ޚަބަރު

އަފްގާނަށް އެރި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ހާހަކަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިއްޔެ އަފްގާނިސްތާނަށް އެރި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،000އަށް އަރައިފިއެވެ.

Ads by STELCO

މި ބިންހެލުން އައިސްފައި ވަނީ އެ ޤައުމުގެ އިރުދެކުނުގައިވާ ޚޯސްތް ސިޓީއާ 44 ކިލޯމީޓަރު ދުރުގައި، ޕާކިސްތާނުގެ ސަރަޙައްދީ އިމާ ގާތުގައި އޮންނަ ފަރުބަދަމަތީ ހިސާބަކަށެވެ. ބިންހެލުމާ އެކު އައި ލޮޅުންތަކުގައި އެތައް ސަތޭކެ އިމާރާތެއް ބިމާ ހަމަވެފައިވާ އިރު، 1,500އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް، އެ ޤައުމުގައި ވެރިކަން ކުރާ ތާލިބާނުން ބުނެއެވެ.

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވާނެ ކަމަށް ބެލެވޭއިރު، ބިންހެލުމުގެ އަސަރު ކުރި ސަރަޙައްދުތަކަށް ބޭހާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް ތާލިބާނުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، އަނިޔާވެފައިވާ ބައެއް މީހުންނަށް އިތުރު ފަރުވާ ދިނުމަށް ވެރިރަށް ކާބުލަށް ގެންދިޔުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ބިންހެލުމުގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައި ވަނީ ޕަކްތީކާ ޕްރޮވިންސުގައެވެ. އެ ރަށުން މަރުވި މީހުންގެ އަދަދު 255އަށް އަރާއިރު، ޚޯސްތް ސިޓީން ވެސް 25 ވަރަކަށް މީހުން މަރުވިއެވެ. ނަމަވެސް، ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމަށް މަސައްކަތް ކުރަމުން އަންނާތީ މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

ވިލާތާއި މެޑިޓެރޭނިއަން ސަރަޙައްދުގެ ބިންހެލުންތައް ދިރާސާ ކުރާ އިދާރާ (އީ.އެމް.އެސް.ސީ)އިން ބުނީ، އަފްޣާނިސްތާނަށް މިއަދު އައިސްފައިވާ ބިން ހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 6.1ގައި ކަމުގައެވެ. ނަމަވެސް، އެމެރިކާގެ ބިންހެލުންތައް ދިރާސާ ކުރާ އިދާރާ (ޔޫ.އެސް.ޖީ.ސީ)އިން ބުނީ، އެއީ ރިކްޓަރ މިންގަނޑުން 5.9ގެ ބާރުގަދަ ބިންހެލުމެއް ކަމުގައެވެ. މި ބިންހެލުމުގެ އަސަރު އަވަށްޓެރި ޕާކިސްތާނާއި އިންޑިޔާގެ ސަރަޙައްދުތަކަށް ވެސް ކުރިއެވެ.

މި ބިންހެލުމާ ގުޅިގެން ތާލިބާނުން ވަނީ ބައިނަލްއަޤްވާމީ އެހީއަށް އެދިފައެވެ. މި ގޮތުން، ތާލިބާނުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ހޯދުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް އެ ޤައުމުގައި ހަރަކާތްތެރިވާ ޔުނިސެފްގެ ޓީމުތަކުގެ ކިބައިން އެދިފައެވެ. އިނގިރޭސި ވިލާތުން އަފްޣާނިސްތާނަށް ކަނޑައަޅައިފައި ހުންނަވާ މަންދޫބު ނައިޖެލް ކޭސީ ވިދާޅުވީ، އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބެލުމަށް އެ ޤައުމުގައި ހަރަކާތްތެރިވާ އ.ދ.ގެ އޮފީސްތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމުގައެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އ.ދ.ގެ އިންސާނީ އެހީއާ ބެހޭ އޮފީސް (ޔޫ.އެން.އޯ.ސީ.އެޗް.އޭ)އިން ބުނީ، ބިންހެލުމުގެ އަސަރު ކޮށްފައިވާ ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މިޝަންގެ ޓީމުތައް ވެސް މިހާރު މަސައްކަތް ފަށައިފައިވާ ކަމުގައެވެ. އަދި، އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެ އިދާރާއިން ވަނީ ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކަށް ގޮވައިލައިފައެވެ.

މިއީ، 2002ވަނަ އަހަރަށް ފަހު އެ ޤައުމަށް އައި އެންމެ ނުރައްކާތެރި ބިންހެލުމެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކަށް އައިސްފައިވާ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 7,000އަށް ވުރެ މައްޗަށް އަރައެވެ. މި އަހަރުގެ ޖަނަވަރީ މަހު އެ ޤައުމުގެ ހުޅަނގުގެ ސަރަޙައްދަކަށް އައި ބިންހެލުމެއްގައި 20 މީހުން މަރުވިއެވެ. އަދި 2015ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމެއްގައި ވެސް އެތައް ސަތޭކަ ބަޔަކު މަރުވިއެވެ.

އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލައި، މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން އެ ޤައުމުގައި ވެރިކަން ކުރަމުންދާ ތާލިބާނުންނަށް، މި ކާރިސާ އެންމެ ފުރިހަމަ ގޮތެއްގައި މެނޭޖު ކުރެވޭނެ ކަމާ މެދު ބައެއް ފަރާތްތަކުން ޝައްކުކުރެއެވެ. މި ކަމުގެ އެއް ސަބަބަކީ، އެ ޤައުމުގެ އިންތިޚާބީ ސަރުކާރު ވައްޓައިލުމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ ޤައުމާ ގުޅުން ކަނޑައިލައިފައި ވުމެވެ. މީގެ އިތުރުން، ބޭރު ފައިސާ ހުސްވެ، އެ ޤައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަށް މިހާރު ވެސް ވަނީ ކާބޯތަކެއްޗަށް ޖެހިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!