތައްވެސް ގުޅޭކަމާއި އެހެން ކުލަތައްވެސް ލެވިދާނެކަން އަހަންނަށް ވިސްނޭ" ޖޭމްސް ބުނެފައިވެއެވެ.

ޖޭމްސް ބުނި ގޮތުގައި އޭނާގެ އުމުރުން 12 އަހަރުގައި އޭނާ ސްކޫލަށް ދިޔުން ހުއްޓާލިއެވެ. އެއީ ސްކޫލްގެ ފީ ނުދެއްކިގެން ކަމަށާއި އެއިރު އޭނާ އަތުގައި އޮތީ އެންމެ ގަމީހެއް ކަމަށް ވެސް އޭނަ ބުންޏެވެ. ޖޭމްސް އުޅުނީ ދޮވެދޮވެގެން އެގަމީސް އެކަނި ލައިގެނެވެ.

މީހުންގެ މަލާމާތާއި ފުރައްސާރަ އެއިރު ވެސް އޭނާއަށް ލިބުނު ކަމަށާއި ނަމަވެސް އަމިއްލަ ހާލަތު ކޮންމެވެސް ދުވަހަކުން ބަދަލު ކުރާނެ ކަމަށް އަޒުމް ކަނޑައެޅިކަމަށް ވެސް ބުންޏެވެ. އަދި އާމްދަނީ ހޯދަން ބުރަކޮށް މަސައްކަތް ކުރި ކަމަށް ވެސް ބުނެފައިވެއެވެ.

މިހާރު އޭނާއަތުގައި 160 ސޫޓާއި 200 ބޫޓާއި 300 ތޮފި އެބަހުއްޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!