ދުނިޔެ

ކޮވިޑް19 ޖެހިގެން އެމެރިކާ އިން މަރުވި މީހުންގެ އަދަދު ޓްރަމްޕަށް އޮޅިއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް19 ގެ އަސަރު މިހާތަނަށް އެންމެ ބޮޑަށް ކޮށްފައިވާ ގައުމު ކަމަށްވާ އެމެރިކާ ގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އެ ގައުމުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު އޮޅިއްޖެއެވެ.

Ads by Sosun Fihaara

ދާދި ފަހުން ޓްރަމްޕް އެމެރިކާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި އެމެރިކާގެ ކޮވިޑް ތަފާތު ހިސާބުތައް މުޅި ދުނިޔެއަށް ވުރެ ވެސް މަދުވާނެއެވެ.

އަދި ނޫސްވެރިޔާ އެމެރިކާގެ ކޮވިޑް ކޭސްތައް ދެކުނު ކޮރެއާ އާ ޖަރުމަނު ފަދަ ގައުމުތަކަށް ވުރެ ގިނަ ކަން ފާހަގަ ކުރުމުން ޓްރަމްޕް ވަނީ އެގޮތަށް އެހެން ނުވާނެ ކަމަށް ބުނެފައެވެ. އަދި މަރުތަކުގެ އިންސައްތަ ބަލަން ޖެހޭނީ އާބާދީ އިން ނޫން ކަމަށާއި ކޮވިޑް ކޭސްތަކުން ކަމަށް ބުނެ ޓްރަމްޕް ވަނީ ނޫސްވެރިޔާ އަށް ރައްދު ދީފައެވެ.

މީގެ އިތުރުން ޓްރަމްޕް އިތުރަށް ބުނި ގޮތުގައި ދެކުނު ކޮރެއާ ގައި ކޮވިޑް19 ގެ ކޭސްތައް އެހާ މަދުވަނީ އެމީހުން މަކަރު ހަދައި އޮޅުވާލާތީއެވެ.

އަދި މިހާރު އެމެރިކާގައި ވެސް ކޮވިޑްގެ މަރުތައް މަދު ވަމުން އަންނަ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ. އެގޮތުން ޓެކްސަސް އާއި ފްލޮރިޑާ ފަދަ ސްޓޭޓުތަކުގައި ވެސް މަދުވަމުން އަންނަ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

ނަމަވެސް ފްލޮރިޑާ އަކީ ލޮކްޑައުން އަށް ފަހު އެމެރިކާ އަލުން ހުޅުވާލުމާއެކު ވައިރަހުގެ ކޭސްތައް އެންމެ އިތުރުވެގެންދިޔަ އެއް ސްޓޭޓެވެ. އަދި ފްލޮރިޑާގެ ހާލަތު ދުވަހުން ދުވަހަށް ގޯސް ވަމުން އަންނަ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.

ޓްރަމްޕް ގެ އިންޓަވިއުގެ 3 މިނިޓުގެ ވީޑިއޯ މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، ގިނަ ބަޔަކު އަންނަނީ ޓްރަމްޕަށް ފާޑުކިޔަމުންނެވެ. އަދި އަދިވެސް ޓްރަމްޕް މިކަން ސީރިއަސް ކޮށް ނުނަގާ ކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!