'ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު' މަޝްރޫޢުގެ ތެރެއިން މާލެއާއި ވިލިމާލެ ، 2023ގެ އޯގަސްޓަށް ގުޅުވައިލައި ހުޅުވާލެވޭ ވަރު ވާނެކަމަށް އެ މަޝްރޫޢު ކުރިއަށް ގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނެފިއެވެ.
މިހާރު އިންޑިއާއަށް ގޮސްގެން އުޅޭ ދިވެހި ނޫސްވެރިންނާ އެފްކޮންސް ކުންފުނިން ބައްދަލުކޮށް ބުރިޖާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އެ ކުންފުނިން ބުނެފައިވާ ގޮތުގައި، އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނުވަތަ އޯގަސްޓު މަހުގެ 15އާ ދެމެދު މާލެއާއި ވިލިމާލެ ގުޅުވައިލައި ހުޅުވާލެވޭ ވަރު ވާނެއެވެ.
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހު ވެސް މީގެ ކުރިން ވިދާޅުވެފައި ވަނީ ބުރިޖުގެ ބައިބައި ނިމެމުންދާވަރަކަށް ހުޅުވައިލުމަށް ވިސްނަވާ ކަމަށެވެ.
މާލެއިން ވިލިމާލެއަށް ބުރިޖު ގުޅުވައިލުމަށް ފަހު، ގުޅީފަޅާ ހަމައަށް ބްރިޖްގެ މަސައްކަތް ނިންމައިލެވޭނީ އަންނަ އަހަރުގެ ޑިސެމްބަރު މަހު ކަމަށާއި އަދި ތިލަފުއްޓާ ހަމައަށް ބުރިޖް އަޅައި މުޅި ބުރިޖްގެ މަސައްކަތް ނިންމާލެވޭނީ 2024ވަނަ އަހަރުގެ ނޮވެމްބަރު މަހު ކަމަށް އެ ކުންފުނިން ބުނެއެވެ.
އިންޑިއާގައި އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި މި ފަދަ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ ތަޖުރިބާ ހުރި އެ ކުންފުނީގެ 500 މުވައްޒަފުން މިހާރު ވެސް ބުރިޖުގެ އެކި މަސައްކަތްތައް ކުރުމުގައި ހަރަކާތްތެރިވަމުންދާކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ. އަދި ކުރިއަށް އޮތްތާ 76 އިންޖިނިއަރުންނާއި 727 މަސައްކަތު މީހުން އަންނާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެެއެވެ.