ރިޕޯޓް

ބަރުގޮނު އެޅުމުން މަގު ފުޅާ ވާކަމަށް ދިވެހިން ގަބޫލު ކުރަނީ ބާވައެވެ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދައްކަން މިއުޅެނީ ބައެއް ދިވެހިންގެ ކިބައިގައި ހަރުލައިފައިވާ ވަރަށް ނުރަނގަޅު އާދައެެއްގެ ވާހަކައެވެ. ނުރަނގަޅު އާދައެކޭ ދެންނެވުމުން ހިތްހަމަ ނުޖެހޭ ބަޔަކުވެސް އުޅެދާނޭ ކަން އެނގެއެވެ. ނަމަވެސް އެކަންވެސް ކުރަން ހައްދެއް އޮންނާނޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

Ads by MWSC

މާލޭގެ މަގުތަކަކީ ވަރަށްވެސް ބާރު ބޮޑު މަގުތަކެކެވެ. އަބަދުވެސް ތޮއްޖެހިފައި އޮންނަ މި މަގުތަކުގައި އަބަދުވެސް އެކި ބޭނުންތަކުގައި ނުކުމެ އުޅޭ އެތައްބަޔަކު އުޅެއެވެ. ފާހަގަވާ އެއް ކަމަކީ މި ހުރިހާ އެންމެންވެސް އުޅެނީ ތާކަށް ދާން ލަސްވެގެން ކަމެވެ. އެހެން މިބުނީ ގިނަ މީހުން ލައިނުގަނެގެން އުޅޭތަންފެންނާތީއެވެ.

ކޮންމެއަކަސް މަގުމަތީގައި އެކި ޑެލިވަރީތައް ކުރާ މީހުންނާއި އަދި އެހެނިހެެން ބޭނުންތަކުގައި މީހުން އުޅޭ އިރު އެ ދުއްވާ އެއްޗެއް މަޑު ކުރަން ޖެހޭ ފަހަރުވެސްއަންނާނޭ ކަން ޔަގީނެވެ.

ދުއްވާ އެއްޗެއް ތާކު މަޑުކޮށްފައި 30 ސިކުންތުވެސް ނުވެ، ފަހަތުގައި ޓްރެފިކްގައި ޖެހިފައި ތިބޭ މީހުން ބަރުގޮނު އަޅަން ފަށާނެއެވެ. ކުރީގައި އޮތް އުޅަނދެއްއެ ކުރަން އުޅޭ ކަމެއް ނިންމާފައި ދަންދެން ބަރުގޮނު އެޅުމުގައި “ފޯރިއާއެކު” ދެމިތިބެއެވެ.

ސުވާލަކީ މިގޮތަށް ބަރުގޮނު އެޅުމުން މަގު ފުޅާ ވޭހެއްޔެވެ؟ މީހަކު ފަހެ އަންތަރީހެއްނުވާނެ ހެއްޔެވެ؟ ދަންނަވަން ތޯއެވެ؟ މީހުންނަށް ޖެއްސުމަށް މިކަން ކުރާމީހުންގެ އަދަދުވެސް މަދެއްނޫނެވެ. ތިމާއަށް މިކުރެވެނީ ވަރަށް މޮޅު ކަމެކޭ އަޅެ ހިތަށް އަރަނީބާވައެވެ. ނަމަވެސް ހަގީގަތުގައި މީ ވަރަށް ދަށުދަރަޖައިގެއަމަލެކެވެ. ސުކޫލުގައި މަގުމަތީގެ އަދަބުތައް ކިޔެވީތީ އޭގެ ބޭނުން ހިފަނީ މަދު މީހެއްތާއެވެ. ގަބޫލު ކުރިޔަސް ނުކުރިޔަސް އާދެ މީ ހަމަ ހަގީގަތެވެ.

