އުރީދޫ އެމް-ފައިސާގެ ބައިނަލްއަގްވާމީ ހިދުމަތްތަކުގެ ޓްރަޔަލް ފަށައިފި

އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާގެ ބައިނަލްއަޤުވާމީ ހިދުމަތްތަކުގެ ޓްރަޔަލްއެއް ފަށައިފިއެވެ.
އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ، އެމް.އެމް.އޭއިން އެ ކުންފުންޏަށް އިންޓަނޭޝަނަލް ރެމިޓެންސް ލައިސަންސް ދީފައިވާ ކަމަށެވެ. މި ލައިސެންސަކީ ބޭރު ގައުމުތަކާ އެކު ފައިސާގެ މުއާމަލާތް ކުރުމަށް ދޭ ހާއްސަ ލައިސެންސެކެވެ.
ނިޔާޒު ވިދާޅުވި ގޮތުގައި، އެމް-ފައިސާ މެދުވެރިކޮށް އެހެން ގައުމުތަކާ މުއާމަލާތު ކުރާއިރު، ފޮނުވާ ފައިސާ އެ ގައުމެއްގެ ފައިސާއިން ބޭނުންކުރެވޭ ގޮތަށް ބަދަލު ކުރެވޭނެއެވެ.
މި ހިދުމަތަށް ބޭނުންވާ ޓެސްޓުތައް ނިމުމާ އެކު އެ ކުންފުނިން މިހާރު އަންނަނީ އެމް.އެމް.އޭއާ ގުޅިގެން މަދު ކަސްޓަމަރުންތަކެއް ބޭނުންކޮށްގެން ޓްރިޔަލް ކުރިއަށް ގެންދަމުން ކަމަށާއި އެ ޓްރިޔަލްގެ މުއްދަތަކީ އެއް ހަފްތާކަމަށް ވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މި ހިދުމަތުގެ ސަބަބުން ބޭރު ގައުމުތަކުގައި އުޅޭ ދިވެހިންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. މީގެ އިތުރުން ޑިޖިޓަލް ވޮލެޓް، އެމް-ފައިސާގެ ހިދުމަތް ރައްކާތެރިވާނެ ކަމަށާއި ޑިޖިޓަލް ފައިސާގެ ހިދުމަތް ދެމުން ދާތާ ފަސް އަހަރު ވެފައިވާއިރު އެ ހިދުމަތުގެ އެއްވެސް މައްސަލައެއް ދިމާވެފަައި ނެތް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.