ބީޖޭޕީގެ ތަރުޖަމާނު ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ގާސިމް ކުށްވެރިކުރައްވައިފި

އިންޑިއާގެ ބީޖޭޕީ ޕާޓީގެ ގައުމީ ތަރުޖަމާނު ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ކުށްވެރިކުރައްވައިފިއެވެ.
ޤާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ ދެއްކި ވާހަކައިގެ ސަބަބުން ދުނިޔޭގެ އެތައް ބިލިއަން މުސްލިމުންނެއް ހިތްހަމަނުޖެހިފައިވާ ކަމަށާއި އޭނާގެ އެ އަމަލު ޤާސިމްއާއި މުޅި ޖުމުހޫރީ ޕާޓީން ވެސް ކުށްވެރި ކުރައްވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބީޖޭޕީއާ ދެކޮޅަށް އިސްލާމީ ޤައުމުތަކުގައި ދަނީ ހިތްހަަމަނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން އިސްލާމީ އެކި ގައުމުތަކުގައި ތިބި އިންޑިއާގެ ސަފީރުން ހާރިޖީ ވުޒާރާތަކަށް ހާޒިރުކޮށް، އެކަމުގައި އިންޑިއާ ސަރުކާރާއި ބީޖޭޕީން މައާފަށް އެދުމަށް ވެސް އަންގައިފައިވެއެވެ.
ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގައި އަދާލަތު ޕާޓީން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.
މިކަމާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ އެމްޑީޕީ މެންބަރުން ވަނީ ބޭރުކޮށްލައިފައެވެ.