ދުނިޔެ

މެދުއިރުމައްޗަށް ހަމަޖެހުން އަންނާނީ ފަލަސްތީނަށް މިނިވަންކަން ލިބުމުން: އުރުދުންގެ ރަސްގެފާނު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

1967 ވަނަ އަހަރު އެއްބަސްވެވުނުފަދައިން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރެވިގެން މެނުވީ، މެދުއިރުމައްޗަށް ރައްކާތެރިކަމާއި ހަމަޖެހުމާއި އަދި ތަނަވަސްކަމެއްވެސް ނާންނާނެކަމަށް އުރުދުންގެ ރަސްގެފާނު އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބްދުﷲ މިމޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ ހޮނިހިރު ދުވަހު ޖިއްދާގައި ބޭއްވުނު އަރަބި ލީޑަރުންގެ ސަމިޓް ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ads by Sosun Fihaara

އެމެރިކާގެ ރައީސް ޖޯބައިޑަން ވެސް ބައިވެރިވެ ވަޑައިގެންނެވި ސަމިޓްގައި ވާހަކަފުޅުދައްކަވަމުން އަބްދުﷲ ވިދާޅުވިގޮތުގައި، ސަރަހައްދަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ވެރިން މަޝްވަރާކުރައްވާއިރު، ސަރަހައްދުގެ ކާބޯތަކެތީގެ ޔަގީންކަން ހޯދުމާއި، ހަކަތައާއި ދަތުރު ފަތުރު އަދި ފެން ބެހޭނެ ގޮތް ފަދަ ކަންކަމުގައި ގައުމުތަކުން ގުޅިގެން އެޅެން ހުރިފިޔަވަޅުތައް ހޯއްދަވައި އެކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވުން މުހިންކަމުގައެވެ. އަދި މިކަންކަމުގައި ސަރަހައްދީ ބައިވެރިން ގުޅިގެން މަސައްކަތްކުރާއިރު ފަލަސްތީނުގެ ހާލަތާބެހޭގޮތުން ވިސްނައި އަދި ފަލަސްތީނުގެ އަޚުން މަޝްވަރާތަކުގައި ބައިވެރިކުރުންވެސް މުހިންމުކަމަށް ވިދާޅުވިއެވެ. އަދި 4 ޖޫން 1967ގައި އެއްބަސްވެފައިވާގޮތަށް، އިސްރާއީލާ އެކުއެކީ ފަލަސްތީނުގެވެސް މިނިވަން ދައުލަތެއް ގާއިމްވެވި، ފަލަސްތީނުގެ މައްސަލަޔަށް ހައްލެއްހޯދުމުގައި މިނިވަން ދެސްޓޭޓް ހިމެނޭ ހައްލަކަށް ދާންޖެހޭކަމަށާއި، އެއާއެކު އިރުމަތީ ޖެރޫސަލަމަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ކަނޑައެޅިގެން މެނުވީ، ސަރަހައްދަށް ގެންނަން އެދޭ ހަމަޖެހުން ނާންނާނެކަމަށެވެ.

އަބްދުﷲ ވިދާޅުވީ، އަޚުވަންތަ ގައުމުތަކުގެ މައްސަލަތަކުގައި އެހީވުމުގެ ގޮތުން އުރުދުންއިން ސީރިޔާގެ އެއްމިލިއަން ރެފިއުޖީންނަށް ހިމާޔަތްދީފައިވާކަމަށާއި، އެމީހުންނަށްބޭނުންވާ އިންސާނީ، ސިއްހީ، އަދި ތައުލީމީ ޚިދުމަތް ދެމުން ގެންދާކަމަށެވެ. މިއާއެކު ހަތިޔާރާއި ޑްރަގްސް އެތެރެކުރަން އުޅޭ އުޅުން ހުއްޓުވަންޖެހުން މީއީ އުރުދުންއަށް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުމެއްކަމަށް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!