އެ ބަރުގޮނު އަޅާ ހިސާބެއްގެ ގެއެއްގައި މީހަކަށް ނިދާފައިވެސް ނޯއްވެވޭނެކަން ޔަގީނެވެ. ނިދުން އެކަންޏެއް ނޫނެވެ. ކިޔެވުން ކުރިއަށްދާ ވަގުތު ސުކޫލެއް ކައިރީގައި ވިޔަސް ހަމަ ފަރުވާލެއް ނެތެވެ. ބަރުގޮނު އަޅާ މީހުން ބަރުގޮނު އަޅާ މީހުންގެ ގޮތުގައި އަބަދަށް ތިބެން ހީވަނީ ހަމަ ނަދުރެއް ބުނެފައިވަނީ ހެނެވެ

ކޮންމެ މާ މޮޅު ކަމެއް ކަމަށް ހިތައި މަގުމަތީގައި ބަރުގޮނު އަޅާއިރުގައި އެހެން މީހުންނަށް އުނދަގޫވާނެކަން ހަމަ ނޭނގެނީ ބާވައެވެ. މީ ދެންބޮޑުވަރެއްނޫންތޯއެވެ؟ ދެން ދައްކަނީ ސައިކަލުގަ އަވީގަ މަޑުކުރަން ޖެހޭ ވާހަކައެވެ.

ކުރިމަތީގައި މަޑުކޮށްގެން އޮންނަ ޕިކަޕަކުން ސާމާނު ބާލަން އެތިބޭ މީހުން ތިބެނީ ފިނި ހިޔަލުގައި ހެއްޔެވެ؟ ސައިކަލުގައި އިންނަ މީހާ ސައިކަލުގައިއިށީނދެގެން އިންނަނީތާއެވެ. ނަމަވެސް ކުރިމަތީގައި އެއޮތް ޕިކަޕުގައި މަސައްކަތް ކުރާ މީހުން އެ މަސައްކަތް ކުރަނީ ބަރުގޮނު އަޅަމުން ދާ މީހުންނަށްލަސް ވެދާނެތީ ނުވަތަ ހޫނުވެދާނެތީ މަސައްކަތް އަވަސް ކޮށްލެވޭތޯއެވެ. ނަމަވެސް ބަރުގޮނު އަޅާ މީހުން ހުއްޓުމެއް ނެތި ކުދިކިޔަމުން ފޯރިޔާއެކު ބަރުގޮނުއެޅުމައިގެން ކުރިޔަށް ދާތަން ފެންނާތީ އެކަން ވަރަށް ހިތާމައާއި އެކު ފާހަގަ ކުރަމެވެ.

ތެދެކެވެ. ބަރުގޮނު ސައިކަލުގައި އިންނަނީ އެ ބޭނުން ކުރުމަށް ޓަކައެވެ. ނަމަވެސް މަގުމަތީގައި 30 ސުކުންތު ވަންދެން މަޑުކޮށްލަން ޖެހުނަސް ހީވަނީމަގުމަތީގައި “އީދުއައިސްގެން” އުޅޭހެންނެވެ. ބަލަ ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަންވާނެ ނޫންހެއްޔެވެ. މިއަށް ކިޔަނީ ބަރުގޮނު އެޅުމުގައިވެސްހައްދުން ނެއްޓުމެވެ.. އެހެންކަމުން ސައިކަލުގެ ބަރުގޮނުވެސް ބޭނުން ކުރަންޖެހޭ ވަރަށްވުރެ ގިނައިން ބޭނުން ނުކުރާނަމަ މިފަދަ ބޮޑެތި ޝަކުވާތަކާކުރިމަތި ލާކަށް ނުޖެހޭނެއެވެ.

މަގުމައްޗަކީ ތިމާގެ އަމިއްލަ ތަނެއްކަމުގައި ނުދެކެމާތޯއެވެ. އެހެން މީހުންގެ ވެސް ތަނެއް ކަން ދަނެ، އެހެންމީހުންގެ އިހުސާސް ތަކަށް އިޙްތިރާމް ކޮށްމަގުމަތީގެ އަދަބު ތަކަށް ބޯލަނބައިގެން އުޅެމާތޯއެވެ.މިއީ ރީތި އާދައެކެވެ.

ކުޑަކުޑަ މިސާލަކާމެދު ވިސްނާލާށެވެ. ތިމާ ދިރިއުޅޭ އެޕާޓްމަންޓު ބަދަލުވާއިރު އެއްޗެހި އުފުލާއިރު މަގުމަތީގައި އެތަކެތި އަރުވާ ބޭލުމަށް މަޑުކޮށްލާއިރަށްބަރުގޮނު އެޅުމުން ތިމާއަށް ވެސް އެ އުނދަގޫ ވާނެއެވެ. ބަރުގޮނު އެޅުމަކުން ގައިމުވެސް މަގު ފުޅައެއްނުވާނެއެވެ. ގަބޫލު ކުރަން ބޭނުން ނުވިޔަަސް މިއީފެންނަން އޮތް ހަގީގަތެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!