ކުރިޔަށް އޮތް ތަނުގައި ވެސް އެންމެ ބޮޑަށް ބަރޯސާވާން ޖެހޭނީ އިންޑިއާއަށް: ރައީސް ނަޝީދު
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ވެސް ވަކި ހައްދެއްގެ ތެރޭގައި އޮންނަން ޖެހޭ ކަމެއް ކަމަށް ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ރާާއްޖެއަށް ހޯދައިދިނުމަށް އެންމެ ބޮޑަށް އަޑު އުފުލި އެއް ބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ މި ސަރުކާރުން "އިންޑިއާ އައުޓް' ގޮވުން މަނާ ކޮށްފައި އޮތުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ކަމަށް ދެކިވަޑައިގެންނަވާތޯ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނަޝީދު ވިދާޅުވިގޮތުގައި "އިންޑިއާ އައުޓް" ގޮވުން ސަރުކާރުން ހުއްޓުވަން ގެންގުޅޭ ސިޔާސަތުތަކަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކުޑަކުރުން ކަމަށް ދެކިވަޑައި ނުގަންނަވައެވެ.
"އަޅުގަނޑު ނުދެކެން ސަރުކާރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް މަސައްކަތް ކުރާ ކަމަކަށް، އަދި މަސައްކަތް ކުރާ ތަނެއް އަޅުގަނޑު ނުވެސް ދެކެން، އަދި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަކީ ހައްދެއް ނެތް މިންވަރަށް އޮތް ކަމެއް ނޫންކަން ގާނޫނު އަސާސީން އެނގޭނެ،" ނަޝީދު ވިދާޅުވިއެވެ.
މިގޮތުން، ދީނީ ކަންކަމުގައްޔާއި އެހެނިހެން ދޭދޭ ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫ އަރާ ފަދަ ވާހަކަތައް ދެއްކުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އެއްވެސް ބޭފުޅަކު އަޅުގަނޑުމެންގެ އަވައްޓެރި ގައުމުތަކާ ގުޅިގެން ނުވަތަ އެހެން ގައުމަކާ ވެސް ގުޅިގެން އެ ބާވަތުގެ ނޭދެވޭ ވާހަކަ ދެއްކުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އިންޑިއާއަކީ އެންމެ ކުރީއްސުރު އަދި މިހާރު ވެސް ރާއްޖެއަށް އެންމެބޮޑަށް އެހީތެރިވެދޭ ގައުމުކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެންމެ ބޮޑަށް ބަރޯސާ ވާން ޖެހޭނީ އިންޑިއާއަށް ކަމުގައި ވިދާޅުވިއެވެ.