ޚަބަރު

ޗައިނާގެ ބޭންކަކުން ސިޔާމް ނެގި ލޯނެއްގެ މައްސަލައިގައި އަމީރާ ސުވާލު ކުރަނީ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ކުންފުންޏެއް ކަމަށް ވާ "އަހުމަދު ސިޔާމް ޕްރައިވެޓް ލިމިޓެޑް" އިން ޗައިނާގެ ބޭންކެއް ކަމަށްވާ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނަށް ފައިސާ ދެއްކުމަށް ދިވެހި ސަރުކާރަށް އެންގި މައްސަލައިގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ސުވާލު ކުރަން ހުށަހަޅައިފިއެވެ.

Ads by STELCO

ފިނޭންސް މިނިސްޓަރާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މީކާއިލް ފޮނުއްވި ސިޓީގައި ވަނީ 2017 ވަނަ އަހަރު ދައުލަތުން ސޮވެރިން ގްރެންޓީ ދީގެން ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ޑޮލަރުގެ މައްސަލާގައި ބައެއް ކަންކަން ސާފުކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.

މިގޮތުން ސަރުކާރުން ގެރެންޓީ ދީގެން ސިޔާމްގެ ކުންފުނިން ނެގި ލޯނެއް ޑިފޯލްޓް ވެފައިވޭތޯ އާއި އެލޯނު ސަރުކާރުން ދައްކަންޖެހޭ ގޮތަކީ ކޮބައިތޯއާއި އެކަމުގައި މާލީ ގޮތުން ކުރާނެ އަސަރަކީ ކޮބައިތޯ ސާފުކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. މީކާއިލް ވަނީ މިކަންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ލިޔުމުން ޖަވާބުދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، އެމަނިކުފާނާއި ގާތްގުޅުމެއް އޮންނަ ސިޔާމް ޕްރައިވެޓް ލިމިޑެޓަށް އެގްޒިމް ބޭންކުން ދޫކުރި ދެ ބިލިއަން ރުފިޔާގެ ލޯނަށް އޭރުގެ ސަރުކާރުން އޮތީ ސޮވެރިން ގެރެންޓީ ދީފައެވެ. އޭގެ ތެރެއިން 10 މިލިއަން ޑޮލަރު ޑިފޯލްޓްވުުމުން މި މަސްތެރޭގައި އެ ފައިސާ ދައްކަން އެ ބޭންކުން ސަރުކާރަށް އަންގާފައިވާކަމަށްވެއެވެ.

ސަރުކާރުން ދިން ސޮވެރިން ގެރެންޓީއާއި އެކު ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުން ސިޔާމްގެ ކުންފުނިިން އަންނަނީ ނ. ދިގުރަށުގައި ރިސޯޓެއް ތަރައްގީކުރަމުންނެވެ. މިއީ ރާއްޖޭގައި ހަދާ އެންމެބޮޑު ރިސޯޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!