ފަރުވާއަށް ފަހު ރައީސް ޔާމީން ހޮޮސްޕިޓަލުން ދޫކޮށްލައިފި
މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގައި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޓެސްޓްތަކެއް ހަދަން އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު އިއްޔެ ހޮސްޕިޓަލުން ދޫކޮށްލައފި އެވެ.
ރައީސް ޔާމީން ހިތުގެ ޑޮކްޓަރަކަށް ދެއްކުމަށްޓަކައި އައިޖީއެމްޗަށް މިދިޔަ ބުރާސްފަތި ގެނެސް ވަނީ ޓެސްޓްތަކެއްވެސް ހަދާފައެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އައިމިނަތު ޔުސްރީން ވިދާޅުވީ، ޓެސްޓްތައް ހެދުމަށްފަހު، އިއްޔެ ރައީސް ޔާމީން އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.
ހުކުމް އިސްތިއުނާފުގެ ދެ އަޑުއެހުމެއް މިހާތަނަށް ހައިކޯޓުގައި ބާއްވާފައިވާއިރު، އެމަނިކުފާނު ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓި ދުވަސްވަރުގައި ނަފުސާނީ މައްސަލަތަކާއި ހިތުގެ މައްސަލައެއް ކުރިމަތިވި ކަމަށް ޝަރީއަތުގައި ވަނީ ވިދާޅުވެފައެވެ.
އޭރު ބަންދުން ދޫވުމުން އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް ދެއްކެވި ކަމަށާއި އެ ތަނުގެ އެންމެ އިސް ޑޮކްޓަރުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ ހިތުގެ އެ ބައްޔަށް ދޭނެ ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށާއި އެ ޓެސްޓްތައް ވެސް ހެދެން ނެތް ކަމަށެވެ.
އޭގެ އިތުރުން އެމަނިކުފާނުގެ މައިބަދައިގެ ކަށިގަނޑެއް ގުޑާފައިވާ ކަމަށާއި އެ އޮޕަރޭޝަން ވެސް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އެ އޮޕަރޭޝަން ކުރައްވަން ވެސް ބޭނުންފުޅު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.