ޚަބަރު

ޗައިނާގެ ލޯނަކީ ދަރަނި ދަންތުރައެއް ނޫން: އަމީރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއާއި އެހެން ގައުމަކުން ވެސް ރާއްޖެއިން ނަގައިފައިވާ ލޯނުތަކަކީ، އެ ލޯނުތައް ނުދެއްކިއްޖެ ނަމަ، ބަދަލުގެ ގޮތުގައި އެއްވެސް އެއްޗެއް ވިއްކައިލާން ޖެހޭ ގޮތަށް އެއްބަސްވެފައިވާ ލޯނުތަކެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރާއްޖޭގެ ދަރަނި މެނޭޖުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް، މާލިއްޔަތު ކޮމެޓީގައި ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު މިއަދު ކުރެއްވި ސުވާލަކާ ގުޅިގެން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގެ އެއްވެސް ލޯނެއް ހުރީ ގައުމުގެ އެއްޗެއް މޯގޭޖު ކުރަން ޖެހޭ ގޮތަކަށް ނޫން ކަމަށެވެ.

ޝަރީފް އެ ސުވާލުކުރެއްވީ ޗައިނާއިން ނަގައިފައިވާ ލޯނުތަކަކީ ދަރަނީގެ "ދަންތުރައެއް" ކަމަށް ބުނެ އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ މޭރުމުން ވާހަކަފުޅު ދައްކަވައިފައި ވެއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެހެން ގައުމުތަކުގައި، އަންޑަލައިން އެސެޓް މޯގޭޖުކޮށްގެން ލޯނުތައް ނަގައިފައި ހުއްޓަސް، ދިވެހި ސަރުކާރުން މިހައިތަނަށް އެގޮތަށް އެއްވެސް ލޯނެއް ނަގައިފައެއް ނުވެއެވެ. އެންމެ ކުރިން ފެށިގެން ވެސް ދިވެހި ސަރުކާރުން ގެންގުޅެމުން އަންނަނީ އެ އުސޫލު ކަމަށް ވިދާޅުވިއެވެ.

"ޑިފޯލްޓު ވިޔަސް، ބަޔަކު އައިސް މި ގައުމުން ގެންދާނެ އެއްޗެއް ނެތް. އެސެޓެއް ނެތް. އަޅުގަނޑުމެންނަށް ވެސް 2018އިން ފެށިގެން މި ހިސާބަށް ފިނޭންސް މިނިސްޓަރުކަމުގައި ކުރާ މަސައްކަތުގައި ވެސް އާދޭ ޕްރޮޕޯސަލް އެއްޗިހި މޯގޭޖުކޮށްލައިގެން، 200 މިލިއަން ޑޮލަރު ދޭނަމޭ ބުނެ. އެކަމަކު އަޅުގަނޑުމެން މި ބުނަނީ ނޫނެކޭ." މިނިސްޓަރު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެއިން އެންމެ ގިނަ ލޯނު ނަގައިފައި ވަނީ ޗައިނާގެ ބޭންކްތަކުންނެވެ. އެ އަދަދު 21 ބިލިއަން ރުފިޔާއަށް އަރައެވެ. ޗައިނާގެ ދަރަންޏަކީ މި ސަރުކާރަކަށް ދަންތުރައެއްގެ ގޮތުގައި ވެރިކަމަށް އަންނަން އުޅުނުއިރު ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ ހުރިހައި މެންބަރުން ވެސް ދިޔައީ ވިދާޅުވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!