ޚަބަރު

ފަތިހު 5 ގެ ކުރިން ބޭރަށް ނުނިކުމެވޭނަމަ، ފަތިސް ނަމާދަށް ރައްޔިތުން ދާނެ ގޮތެއް ސާފުކޮށްދެއްވާ: މުއިއްޒު

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކާއެކު ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރަށް ނުނިކުމެވޭ ނަމަ، ފަތިސް ނަމާދަށް ރައްޔިތުން ދާނެ ގޮތެއް ސާފުކޮށްދެއްވުމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

Ads by Hajj Corporation

ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، ބަލި ކޮންޓްރޯލް ކުުރުމަށް އަޅާނެ އިތުރު ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް އެއްވެސް ގޮތަކަށް މީހުން ބޭރަށް ނިކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ.

މިކަމާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ފަތިހު 5 ގެ ކުރިން ބޭރަށް ނިކުތުން މަނާ ކަމަށްވާނަމަ ފަތިސް ނަމާދު ޖަމާއަތަށް ވާނީ ކިހިނެތްތޯ އާއި ޖަމާއަތް ފަށާނީ ކޮންއިރަކުތޯ ސުވާލު ކުރައްވާފައެވެ.

"ނޫނީ ފަތިސް ނަމާދު ޖަމާއަތް ނުބާއްވަނީތޯ؟ ފަތިސް ނަމާދަށް ދާ ރައްޔިތުންނަށް މިކަން ސާފުކޮށްދެއްވާ." މުއިއްޒު ވިދާޅުވިއެވެ.

މީގެ ކުރިން މާލެ ސަރަހައްދުގައި މީހުން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައި އޮތީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 5:00 އަށެވެ. އަދި ވިޔަފާރިތައް ހުޅުވާފައި ބެހެޓެނީ، ރޭނގަޑު 10:00 އަށެވެ.

ރާއްޖެއިން މިހާތަނަށް އެންމެ ގިނަ އަދަދަކަށް އެއް ދުވަސްތެރޭ މީހުން ފައްސިވެފައި ވަނީ، މިދިޔަ އާދިއްތަ ދުވަހުއެވެ. އެއީ 215 ކޭސްއެވެ. އަދި މިހާރު ދުވަހުން ދުވަހަަށް ފެންނަ ކޭސްތައް ހުރީ 100 އިން މަތީގައެވެ. ރާއްޖެ ފުރަބަންދުގައި އޮތް އެންމެ ގިނަ އަދަދަކަށް ފެނުނު ކޭސްތަކުގެ އަދަދަކީ 197 އެވެ.

މިހާތަނަށް ޖުމްލަ 4,293 ކޭސް ރާއްޖެއިން ވަނީ ފެނިފައެވެ. އޭގެ ތެރެއިން ބިދޭސީންނަށްވުރެ ގިނައީ ދިވެހިންނެވެ. އަދި މިހާރު ފަރުވާ ދެމުންދާ ކޭސްތަކުގެ އަދަދަކީ، 1،619 އެވެ. ބަލި ފަސޭހަވި މީހުންގެ އަދަދަކީ، 2،670 އެވެ. މަރުވި މީހުންގެ އަދަދު 19އަށް އަރާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!