ފިއޯރީގައި އީދުގައި ކުލަޖެހުން މަނާކޮށްފި

އީދުގެ އުފާ ފާޅުކުރުމަށް ކުލަ ޖެހުން ގދ.ފިޔޯރީ ކައުންސިލުން މަނާކޮށްފިއެވެ.
އެ ރަށު ކައުންސިލުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އީދު ފާހަގަކުރަނީ މުސްލިމުންގެ ތެރޭގައި އޮންނަ އަޚުވަންތަ ގުޅުންތަށް ބަދަހިކޮށް ދީނީ ހަމަތަކުގެ ތެރެއިން މުޅި މުޖުތަމައުގައި އުފާވެރިކަން އަށަގެންނެވުމަށް ކަމަށެވެ.
އެހެން ނަމަވެސް އީދުތައް ފާހަގަކުރުމުގެ ނަމުގައި މަގުމަތީގައި އުޅޭ އާންމުންގެ ގަޔަށް ކުލަ ޖެހުމަކީ މަދުން ނަމަވެސް ފެންނަ ކަމެއް ކަމަށާއި އެއީ ހިތާމަކުރާ ކަމެއް ކަމަށް އެ ބަޔާނުގައި ވިދާޅުވިއެވެ.
ބަޔާނުގައި އިތުރަށް ވަނީ މި އަހަރުގެ އަޟްހާ އީދުގައި އާންމު ތަންތާގައި އާންމުންގެ ގަޔަށް ކުލަ ޖެހުން ފަދަ ކަންކަން ކުރުމަކީ މަނާކަމެއްގެ ގޮތުގައި ކައުންސިލުން ކަނޑައަޅައިފައިވާ ކަމަށެވެ.
"ވީމާ މި ހިނގާ 1443ވަނަ އަހަރު އަޟްހާ އީދުގައި އާންމު ތަންތާގައި އާންމުންގެ ގަޔަށް ކުލަޖެހުން ފަދަ ކަންކަން ކުރުމަކީ މަނާ ކަމެކެވެެ." ބަޔާނުގައި ވެއެވެ. އަދި މުޖުތަމައުގައި އަމާންކަން ގާއިމުކުރުމަށް ކައުންސިލުން އެންގި އެންގުމަށް އެއްބާރުލުން ދިނުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.