ޚަބަރު

ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދު ނުލިބިދާނެ: އަމީރު

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

ހިލޭ އެހީގެ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް ފައިސާ ނުލިބިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by MWSC

އަމީރު މިފަދައިން ވިދާޅުވީ ރާއްޖޭގެ އިގްތިސާދާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ފިނޭންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އަމީރު ވަނީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރި އަސަރު ގިނަ މީހުންނަށް އަންދާޒާ ވެސް ނުކުރެވޭ ކަން ފާހަގަކުރައްވައިފައެވެ. އެގޮތުން 88.8 ބިލިއަން ރުފިޔާ އިގްތިސާދުން ގެއްލުން ލިބުނު އިރު، މިއީ ގާތްގަނޑަކަށް އެއް އަހަރުގެ އިގްތިސާދީ އުފެއްދުންތެރިކަން ކަމަށް ވިދާޅުވިއެވެ. އަދި، ކޮވިޑާ ގުޅިގެން ޑެފިސިޓް ބަޖެޓަށް 13.7 ބިލިއަން ރުފިޔާ އިތުރުވިއިރު، ދަރަންޏަށް ވެސް 17 ބިލިއަން އިތުރުވިކަން ފާހަގަކުރެއްވިއެވެ.

ކޮވިޑަށް ފަހު، ޔޫކްރެއިން ރަޝިއާ ހަނގުރާމަައާ ގުޅިގެން ދުނިޔޭގޭ މާލީ ހާލަތަށް ވެސް ބޮޑު އަސަރެއް ކުރިކަން އަމީރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ މާލީ މާކެޓުތަކުން ދަރަންޏަށް ފައިސާ ހޯދުން ކުރިއަށް އޮތް ތަނުގައި އުނދަގޫ ވާނެ ކަމަށް ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ތެލުގެ ސަބްސިޑީއަށް ކުރާ ހަރަދު މިހާރު ވެސް މި އަހަރަށް ބަޖެޓްކޮށްފައިވާ މިންވަރަށް ވުރެ ތިންގުނަ އިތުރުވެފައިވާ ކަމަށެވެ.

އެހެންކަމުން، އާމްދަނީ އިތުރުކޮށް، ހަރަދުތައް އިތުރުވާ މިންވަރު ކޮންޓްރޯލްކުރަން ފިޔަވަޅު ނާޅައި ތިބެއްޖެ ނަމަ، 2023ވަަނަ އަހަރު 46 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް މިއީ ބޭރުގެ މާލީ ބާޒާރުގެ ހާލަތާއި ދުނިޔޭގެ މާލި ޙާލަތަށް ބަލައި ފައިނޭންސް ކުރެވޭނެ މިންވަރެއް ނޫން ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އާމްދަނީ އިތުރުކުރުމަށް ބައެއް ބަދަލުތައް ގެނައުމަށް މިނިސްޓްރީން ވަނީ ހުށަހަޅައިފައެވެ. އެގޮތުން ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑުކުރުމަށާއި ޓީޖީއެސްޓީ 18 ޕަސެންޓަށް ބޮޑުކުރަން އަންނަނީ މަޝްވަރާކުރަމުންނެވެ.

ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާ އެއް ވަރަކަށް އާމްދަނީ އިތުރުކުރަން އަޅަން ޖެހޭ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!