ދުނިޔެ

ޖަޕާނުގައި ކޮވިޑް-19 ކޭސްތައް ވަރަށް ބޮޑަށް އިތުރުވެއްޖެ، އެއް ދުވަހުން ލައްކައަކަށްވުރެ ގިނަ މީހުން ބައްޔަށް ފައްސިވެފައިވޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖަޕާނުގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 110,000 އަށްވުރެ މައްޗަށް އަރައިފިއެވެ. މިއީ، އެ ޤައުމުގައި އެންމެ ދުވަހެއްގެ މިހާ ގިނަ އަދަދެއްގެ ބަޔަކަށް ކޮވިޑް ޖެހުނު ފުރަތަމަ ފަހަރެވެ. ޖަޕާނުގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، މިއީ އެ ޤައުމަށް ކުރިމަތިވެފައިވާ ކޮވިޑްގެ ހަތްވަނަ ރާޅެވެ.

Ads by Sosun Fihaara

ހަލުވިކަމާއެކު މި ބަލި ފެތުރެމުންދާތީ، ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ވަނީ ޞިއްޙީ ނުރައްކަލުގެ ހާލަތުގެ އެލަރޓް ލެވެލް އެންމެ މައްޗަށް އުފުލާފައެވެ. މިއީ، އޭޕްރިލް މަހަށް ފަހު އެލަރޓް ލެވެލް މިހާ މަތިކޮށްފައިވާ ފުރަތަމަ ފަހަރެވެ. ޓޯކިޔޯގައި ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު 10,100 އަށްވުރެ މައްޗަށް އަރާފައިވާއިރު، މިއީ މީގެ ހަފުތާއެއްގެ ކުރީގެ އަދަދުތަކާ އަޅައިބަލާއިރު 2.3 އިންސައްތަ އިތުރު އަދަދެކެވެ.

މި ދުވެލީގައި ކޭސްތަކުގެ އަދަދު އިތުރުވަމުންދާ ނަމަ، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު 23,000 އިން މައްޗަށް ހިނގައިދާނެ ކަމުގައި ޖަޕާނުގެ ޢާންމު ޞިއްޙަތާ ބެހޭ އޮފިޝަލުން އަންދާޒާ ކުރެއެވެ. އަދި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ އަދަދު 53,000 އަށް އަރާނެ ކަމަށް ވެސް ބެލެވެއެވެ.

މި ގޮތަށް ކޭސްތަކުގެ އަދަދު އިތުރުވަމުން ދާނަމަ، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ އަދާ ކުރުމަށް ހުރަސްއެޅި، އެއްވެ އުޅުމުގެ ފުރުޞަތު ޢާންމުންނަށް ގެއްލޭނެ ކަމަށް ބެލެވެއެވެ. އަދި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެ، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ބާރު ބޮޑުވެގެން ދާނެއެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 2,200 އަށްވުރެ މައްޗަށް އަރާފައެވެ. އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން 65 އިންސައްތަ މީހުންނަކީ އުމުރުން 60 އަހަރުން މަތީގެ މީހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!