ރިޕޯޓް

ވިސާއަކާ ނުލައި 90 ދުވަސް އިންޑިއާގައި، ދަތުރު ކުރުމުގެ ކުރިން އެނގެން ޖެހޭ ކަންކަން!

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން އިންޑިއާއަށް ދަތުރު ނުކުރާ ދިވެއްސަކު މަދުވާނެއެވެ. ސިއްހީ ފަރުވާއަށް ނޫނީ ޗުއްޓީ ހޭދަކޮށްލާށެވެ. ނުވަތަ ވިޔަފާރިއެއް ކޮށްލާށެވެ.

Ads by STELCO

"ދެން"ގެ ފައްސިޔަ ޓީމުން އިންޑިއާއަށް ކުރި ދަތުގެ ތަޖުރިބާތައް މީގެ ކުރިން ވާނީ ހިއްސާކޮށްފައެވެ. މިފަަހަރުގެ ލިޔުން މި ޚާއްސަކޮށްލަނީ އިންޑިއާއަށް ދަތުރުކުރާ ދިވެހިން ދަތުރު ކުރުމުގެ ކުރިން ހަނދާން ބަހައްޓަން ޖެހޭ ކަންކަމެވެ.

ހެލްތް ފޯމް (އެއަރ ސްވިދަރ)

އިންޑިއާއަށް ދަތުރު ކުރާނަމަ އެއަރ ސްވިދަރ ފޯމް ފުރުމަށް ޚާއްސަ ސަމާލު ކަމެއް ދޭން ޖެހެއެވެ. ސަބަބަކީ މި ފޯމް ނުފުރާ އެ ޤައުމަށް އެތެރެވުމަށް ހުރަސްތަކާ ކުރިމަތިވުމެވެ. މިއީ ކޮވިޑް-19އާ އެކު ތައާރަފް ކުރެވުނު ފޯމެކެވެ. މި ފޯމްގެ މަޤްސަދަކީ ކޮންޓެކްޓް ޓްރޭސް ކުރުމަށް ފަސޭހަ ކުރުމާއި ގުޅަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމެވެ.

އެއާ ސްވިދަރ ފުރުއްވުމަށް މި ލިންކަށް ކްލިކް ކޮށްލާށެވެ. އިންޑިއާގެ ކޮންމެ އެއަރޕޯޓަކަށް ފްލައިޓް ޖައްސާ ނަމަވެސް ފުރަން ޖެހެނީ މި ފޯމެވެ. ފޯމުގައި ހިމެނިފައި ވަނީ މީހާގެ އަމިއްލަ މައުލޫމާތެވެ، އެކުގައި އިތުރު ފަރާތެއް ދަތުރު ކުރާނަމަ އެ މީހެއްގެ މައުލޫމާތު އެއް ކުރެވޭނެއެވެ. ނުވަތަ ވަކިން ވެސް ފުރޭނެއެވެ.

މައުލޫމާތުތައް ފުރާއިރު، ފްލައިޓްގެ ސީޓް ނަންބަރު ޖަހަން ޖެހޭނެއެވެ. ކުރީބައިގައި ވަކިން ސީޓެއް ނަގައިފައި ނެތް ނަމަ މިތަނުގައި 00 ޖަހާށެވެ. މިބައި ބޯޑިން ފުރިހަމަ ކުރުމަށް ފަހު އެޑިޓް ކުރެވޭނެއެވެ.

އެއާ ސްވިދަރގައި އެ މީހެއްގެ ސިއްޙީ ހާލަތު ބަޔާން ކުރަން ޖެހޭނެއެވެ. ބޮޑު ބައްޔެއް ޖެހިފައި ހުރިތޯއާއި، ދަތުރު ކުރާ މަންޒިލާ ބެހޭ ތަފްސީލް ފުރިހަމަ ކުރަން ޖެހޭނެއެވެ.

