ޚަބަރު

މުވައްޒަފުންނަށް ފުރައްސާރަކުރުން ބަލައެއް ނުގަނެވޭނެ: އައިޖީއެމްއެޗް

ދެން އެމްވީ ، ދެން އޮންލައިން

ހޮސްޕިޓަލުގެ މުވައްޒަފުންނަށް މަލާމާތާއި ފުރައްސާރަ ކުުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

Ads by STELCO

އައިޖީއެމްއެޗުން މިހެން ބުނެފައި ވަނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރެއްގެ ގާބިލުކަމާއި މެދު ސުވާލު އުފައްދައި، މީހަކު ސޯޝަލް މީޑިއާގައި ދައުރުކުރި ފޮޓޯއަކާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ބަޔާނުގައި ބުނެފައިވަނީ އެ ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި، ނަރުހުންނާއި، އަދި އެހެނިހެން ސިއްޙީ އެހީތެރިންނަކީ ބައިނަލްއަޤްވާމީ މިންގަނޑުތައް ޤަބޫލުކުރާ ތަޢުލީމާއި ތަމްރީންތައް ފުރިހަމަކޮށްފައިވާ ބައެއްކަމަށެވެ. އަދި އެމީހުންނަނީ ރާއްޖޭގެ ކަމާއިބެހޭ ކައުންސިލްތަކުންދޭ އިމްތިހާނުތަކާއި، އެހެނިހެން އިޖުރާއަތްތައް ފުރިހަމަކޮށް، މި ކައުންސިލްތަކުގައި ރެޖިސްޓްރީވެފައިވާ ޤާބިލު ފަންނީ މުޢައްޒަފުންކަންވެސް ފާހަގަކޮށްފައިވެއެވެ.

އައިޖީއެމްއެޗުން ބުނެފައި ވަނީ ޑޮކްޓަރުން ދޭ ބައެއް ޚިދުމަތްތައް ދިނުމުގައި އެކަމަކާއި ގުޅޭ ޑޭޓާބޭސްތަކާއި، ސޮފްޓްވެއަރތައް ބޭނުން ކުރާކަމަށެވެ. ޚާއްސަކޮށް ބޭސް ދިނުމުގައި ޑޯޒް ކަލްކިއުލޭޝަން ކަށަވަރުކުރުމަށް މިފަދަ ސޮފްޓްވެއަރތައް ބޭނުންކުރާކަމަށާއި، މިއީ އެއްގޮތަކަށްވެސް އެ ޑޮކްޓަރެއްގެ ޤާބިލުކަމާއިމެދު ސުވާލު އުފެދޭ ކަމެއް ނޫންކަމަށެވެ. އަދި މިއީ ފަރުވާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރާ އިތުރު މަސައްކަތެއްގެ ގޮތުގައި ހޮސްޕިޓަލުން ފާހަގަކުރާ ކަމަށާއި އަދި އެއީ ހޮސްޕިޓަލުން ތަރުޙީބުދޭ ކަމެއްކަމަށްވެސް އައިޖީއެމް ހޮސްޕިޓަލްގެ ބަޔާނުގައިވެއެވެ.

އައިޖީއެމްއެޗުން ވަނީ ހޮސްޕިޓަލްގެ ކޮންސަލްޓަންސީ ރޫމްފަދަ ތަންތަނުގައި ފޮޓޯ ނެގުންފަދަ ކަންކަން ކުރުމަކީވެސް މަނާ ކަމެއްކަމަށް ފާހަގަކޮށްފައެވެ. އަދި ހޮސްޕިޓަލްގެ މުވައްޒަފުންގެ މަސައްކަތާއި، މުއައްޒަފުންނަށް މަލާމާތާއި ފުރައްސާރަ ރައްދުވާ އެއްވެސް ޢަމަލެއް ހޮސްޕިޓަލުން ބަލައި ނުގަންނާނެކަމަށާއި، އެ ފަދަ ކަންކަމަށް ފިޔަވަޅުއެޅުމަށް ފަސް ނުޖެހޭނެކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!