ރައީސް ޔާމީން 2023 ކާމިޔާބުކުރައްވާނީ އެއްބުރުން: ޕީޕީއެމް
ކުރީގެ ރައީސް ، ރައީސް އަބްދުﷲ ޔާމީން ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެކަމަށް ޕީޕީއެމުން މިއަދު ބުނެފިއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިހާބު ވަގަށް ނުބާއްވައިފި ނަމަ ރައީސް ޔާމީން އެއްބުރުން އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށެވެ.
"100% ޔަގީންކަން އެބަ އޮތް ވަގަށް އިންތިހާބު ނުބާއްވައިފިއްޔާ ރައީސް ޔާމީން ކުރިމަތިލައްވައިގެން ފުރަތަމަ ބުރުން އިރާދަކުރެއްވިއްޔާ ޕީޕީއެމްއިން 2023 ކާމިޔާބު ކުރާނެކަން،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވަނީ ޕީޕީއެމުން އެއްވެސް ޕާޓީއާ އެކު ކޯލިޝަން ނުހައްދަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
"އިންޑިއާގެ ނުފޫޒުގައި ޖެހި، ރާއްޖޭގެ މިނިވަންކަން ނަގައިލަައި، މިއަދު ރާއްޖެ މިއޮތް ހާލަތަށް މި ގައުމު ގެނައުމުގައި ބައިވެރިވި އެއްވެސް ސިޔާސީ ޕާޓީއަކާއި އެއްވެސް ސިޔާސީ ލީޑަރަކާ އިރާދަކުރެއްވިޔާ ޕީޕީއެމްއަކުން ނުގުޅޭނަން. އެ މީހުންގެ ފަހަތަކަށް ނާރާނަން،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވަނީ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތަށް ޖަލު ހުކުމެއް އިއްވުމަށް ،ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޯޓްތަކަށް ނުފޫޒު ފޯރުވަމުން އަންނަކަމަށް ތުހުމަތު ކުރައްވައިފައެވެ.