މާލެ ސިޓީގެ ރައްޔިތުންގެ ދެވަނަ ބައްދަލުވުން އަންގާރަ ދުވަހުގެ ރޭ ބާއްވަނީ

މި އަހަރުގެ މާލެ ސިޓީގެ ރައްޔިތުންގެ ދެވަނަ ބައްދަލުވުން އަންނަ އަންގާރަ ދުވަހުގެރޭ ބާއްވަން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ މާލެ ސިޓީގެ ރައްޔިތުންގެ ދެވަނަ ބައްދަލުވުން 19 ޖުލައި ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި ލޮނު ޒިޔާރަތް ޕާކުގައި އޮންނާނެ ކަމަށެވެ.
އަދި މި ބައްދަލު ވުމުގައި މާލެ ސިޓީ ކައުންސިލްގެ މުހިންމު މަސައްކަތްތަކެއް އިފްތިތާހް ކުރެވިގެންދާނެކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
''މި ބައްދަލު ވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަން.'' ސިޓީ ކައުންސިލުން ބުންޏެވެ.
މާލެ ސިޓީގެ ރައްޔިތުންގެ މި އަހަރުގެ ފުރަތަމަ ބައްދަލުވުމަށް ހޫނު ތަރުހީބެއް ލިބުނެވެ. ރައްޔިތުންގެ ޚިޔާލާއެކު ސިޓީ ހިންގުމަށް މާލެ ސިޓީ ކައުންސިލުން ބާއްވާ ރައްޔިތުންގެ ބައްދަލުވުމުގެ މި އަހަރުގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މިދިޔަ މާޗު މަހުގައެވެ.
ލާމަރުކަޒީ ޤާނޫނުގައި ބުނާ ގޮތުން ރައްޔިތުންނަށް ޢާންމުުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ދެ ފަހަރު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަން ޖެހެއެވެ.