ފަައްޔާޒާއެކު 2023 ކާމިޔާބު ކުރުމަށް ރަނގަޅު މިސްރާބަކަށް ދަތުރު ކުރާނެކަން ޔަޤީން: ރައީސް
މި މަހުގެ 16ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަންކަމަށް އިންތިހާބުވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބައްދަލު ކުރައްވައިފިއެވެ.
މިއީ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޗެއާޕާސްގެ ހައިސިއްޔަތުން ރައީސް ޞާލިޙާ ފައްޔާޒް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސް ޞާލިޙް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަޔާގެ ހިންގުމުގެ ތަޖުރިބާއާ އެކު ޕާޓީއާ އެކު ކުރިއަށް ގޮސް 2023އަށް ރަނގަޅު މިސްރާބަކަށް ދަތުރު ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް ކަމަށެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހައި ތަނަށް ބޭއްވި އެންމެ ފޯރިގަދަ އެތެރޭގެ އިންތިހާބަށްވި އެމްޑީޕީގެ އިންތިހާބުގައި ޗެއާޕާސަންގެ މަޤާމަށް ފައްޔާޒާއި ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.
މި އިންތިހާބުގެ ފޯރި ފެށުނީއްސުރެ ގިނަ ބަޔަކު ބުނަމުން އައީ އެ އިންތިހާބަކީ ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ވާދަކުރެއްވުމެއް ކަމަށެވެ. އެގޮތުން އިމްތިޔާޒް ފަހުމީ ނިކުންނެވީ ރައީސް ނަޝީދުގެ ތާޢީދާ އެކު ކަމަށާއި ފައްޔާޒް އިސްމާޢިލް ނިކުންނެވީ ރައީސް ސޯލިހުގެ ތާއީދާއެކު ކަމަށް ގިނަ ބަޔަކު އައީ ބުނަމުންނެވެ.
ފައްޔާޒް އިސްމާޢިލް ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ އެމްޑީޕީގެ ސެކްރެޓިރިއޭޓުގައި ފައްޔާޒް އިސްމާޢީލާ ބައްދަލު ކުރައްވައިފައެވެ.