ދުނިޔެ

ޒުވާނުންނަށް ޚާއްސަކޮށްގެން އިންޑިއާގައި 10 ލައްކަ ވަޒީފާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޒުވާނުންނަށް ޚާއްސަކޮށްގެން އިންޑިއާގެ މައި ސަރުކާރުން 10,00,000 ވަޒީފާގެ ފުރުސަތު ހުޅުވައިލައިފިއެވެ.

Ads by Sosun Fihaara

މި ކަން ހާމަކުރައްވާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ، އިންޑިއާ މައި ސަރުކާރުގެ އިދާރާތަކުން ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިޔަށް އޮތް 18 މަހުގެ ތެރޭގައި 10,00,000 ވަޒީފާގެ ފުރުސަތު އުފައްދަވާނެ ކަމަށެވެ.

މިކަން އިއުލާން ކޮށްފައި މި ވަނީ އިދިކޮޅު ފަރާތްތަކުން އިންޑިއާގައި ވަޒީފާ ނެތް މީހުންގެ މައްސަލަ ބޮޑުވެފައި ވާތީ، އެމަކާ ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

"ބޮޑު ވަޒީރު ވަނީ މައި ސަރުކާރުގެ ހުރިހާ ޑިޕާޓްމަންޓްތަކާއި މިނިސްޓްރީތަކެއްގެ ހިއުމަން ރިސޯސްގެ ހާލަތު މުރާޖައާކޮށް ކުރިއަށް އޮތް 1.5 އަހަރު ތެރޭގައި 10 ލައްކަ މީހުންނަށް ވަޒީފާގެ ފުރުސަތު ދޭން އަންގައިފައި" ބޮޑުވަޒީރުގެ އޮފީހުން ކުރެއްވި ޓްވީޓެއްގައިވެއެވެ.

2020ވަނަ އަހަރުގެ މާޗް މަހުގެ 1ވަނަ ދުވަހުގެ ނިޔަލަށް މަރުކަޒީ ސަރުކާރުގެ ޑިޕާޓްމަންޓްތަކުގައި ހުސްވެފައިވާ 8.72 ލައްކަ މަގާމު އޮތް ކަމަށް މި އަހަރުގެ ކުރީކޮޅު މަޖިލީހަށް މައި ސަރުކާރުން ވަނީ ބުނެފައެވެ. މި ހުސްވެފައިވާ މަޤާމުތައް ފުރުމަށް ސަރުކާރުން މިދިޔަ އަހަރުތަކުގެ ތެރޭގައި މަސައްކަތް ކުރަމުން އައި ނަމަވެސް މާބޮޑު ކާމިޔާބެއް ނުލިބުނެވެ.

ހުސްވެފައިވާ އެންމެ ގިނަ މަގާމުތައް ހުރީ ޕޯސްޓް، ޑިފެންސް (ސިވިލް)، ރޭލްވޭ އަދި ރެވިއު ފަދަ ބޮޑެތި މިނިސްޓްރީތަކާއި ޑިޕާޓްމަންޓްތަކުގައެވެ. ރޭލްވޭސްގައި ހުއްދަ ދީފައިވާ ގާތްގަނޑަކަށް 15 ލައްކަ މަގާމުގެ ތެރެއިން، ގާތްގަނޑަކަށް 2.3 ލައްކަ މަގާމު އޮތީ ހުސްކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!