ޚަބަރު

ރާއްޖޭގެ އިޤްތިޞާދު އޮތް ހާލަތުން މިއީ ބުރިޖު އަޅަންވީ ވަގުތެއް ނޫން: ޔާމީން

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިވަގުތު އޮތް ގޮތުން، މިއީ ބުރިޖު އަޅަންވީ ވަގުތު ނޫންކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

'މަވެސް ޕީ.ޕީ.އެމް' މި ނަމުގައި މިރޭ އެ ޕާޓީގެ އޮފީހުގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ހާލަތާ މެދު ދުނިޔޭގެ ބޮޑެތި ޖަމިއްޔާތަކުންނާއި މާލީ އިދާރާތަކުން ފާޅު ކުރަމުންދާ ކަންބޮޑުވުންތަކަކީ ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭ ކަންތައްތަކެއް ކަމަށެވެ.

މީގެ އިތުރުން، އިޤްތިޞާދަށް ވާނެ ގޮތެއް ނުބަލައި ވާދައަށް ކަމެއްކޮށްލުމުގެ ނިޔަތުގައި ކަންތައް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި ދުނިޔޭގެ އިޤްތިޞާދާއި ރާއްޖެ މިހާރު އޮތް ހާލަތަށް ނުބަލާ މުސާރަތައް ބޮޑުކުރަމުންދަނީ އިޤްތިޞާދަށް އެއްވެސް ވަރަކަށް ބެލުމެއް ނެތިކަމަށް ވިދާޅުވެ މި ސަރުކާރުގެ ސިޔާސަތުތަކަށް ރައީސް ޔާމީން މިރޭ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މިހާރު ދިވެހި ފައިސާގެ އަގެއް ނެތް ކަމަށާއި ފާޚާނައިގައި ގެންގުޅޭ ޓިޝޫ ޕޭޕަރާ ހަމައަށް ފައިސާގެ އަގު ދަށްވެފައިވާ ކަމަށެވެ. އަދި މިރޭ ވެސް ރައީސް ޔާމީން ވަނީ މިސަރުކާރަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ހިނގަމުންދާ ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ.

ހަމަ އެއާ އެކު މި ސަރުކާރުގެ ބުރިޖު މަޝްރޫޢުއަށް ފާޑު ވިދާޅުވަމުން އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން އަޅަން ނިންމައިފައިވާ ބުރިޖަކީ މާލީ ގޮތުން ކޮން ކަހަލަ މަންފާއެއް އިޤްތިޞާދަށް ކުރާނެ މަޝްރޫޢުއެއްކަމެއް ސަރުކާރަށް ބުނެދެވިފައި ނުވާ ކަމަށާއި ނަމަވެސް އެ މަނިކުފާނުގެ ވެރިކަމުގައި އެޅި ބުރިޖުން ކުރާ މަންފާ ވިދާޅުވެ ނުދެއްވިޔަސް މިހާރު ރައްޔިތުންނަށް އެކަން އެނގިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި އެޅި ބުރިޖާއި މި ސަރުކާރުން އަޅަން އުޅޭ ބުރިޖުގެ ހުރި އަގުގެ ތަފާތާއި ބުރިޖަށް ފައިނޭންސް ކުރާ ގޮތާ ގުޅޭ ގޮތުން ވެސް އެ މަނިކުފާނު ވާހަކަދެއްކެވިއެވެ. އެގޮތުން ވިދާޅުވީ، މިހާރު އަޅަން އުޅޭ ބުރިޖަކީ ދައުލަތަށް މާލީ ބުރައަކަށްވާނެ ބޮޑު އިންޓަރެސްޓެއް އަރާ ގޮތަށް ލޯނު ނަގައިގެން އަޅާ ބުރިޖެއްކަމަށާއި އެ މަނިކުފާނުގެ ވެރިކަމުގައި ބުރިޖު އެޅީ ސަރުކާރުން އެންމެ 68 މިލިއަން ދައްކާ ގޮތަށް ކަމަށެވެ.

މި ސަރުކާރުން ފަށައިފައިވާ 'ތިލަ މާލެ ބުރިޖު'ގެ މަސައްކަތުގެ ތެރެއިން މާލެއާއި ވިލިމާލެ ގުޅުވައިލުމުގެ މަސައްކަތް 2023ވަނަ އަހަރުގެ ޖުލައި މަހުގެ ފަހު ކޮޅު ނުވަތަ އޯގަސްޓު މަހުގެ ތެެރޭގައި ނިންމައިލެވޭނެކަމަށް އެ މަޝްރޫޢު ކުރިއަށް ގެންދާ އިންޑިއާގެ އެފޮކްސްއިން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!