އިންޑިއާއަށް ދަތުރު ކުރުމުގެ ކުރިން ހުންނާނެ ތަނެއް ހޯދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

އިމުގަ ފޯމް (ޓްރެވެލާ ޑިކްލަރޭޝަން)

ޓްރެވެލާ ޑިކްލަރޭޝަން ފޯމަކީ ރާއްޖެއިން ފުރާ އަދި ރާއްޖެ އަންނަ ދަތުރުވެރިން ދަތުރުގެ 72 ގަޑިއިރުގެ ތެރޭގައި ފުރަން ޖެހޭ ފޯމެކެވެ. މި ފޯމުގައި ހިމެނެނީ ދަތުރުކުރާ ފަރާތުގެ މައުލޫމާތާއި ދަތުރު ކުރާ ތަނުގެ މައުލޫމާތެވެ. މިގޮތުން, ދަތުރު ކުރާ ޤައުމުގެ ނަމާއި ރާއްޖޭގެ އެޑްރެސްގެ އިތުރުން އެމެޖެންސީ ހާލަތެއްގައި ގުޅާނެ ފަރާތުގެ މައުލޫމާތު ވެސް ހިމަނަން ޖެހޭނެއެވެ.

މީގެ އިތުރުން އެ މީހެއް ފޮޓޯ ވެސް އިމުގައަށް އަޕްލޯޑް ކުރަން ޖެހޭނެއެވެ. ފޯނުން ނަގައިފައިވާ ފޮޓޯއަކަސް އެންމެ ރަނގަޅެވެ. ޝަރުތަކީ ކޮނޑުން މަތި ފެންނަން ޖެހުމެވެ. އަދި ވަށައިގެންވާ މާހައުލުގައި މާ ގިނަ އެއްޗެހި ނެތުމެވެ.

ވިސާ

ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުމުގެ ތެރެއިން އިންޑިއާއަށް ދިއުމަށް 90 ދުވަހުގެ އޮން-އެރައިވަލް ވިސާއެއް ދެއެއެވެ. މާނައަކީ ވިސާއަކާ ނުލައި ތިން މަސް ދުވަހު އިންޑިއާގައި ހޭދަކުރެވޭނެއެވެ. އެއީ ކޮންމެ ހަ މަސް ދުވަހަކުންނެވެ. އެއަށް ވުރެ ގިނަ ދުވަހު މަޑު ކުރަން ބޭނުން ނަމަ އެކަމަށް ޚާއްސަ ވިސާ ނަގަން ޖެހޭނެއެވެ.

ބޭސް ފަރުވާގެ ކަމެއްގައި އިންޑިއާއަށް ދަތުރުކުރާ ނަމަ ވެސް ވަކި ޚާއްސަ ވިސާއެއް ނަގާކަށް ނުޖެހޭނެެއެވެ. ނަމަވެސް ދިގު މުއްދަތަކަށް ފަރުވާއަށް ދާނަމަ މެޑިކަލް ވިސާގައި ދިއުން ބުއްދިވެރިއެވެ.

ވިސާ ނެގުމަށް މިސައިޓަށް ދުރުވާށެވެ. ވިސާއަށް 2 އިންޗް 2 އިންޗްގެ ފޮޓޯއެއް ބޭނުންވާނެއެވެ.

އޮން-އެރައިވަލް ވިސާގައި ގޮސްފައި، މެޑިކަލް ކަމެއްގައި ވިސާގެ މުއްދަތު އިތުރު ކުރަން ޖެހޭ ނަމަ އެފްއާރްއާރްއޯ ވެބްސައިޓުން އެކަން ކުރެވޭނެއެވެ.

ވެކްސިން ކާޑް

އިންޑިއާގައި މިހާރު އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން، އެ ޤައުމަށް އެތެރެ ވެވޭނީ ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. ރާއްޖެއިން ފުރުމުގެ ކުރިން ވެކްސިން ކާޑް ކައުންޓަރަށް ދައްކަން ޖެހެއެވެ. ބައެއް ފަހަރު ވެކްސިން ކާޑް ހޯދުމަށް އިންޑިއާގެ އިމިގްރޭޝަން އޮފިސަރުން އަހާނެއެވެ. މިހެންކަމުން ވެކްސިން ފާސް ދަތުރުކުރާ ނަމަ އަތުގައި ބޭއްވުން ބުއްދިވެެރިއެވެ. ވެކްސިން ކާޑް ގެއްލިފައިވާ ނަމަ، އިލެކްޓްރޯނިކް ވެކްސިން ކާޑް ވެސް ފުދޭނެއެވެ.

