ކުޅުދުއްފުށި މާލި ޕެރޭޑު މި ފަހަރު ވެސް ވަރަށް ތަފާތު

ހދ. ކުޅުދުއްފުށީ މަށި މާލި ޕެރޭޑަކީ ކޮންމެ އަހަރެއްގެ ބޮޑު އީދުގައި އެންމެ މަގުބޫލުކަން ހޯދާ އެއްކަމޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ކޮންމެ އަހަރަކު ވެސް ރާއްޖޭގައި މިހާރު ހުރި ގައުމީ ބޮޑެތި ބައެއް މައްސަލަތަކުގެ ސުރުހީތައް ދައްކަައިދޭ، އަދި ބައެއް "ހޫނު" ވާހަކަތަކަށް އިޝާރާތްކޮށް ހަދާފައިވާ ފްލޯޓްތައް މި ޕެރޭޑުގައި ދައްކައިލައެވެ.
މިއަހަރުގެ ޕެރޭޑު މިއަދު ހެނދުނު ބާއްވައިފައިވާ އިރު، އެ ހަރަކާތުގެ ފޮޓޯތައް މީސްމީޑިއާގައި މިހާރު ވަނީ ވައިރަލް ވާން ފަށައިފައެވެ.
މިއަހަރުގެ މާލިތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ހޯދައިފައި ވަނީ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތައް އާންމުވި މައްސަލައާ ގުޅިގެން ހަދައިފައިވާ "އެ ކޮޓަރިކޮޅު" ފްލޯޓަށެވެ. ބިޒްނަސް މީޓިން ރޫމްގެ ނަން ލިޔެ ތައްޔާރުކޮށްފައިވެއެވެ. އަދި އެހެން ފްލޯޓެއްގައި "ގިރި ހަވާދު"ގެ ނަމުގައި ވެސް އެ ކޮޓަރި ދައްކައިފައިވެއެވެ. އެ ފްލޯޓުގައި ދެ މީހަކު އެނދެއްގައި އޮށޯވެ ތިބޭ ތަން ފެނެއެވެ.

މިފަހުން، ވަރަށް މައްސަލަ ހޫނުވި ޔޯގާ ހަރަކާތުގެ މާލިތަކެއް ވެސް ހަދައިފައިވެއެވެ. އޭގެއިން ޔޯގާ ހަރަކާތެއްގައި ބަޔަކު ތިބޭ އަދި އެހެން ބަޔަކު އެކަމަށް ހުރަސް އަޅާތަން ދައްކުވައިދެއެވެ.
މީގެ އިތުރުން ސަރުކާރުން ނުފުއްދިވާ އެކިއެކި ވައުދުތައް ވެސް މާލީގެ ގޮތުގައި ހަދައި ދައްކާފައިވެއެވެ. އެގޮތުން ކުޅުދުއްފުށީ ގޮދަން ފެކްޓަރީއާއި ވިހެއުމުން ލިބޭ ހަދިޔާ ފޮށީގެ ވާހަތަކާއި، ކުޅުދުއްފުށީ އައިސް ޕްލާންޓުގެ ވާހަކަައިގެ މާލިތައް ޕެރޭޑުގައި ވަނީ ދައްކާލައިފައެވެ.

މިއިން ކޮންމެ ފްލޯޓެއް ވެސް ދައްކައިދީފައި ވަނީ މެސެޖަކާ އެކު، އެކަމަކު ވަރަށް މަޖާ ހެއްވާ ކަންތައްތައް ވެސް އޭގެ ތެރޭގައި ހިމަނައިގެންނެވެ.