ޚަބަރު

މާފަރު އެއާޕޯޓު ބޮޑު ކުރަން އީޕީއޭ އިން ހުއްދަ ނުދޭން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހިއްކައިގެން ބޮޑު ކުރަން ހުއްދަ ނުދޭން އެންވާރަމަންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ) އިން ނިންމައިފި އެވެ.

Ads by STELCO

އީޕީއޭއިން ހެދި އެންވާރަމަންޓަލް އިމްޕެކްޓް އެސެސްމަންޓުގެ މައްޗައް ބިނާކޮށް އެ އެޖެންސީން ބުނީ މާފަރު އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުގެ އަމާޒަކީ ބޮއިން 777 ގެ ޓުވިން ޖެޓް ޖެއްސުން ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބުތަކަކީ ދުރު ރާސްތާގައި އެކަމާ ގުޅިގެން ތިމާވެއްޓަށް ދިމާވާނެ ނޭދެވޭ އަސަރުތައް އަޅާބަލާއިރު އެކަށިގެންވާ ސަބަބުތަކެއް ނޫން ކަމަށެވެ. އަދި މާފަރު އެއާޕޯޓުގައި ބޮޑެތި ފްލައިޓުތައް ޖައްސާނީ ކިހާ ވަރަކަށް ކަމެއް ނޭނގޭ ކަމަށެވެ.

އީޕީއޭއިން ބުނީ ބޮޑު ކުރުމަށް ހިންގާ ބިން ހިއްކުމުގެ މަސައްކަތުން މާފަރު ފަޅުގެ ބޮޑު ބައެއް ދާއިމީކޮށް ގެއްލިގެންދާނެ ކަމަށާއި އޭގެ ސަބަބުން ވަށައިގެންވާ އީކޯ ސިސްޓަމްއަށް އަސަރު ކުރާނެ ކަމަށެވެ. އަދި މާފަރަކީ ވެލާ ބިސްއަޅުމުގައި މަޝްހޫރު ރަށެއް ކަމަށާއި ނަމަވެސް އެ މަޝްރޫއުގެ ސަބަބުން އެ ކަމަށް ސީދާ ނޭދެވޭ އަސަރު ކުރާނެ ކަމަށް އީޕީއޭއިން ބުންޏެވެ.

މާފަރު އެއާޕޯޓު ބޮޑުކުރުމަށް ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއަށް 22،000 ރުއްގަސް ކަނޑަށް ޖެހޭ ކަން އީޕީއޭ އިން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އެއާޕޯޓު މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވާ ސަރަހައްދަކީ ބައެއް މީހުންނަށް ގޯތި ދޫކޮށްފައިވާ ސަރަހައްދެއް ކަމަށާއި މިކަމަށްވެސް ގިނަ އަދަދެއްގެ ކަސް ކަނޑަން ޖެހޭނެތީ މިއީ ތިމާވެށީގެ ގޮތުން ބަލާއިރު ރަށުގެ ފެހިކަަމަށް އަދި ބިންގަނޑަށްވެސް އަސަރު ކުރާނެ ކަމެއް ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ

އިންޓަނެޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ މާފަރު އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ މި އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!