ކުޅިވަރު ފުޓްބޯޅަ

ޕެރިހުން މިއަދު ފެންނަނީ އެމްބާޕޭއަށް ރެއާލްގެ ސަޕޯޓަރުން އޮތް ނުރުހުން!

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

މި ރެއަކީ ފްރާންސްގެ ޕެރިހަށް ބޮޑު ރެއެކެވެ. ފުޓުބޯޅަ ދުނިޔެއަށް ވެސް ބޮޑު ރެއެކެވެ. ކޮންމެ ސީޒަނެއްގައި ވެސް ކުޅޭ އެންމެ ފޯރިގަދަ އެއް މެޗުކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅޭ ރެއެވެ.

Ads by STELCO

ފުރަތަމަ ޔޫކްރެއިންގައި ކުޅޭ ގޮތަށް ހަމަޖެހިފައި އޮތް މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް، ޔޫކްރޭން-ރަޝިޔާ ހަނގުރާމައާ ގުޅިގެން ޔޫއެފާއިން ފްރާންސްގެ ޕެރިސްގައި ކުޅޭ ގޮތަށް ބަދަލު ކުރީއެވެ.

މިރޭގެ މެޗުގައި އިނގިރޭސިވިލާތުގެ ލިވަޕޫލްއާއި ސްޕެއިންގެ ރިއާލް މެޑްރިޑް ބައްދަލުކުރާ އިރު، މެޑްރިޑް ސަޕޯޓަރުންނަށް ފާއިތުވެދިޔަ ހަފްތާއަކީ ހިތާމަވެރި ހަފްތާއެކެވެ.

މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ، ފްރާންސްގެ ކިލިއަން އެމްބާޕޭ ،ރިއާލް މެޑްރިޑަށް ސޮއި ކުރާނެކަމަށް ވަރަށް ބޮޑަށް އުއްމީދުކޮށްގެން ތިއްބައި އެމްބާޕޭ މިހާރުގެ ޓީމު ޕީ.އެސް.ޖީއާ އެކު އިތުރު 3 އަހަރުގެ ކޮންޓްރެކްޓެއް ހަދައި އެކަން އިޢުލާންކުރުމާ އެކު ރިއާލްގެ ސަޕޯޓަރުން އެންމެ ނުރުހޭ އެއް ކުޅުންތެރިއަކަށް އެމްބާޕޭ މިހާރު ވަނީ ވެފައެވެ.

މިރޭ ކުޅޭ މެޗަށް ރިއާލްގެ ގިނަ ސަޕޯޓަރުން ޕެރިހަށް ގޮސްފައިވާއިރު، ބައެއް ސަޕޯޓަރުންގެ ޓީޝާޓުތަކުންނާއި، ޕޯސްޓަރުތަކުން އެމްބާޕޭއަށް އެމީހުންގެ ނުރުހުން އޮތް ވަރު އަންނަނީ އަންގައިދެމުންނެވެ. ހާއްސަކޮށް ޕެރިސްގައި މެޗު ކުޅެވިގެންދާތީ މިކަން ބޮޑުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮންމެއަކަސް މިރޭގެ މެޗު ރިއާލް މެޑްރިޑް ކާމިޔާބުކޮށްފި ނަމަ އެމްބާޕޭއަށް ފާޑުކިޔާ މިންވަރު އިތުރު ވެގެންދާނެކަމަށް ބެލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!