ދުނިޔެ

ޗައިނާޣެ އޮއްޕޮ އިން އިންޑިއާއަށް ދައްކަން ޖެހޭ 43.9 ބިލިއަން ރުޕީސް އޮޅުވާލައިގެން ނުދައްކާ އެބަވޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ސްމާޓްފޯނު އުފައްދާ ކުންފުނި އޮއްޕޮ އިން ކަސްޓަމްސް ޑިއުޓީގެ ގޮތުގައި އިންޑިއާ ސަރުކާރަށް ދައްކަން ޖެހޭ 43.9 ބިލިއަން ރުޕީސް (551 މިލިއަން ޑޮލަރު) އޮޅުވާލައިގެން ނުދައްކާ ވާކަމަށް އިންޑިއާގެ ސަރުކާރުން ހާމަކޮށްފިއެވެ.

Ads by WAMCO

މިކަން ހާމަވެފައިވަނީ އިންޑިއާގެ ޑިރެކްޓަރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް އިން ކުރި ތަހުގީގެއްގައެވެ.

އިންޑިއާގެ ރެވެނިއު އިންޓެލިޖެންސުން ވިދާޅުވީ، މޯބައިލް ފޯނު އުފެއްދުމުގައި ބޭނުން ކުރުމަށް އެތެރެކުރާ ތަކެތި، ޑިއުޓީ އިސްތިސްނާވާ ތަކެތީގެ ގޮތުގައި އޮއްޕޮއިން އޮޅުވައިގެން އެތެރެ ކުރި ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން އިންޑިއާގެ ގާނޫނުގައިވާ ގޮތުގެ މަތިން އިމްޕޯޓްކުރި މުދަލުގެ މުއާމަލާތުގެ އަގަށް ރޯޔަލްޓީ ޕޭމަންޓްތައް އިތުރު ނުކުރާ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

ކަސްޓަމްސް ޑިއުޓީ ދެއްކުމަށް އޮއްޕޮއަށް ޑިމާންޑްކޮށް އިންޑިއާއިން ވަނީ ނޯޓިސްއެއް ނެރެފައެވެ.

ޗައިނާގެ ބީބީކޭ އިލެކްޓްރޯނިކްސްގެ ހިއްސާ އޮންނަ އޮއްޕޮގެ ތަރުޖަމާނަކު ވިދާޅުވީ އެ ކުންފުނިން އެ ނޯޓިސް މުރާޖައާ ކުރަމުން އަންނަ ކަމަށާއި އެ ކުންފުނިން ޖަވާބުދާރީވާނެ ކަމަށެވެ.

"ދައުވާތަކާ މެދު އަޅުގަނޑުމެންގެ ވިސްނުން ތަފާތު،" އޮއްޕޮގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ. "އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެއީ ގިނަ ކޯޕަރޭޓްތަކުން މަސައްކަތް ކުރަމުންދާ އިންޑަސްޓްރީގެ މައްސަލައެއް. މިކަންތައް އިދާރާތަކާ ގުޅިގެން ދަނީ ބަލަމުން"

ރެވިއު އިންޓެލިޖެންސް ވިންގުން ވަނީ އޮޕޯ އިންޑިއާ އާއި އެ ކުންފުނީގެ މުވައްޒަފުންނާއި އޮޕޯ ޗައިނާއަށް އަދަބު ދިނުމަށް ހުށަހަޅާފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއެވެ.

2020 ވަނަ އަހަރު ބޯޑަރުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ޗައިނާގެ ގިނަ ކުންފުނިތަކަށް އިންޑިއާގައި ވިޔަފާރި ކުރަން އުނދަގޫވެފައިވާއިރު،  ޗައިނާގެ 300 އަށް ވުރެ ގިނަ އެޕް  އިންޑިއާގައި ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ. ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ޗައިނާގެ އެޕްތަކުން ޑޭޓާތައް ސަރުކާރަށް ބޭނުން ކުރެވޭތީއެވެ. އަދި ޗައިނާގެ އިންވެސްޓްމަންޓާ ބެހޭ ގަވާއިދުތައް ހަރުކަށި ކުރުމަށް އިންޑިއާއިން ގޮވާލާ، ސަލާމަތީ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!