ޓައިވާނަން ޓަކައި ފަހު ވަގުތާ ޖެހެންދެން ހަނގުރާމަ ކުރާނަން: ޗައިނާ
ޗައިނާއިން ވަކިވެ މިނިވަންކަން އިއުލާން ކުރުމަށް ޓައިވާނުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ޓަކައި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހަނގުރާމަ ކުރާނެ ކަމަށް ޗައިނާގެ ދިފާއީ ވަޒީރު ވެއި ފެންގްހޭ ވިދާޅުވެއްޖެއެވެ.
ޗައިނާގެ ދިފާއީ ވަޒީރު މި ވާހަކަ ދެއްކެވީ، ތައިވާންގެ މިނިވަންކަމާ ދެކޮޅަށް ޗައިނާއިން ބާރުގެ ބޭނުންކޮށްފި ހާލަތެއްގައި، އެމެރިކާއިން ބާރުގެ ބޭނުންކޮށް ތައިވާން ދިފާއުކުރާނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައި ވަނިކޮށެވެ. ތައިވާންގެ ދިފާއުގައި އެމެރިކާއިން ބާރުގެ ބޭނުންކުރާނެކަން، އެމެރިކާއިން ފުރަތަމަ ފަހަރަށް އިއުލާންކުރީ، ރައީސް ބައިޑެން މިދިޔަ މަހު ޖަޕާނަށް ކުރެއްވި ޒިޔާރަތުގައެވެ.
ސިންގަޕޫރުގައި މިހާރު ކުރިއަށް ދާ ޝަންގްރީ-ލާ ޑައިލޮގްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޗައިނާގެ ދިފާއީ ވަޒީރު ވެއި ފެންގްހޭ ވިދާޅުވީ ޗައިނާއިން ތައިވާން ވަކިކޮށްލުމަށް ކޮންމެ ބަޔަކު މަސައްކަތް ކުރިޔަސް އެބަޔަކާ ދެކޮޅަށް ޗައިނާ ހަނގުރާމަ ކުރާނެ ކަމަށެވެ.
ޑިޕްލޮމެޓުންނާއި ދިފާއީ އޮފިޝަލުންނާއި ސަލާމަތީ ތަޖުރިބާކާރުންނަށް ދެއްވި ތަގުރީރުގައި ޖެނެރަލް ވޭ ވިދާޅުވީ ޗައިނާއިން ސަރަހައްދީ މަސްލަހަތަށް ޓަކައި އިޚްލާސްތެރިކަމާ އެކު ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. އެކަމަކު، އޭނާ ވިދާޅުވީ، ޗައިނާގެ އިސްތިގުލާލުގެ ދިފާއު ކުރުމަށް ޗައިނާގެ ހަތިޔާރު އެޅި ސިފައިންގެ އަޒުމާއި ގާބިލްކަން ދުވަހަކު ވެސް އެއްވެސް މީހަކު ކުޑަކޮށް ބެލެވިގެން ނުވާނެ ކަމަށެވެ. ޗައިނާގެ އިސްތިގުލާލުގެ އޭނާ ސިފަ ކުރެއްވީ ޓައިވާނާއި ޗައިނާ އެއްކުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތެވެ.
"އެއްބައިވަންތަ ކުރުމަށް ޓަކައި އެމެރިކާއިން އުތުރާއި ދެކުނުގެ ހަނގުރާމަ ކުރި،" ޖެނެރަލް ވޭ ވިދާޅުވިއެވެ.
“ޗައިނާ އެންމެ ބޮޑަށް ބޭނުން ނުވަނީ އެކަހަލަ ދާޚިލީ ހަނގުރާމައެއްގެ ތެރެއިން ކުރިއަށް ދާން، އެކަމަކު ޓައިވާނުގެ މިނިވަންކަމަށް ޓަކައި ރާވައިފައިވާ ސްކީމެއް ވާނަމަ އެކަން ނައްތައިލާނަން. ޓައިވާނުން ވަކިވާން ކުރާ މަސައްކަތުގައި ބައިވެރިވެއްޖެ ނަމަ އެ ބަޔަކާ ޗައިނާއިން ދުޝްމަނު ވާނެ. ކިތަންމެ ބޮޑު ޚަރަދެއް، ކިތަންމެ ބޮޑު ހަނގުރާމައެއް ކުރަން ޖެހުނަސް، ޗައިނާއިން މިކަމުގައި ފަސް ނުޖެހޭނެ"
އޭނާ ވިދާޅުވީ ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމަށް ބައެއް ގައުމުތަކުން، ޓައިވާން ބޭނުންކުރަމުންދާ ކަމަށެވެ. އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ގުޅުން މިހާރު ވަރަށް ބޮޑަށް ހީނަރުވެއްޖެ ކަމަށާއި، އެ ގުޅުން އަލުން ބަދަހިކުރުމަކީ އެމެރިކާގެ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.