ނިހާދުގެ ރައްދު ބޮންޑޭއަށް: ވަޒީރުން ދެކެ ރުޅި އަންނަނީ ވައްކަންކުރަން ފުރުސަތު ނުދޭތީ

ކޮރަޕްޓް ވަޒީރުން ލައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ލިބިވަޑައިނުގަންނަވާނެ ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވުމުން ފޭދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ނިހާދު ރައްދު ދެއްވައިފިއެވެ.
ނިހާދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވަޒީރުން ދެކެ ރުޅި އައިސްގެން އުޅެނީ ވައްކަން ކުރަން ފުރުސަތު ނުދީގެން ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ފަޅު ރަށާއި ޕްރޮޖެކްޓް ، ބިޑަކާއި ނުލައި ނެގި ގޮތަށް މިހާރު ނުނެގޭތީ ރުޅި އައިސްގެން އުޅޭ ކަމަށާއި ބުނާ އެންމެނަށް ހުޅުމާލެއިން ބިން ނުދީ އުސޫލުގެ ތެރެއިން ކަންކަން ކުރަމުން އަންނާތީ ތިބެނީ ރުޅިގަދަ ވެފައި ކަށެވެ. ރުޅިގަދަ ވިޔަސް ބިޑަކާ ނުލައި މިފަދަ ކަންކަން ނުވާނެ ކަމަށް ނިހާދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
މި މަހު 14ވަނަ ދުވަހު އޮންނަ ޗެއަރޕާސަންގެ އިންތިޚާބު މިހާރު ވަނީ ވަރަށް ފޯރިގަދަވެފައެވެ. ފައްޔާޒާއި އިމްތިޔާޒް ފަހްމީ ވާދަ ކުރައްވާ މި އިންތިޚާބާ އެކު އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ބައިބައިވެފައެވެ.