ކުޅިވަރާ މަޖަލަކީ މުޅިން ހަރާމް ކަންކަންތޯ: އާޒިމް
ކުޅިވަރާއި މަޖަލަކީ މުޅިން ހަރާމް ކަންކަންތޯ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ސުވާލު ކުރައްވައިފިއެވެ.
އާޒިމް މި ސުވާލު އުފެއްދެވީ މި މަހުގެ 15ވަނަ ދުވަހުން ފެށިގެން މި މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ކ.މާފުށީގައި ބާއްވަން ހަމަޖެހިފައިވާ ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގެ ޕޯސްޓަރު ހިއްސާކުރައްވައި އައްޝައިޚް ޝަފީޢު ޢަބްދުﷲ ދެއްކެވި ވާހަކައާ ގުޅިގެންނެވެ.
ޔޫތު މިނިސްޓްރީން އާންމުކޮށްފައިވާ އެ ޕޯސްޓަރުގައި ފަސް މީހުން ތިބިއިރު ދެ އަންހެނުން ތިބީ ބިކިނީގައެވެ.
ޝައިޚް ޝަފީޢު ވިދާޅުވީ އޭޝިއަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގެ ނަމުގައި އާންމުން ދިރިއުޅޭ ރަށެއްގައި އަންހެނުން ބިކިނީގައި ދައްކައިލެވޭ އިވެންޓެއް އިންތިޒާމު ކުރުމަކީ މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ޤާނޫނާއި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފުކަމެއް ކަމަށެވެ.
އެހެންކަމުން އެފަދަ މުންކަރާތެއް ހުއްޓައިލުމަށާއި, މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނާއި ގަވާއިދަށް ބޯލެނބުމަށް ހަރުއަޑުން ގޮވައިލައްވާކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.
މި ގޮތުން އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަރާމްކަމަށް ފުރަތަމަ ބުނީ ލަވަޔާއި މިއުޒިކާ ކަަމަށާއި, ''ދެން ޔޯގާ, އެއަށް ފަހު ބޮޑީ ބިލްޑިންގ ދެން ފުޓުބޯޅައާ އެހެނިހެން ކުޅިވަރު'' ކަމަށެވެ.
އެ ކަންކަން ފާހަގަ ކުރެއްވުމަށް ފަހު އާޒިމް ވަނީ ކުޅިވަރާ މަޖަލަކީ މުޅިން ހަރާމް ކަންކަންތޯ ސުވާލު ކުރައްވައިފައެވެ.