ވެކްސިން އީ-ފާސް ހޯދުމަށް މި ލިންކަށް ޒިޔާރަތްކޮށްލައްވާށެވެ.

ޕާސްޕޯޓް

ކޮންމެ ޤައުމަކަށް ދަތުރު ކުރާ ނަމަވެސް ޕާސްޕޯޓަކީ ކޮންމެހެން އޮންނަން ޖެހޭ ލިޔެކިޔުމެކެވެ. ޕާސްޕޯޓަކީ ރާއްޖޭގެ އިމިގްރޭޝަނުން ދޫކުރާ ފޮތެވެ. އެއީ އެ މީހާއަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ލިޔުމެވެ. ޕާސްޕޯޓް އަބަދު ވެސް ރައްކާތެރިކޮށް ބަހައްޓަން ވާނެއެވެ. އަދި އެއްވެސް ހާލެއްގައި ޕާސްޕޯޓް ގެއްލުވައިލައިގެން ނުވާނެއެވެ. ދަތުރުގެ ތެރެއިން ޕާސްޕޯޓް ގެއްލިއްޖެ ނަމަ އެ ޤައުމެއްގައި ހުންނަ ދިވެހި އެންބަސީއަށް ގުޅައިގެން ކުރިޔަށް ގެންދެވޭނެއެވެ. އަމިއްލަ އިޙްމާލުން ޕާޕޯޓް ގެއްލިއްޖެ ނަމަ އެއީ ކުށެއްގެ ގޮތުގައި ބަލައި 5،000އާއި 25،000އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ.

ޕާސްޕޯޓް ހެއްދުން މިހާރު އޮންލައިންކޮށް ފަސޭހަކަމާ އެކު ކުރިޔަށް ގެންދެވޭނެއެވެ. ޕާސްޕޯޓް ހެދުމަށް، އިގިމްޝަންގެ އިމުގަ ބޭނުން ކުރެވޭނެއެވެ. މި ލިންކް އިން އިމުގައަށް ވަދެވޭނެއެވެ.

ޓިކެޓްގެ ކޮޕީއެއް

ޓިކެޓް ނެގުމަށްފަހު ޓިކެޓްގެ އިލެކްޓްރޯނިކް ކޮޕީއެއް މެއިލް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ. ދަތުރު ކުރުމުގެ ކުރިން މި ކޮޕީ އެއަރޕޯޓް ސެކިއުރިޓީންނަށް ދައްކަން ޖެހޭނެއެވެ.

އެންމެ ހެޔޮ އަގުގައި ދަތުރު ޓިކެޓް ބައްލަވައިގަތުމަށް، ކިވީގެ ސައިޓް ޚިޔާރު ކުރައްވާށެވެ. އެ ސައިޓުން، އެކި ފްލައިޓްގެ އަގުތައް އަޅައިކިޔުމަށް ފަހު، އެންމެ ހެޔޮ އަގުގައި ދަތުރު ކުރެވޭނެ ފްލައިޓް ބުނެދޭނެއެވެ.

އިންޑިއާގެ ދިއްލީގައި ހުންނަ ދިވެހި ރާއްޖޭގެ އެންބަސީ
ފޯން ނަންބަރު: 911141435701/08+
އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ރާއްޖޭގެ ކޮންސިއުލޭޓް
ފޯން ނަންބަރު: 914712558190+
އީމެއިލް: [email protected]

ދަތުރުގެ ތެރެއިން ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ އެހީއަކަށް ބޭނުންވެއްޖެ ނަމަ އިންޑިއާގައި ހުންނަ ދިވެހި އެންބަސީއަށް ގުޅައިގެން ކުރިޔަށް ގެންދާށެވެ.

  1. ސިއްބީރު

    ވަަރަށް މުހިއްމު ލިޔުމެއް، ދެން ޓީމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!

  2. ޢަލީ

    ވަރަށް ބޭނުންތެރި މަޢްލޫމާތެއް