މަތިވެރި ނިޢުމަތްތަކުގެ ތަޅުދަނޑި ތިބާގެ ލީޑަރުގެ އަތަށް ދޫކޮށްނުލާ: ޝައިޚް ޝަފީޢު
ތާއީދުކުރާ ސިޔާސީ ލީޑަރު ބުނިއްޔާ ބުނާ ހުރިހާ ވާހަކަތަކެއް އެއްވެސް ބެލުމެއް ނެތި ގަބޫލުނުކުރުމަށާއި, މަތިވެރި ނިޢުމަތްތަކުގެ ތަޅުދަނޑި އެ ލީޑަރެއްގެ އަތަށް ދޫކޮށްނުލުމަށް އައްޝައިޚް ޝަފީޢު ޢަބްދުﷲ އިލްތިމާސް ކުރައްވައިފިއެވެ.
ސިޔާސީ ފަރާތްތަކުން ރައްޔިތުން ގުނބޯ ހައްދަމުންދާއިރު, ޝައިޚް ޝަފީޢު މިއަދު ވިދާޅުވީ ސިޔާސީ ލީޑަރު ބުނިއްޔާ ބުނާ ހުރިހާ ވާހަކަތަކެއް އެއްވެސް ބެލުމެއް ނެތި ގަބޫލުނުކުރުމަށެވެ. އަދި ކަންކަން ހޯދައި ބެލުމަށާއި ދިވެހި ސިޔާސީ މައިދާނުގެ ތާރީޚީ ފަތްފުށްތައް ހުޅުވައި ބަލައިލުމަށް ވެސް ޝައިޚް އެދިވަޑއިގެންނެވިއެވެ.
އަދި ތިބާއަކީ ދިވެހި ސިޔާސީ ތާރީޚާއި އޭގައި ހިމެނޭ ސިޔާސީ މުހައްނިކުންނާއި ސިޔާސީ ލީޑަރުންނާ މެދު ޖާހިލެއް ނަމަ، ތިބާގެ ސިކުނޑިއާ ތިބާގެ ލީޑަރު ބޭނުންހާ ގޮތަކަށް ކުޅެލާނެކަން ވެސް ޝައިޚް ފާހަގަކުރެއްވިއެވެ.
''(އެފަދަ މީހުން) ދުވާލު ރޭގަނޑަށް ހަދައިލާނެއެވެ. ރޭގަނޑު ދުވާލަށް ހަދައިލާނެއެވެ. ހުދު ކަޅަށް ބަދަލުކޮށްލާނެއެވެ. އެކަމަށް ބޭނުން ވާނީ، ޖަޒްބާތުގެ ދެތިން ބަސް، ކަރުނައިގެ ދެތިން ތިއްކާ އެކު ވައްޓައިލުމެވެ. އެ ހިނދުން އެ ހިނދަށް ތިބާގެ ހިތް އޭނާއަށް ލެނބި މަޑުމޮޅިވެދާނެއެވެ. އޭނާ ދެއްކިއްޔާ ދެއްކި ކޮންމެ ވާހަކައެއް ތިބާ ހުންނާނީ ގަބޫލުކުރާން ތައްޔާރަށެވެ.'' ޝައިޚް ވިދާޅުވިއެވެ.
''ހަމަ ލޮލަށް ޙައްޤު ފެންނާން އޮންނާނެއެވެ. ތިބާގެ ޟަމީރު އެ ޙައްޤު ގަބޫލުކުރުމަށް އެދި އާދޭސްކުރާނެއެވެ. އެހެނަސް، ތިބާ އެ ޙައްޤަށް ބަލާނީ ކަނު ލޮލަކުންނެވެ. އެ ޟަމީރުގެ އާދޭހަށް ދޭނީ ބީރު ކަންފަތެކެވެ.'' ޝައިޚް ވިދާޅުވިއެވެ.
އެހެންކަމުން އެ ކަންކަމަށް ސަމާލުވުމަށާއި މޮޔައިންގެ ތެރެއިން ނުވުމަށް ޝައިޚް ގޮވައިލެއްވިއެވެ. އަދި މާތް ﷲ ވިސްނައި ފިކުރުކުރުމުގެ ބާރާއި ޢިލްމާއި ޙިލްމު އެ މީހަކަށް ދެއްވާފައިވާއިރު އެއިގެ ބޭނުން ހިފުމަށާއި, މިފަދަ މަތިވެރި ނިޢުމަތްތަކުގެ ތަޅުދަނޑި އެ މީހެއްގެ ލީޑަރުގެ އަތަށް ދޫކޮށްނުލުމަށް ވެސް ޝައިޚް ގޮވައިލެއްވިއެވެ.
''ދެ ދުނިޔެއިން ގެއްލެނިވި މީހުންގެ ތެރެއިން ތިބާ ވެދާނެތީ ބިރުވެތިވާށެވެ.'' ޝައިޚް ވިދާޅުވިއެވެ.