އިޔާޒް، ނަޝީދަށް: ހެޔޮ ކަމެއް ކޮށްފައިވުމަކީ "ވަގު އައިޑީ" ބޭނުންކޮށް ބޭއަދަބީ ވާހަކަ ދެއްކޭނެ ކަމެއް ނޫން
މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒް، ކުރީގެ ރައީސް، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ހޫނު ބަހުގެ ރައްދެއް ދެއްވައިފިއެވެ.
ދީނީ ޢިލްމުވެރިންނަށް "އަނގަ ހުޅުވަން" ފުރުސަތު ދެއްވީވެސް ރައީސް ނަޝީދު ކަމަށް ބުނެ މީހަކު ކުރި ޓްވީޓަކަށް ޖަވާބުދެއްވަމުން އިޔާޒް ވިދާޅުވެފައިވަނީ، ރަނގަޅު ކަމެއް ކޮށްފައިވުމަކީ "ވަގު އައިޑީ" ބޭނުންކޮށް ބޭއަދަބީ ވާހަކަ ދެއްކޭނެ ކަމެއް ނޫން ކަމަށާއި ދެމޫނުގެ ވެރިޔަކަށް ޤައުމު ސުންނާފަތި ކުރުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށެވެ.
Heyo kameh kohdheefai vumaky eyge badhalugai "kala govaa", dhe moonuge veriyakah vegen "vagu id" medhuverikoh bey adhaby basthah beynun kuran oiy furusatheh noon. Gaumu sunnaafathi kuraakah furusatheh nudheveyne in sha Allah.
— Dr Mohamed Iyaz (@dr_iyaz) February 20, 2020
އެލެކްސްގެ ނަމުން ނަންދީފައިވަނީ ރައީސް ނަޝީދު ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ އައިޑީން އިޔާޒަށް ރަށްދުކޮށް ބޭއަދަބީ ވާހަކަތަކެއްވަނީ ދައްކާފައެވެ. މިގޮތުން މިދެފަރާތުގެ ދެމެދުގައި "ހަމަލާއެއް" އަމާޒުވީ ޑރ.ބިލާލް ފިލިޕްސް ރާއްޖެ ގެނައުމާއި ދެކޮޅަށް ނަޝީދުކުރެއްވި ޓްވީޓަށް އިޔާޒް ރައްދު ދެއްވުމުންނެވެ.
ނަޝީދަށް ރައްދު ދެއްވާ އިޔާޒް ވިދާޅުވީ ދީނީ ނަސޭހަތް ރަނގަޅު ގޮތުގައި ދެއްވާނެ ބޭފުޅުންނާއި އެނޫން ބޭފުޅުން ވަކިކުރައްވަން އެނގިވަޑައިގަންނަވާ ވަރަށްވުރެ ނަޝީދުގެ ލާދީނީކަން ބޮޑު ކަމަށާއި، ނަޝީދު ނޭނގޭ ވާހަކަ ނުދައްކަވާ މަޑުން ހުންނެވުމަަށާއި ފަތަށް ވެސް ލުއި ވާނީ އެގޮތް ކަމަށް އިޔާޒް ވިދާޅުވިއެވެ.
އިޔާޒްގެ އެވާހަކަތަކަށް އެލެކްސް އައިޑީ އިން ރައްދު ޓްވީޓްކޮށްފައިވަނީ، އިޔާޒަށް ދިމާވެފައިވާ މައްސަލަ ކަމަށް ހަކީމުން ބުނަނީ "އިންތިހާއަށް ވަހުޝީވެފައި، ކާފަރުވެފައި، ޖިންސީ ގުޅުމަށް ދެވިއަރާފައި ވުން" ކަމަށެވެ.
ރައީސް ނަޝީދާއި ޑރ.އިޔާޒްއާ ދެމެދު މީގެ ކުރިންވެސް ބޮޑެތި ބަހުގެ ހަމަލާތައް ރައްދުކުރެވެެއެވެ. މިގޮތުން، އިޔާޒް ނަޝީދަށް އިތުރަށް ދެއްވަން ޖެހޭ ދީނީ ނަސޭހަތެއް ނޯންނާނެ ކަމަށް ވެސް ނަޝީދު މީގެ ކުރިންވަނީ ވިދާޅުވެފައި ވެއެވެ