އަންހެން ކުދިންގެ ހިތްތައް ކަތިލި 'މަސިންމޯ' ބޮލީވުޑަށް؟

ނެޓްފްލިކްސް ގެ "365 ޑޭޒް" ގެ މަސިންމޯ ގެ ރޯލު ކުޅުނު އިޓަލީގެ އެކްޓަރު މިކޭލް މޮރޯން އަކީ ގިނަ އަންހެން ކުދިންގެ ހިތްތައް ކަތިލި ފަންނާނެކެވެ.
ދާދި ފަހުން ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި މިކޭލް ވަނީ ބޮލީވުޑަށް ނިކުތުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
އެގޮތުން މިކޭލް ބުނީ ބޮލީވުޑުން ވެސް ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ އޭގެ ބޭނުން ނުހިފަންވީ ސަބަބެއް ނެތް ކަމަށާއި އޭނާ ހުރީ ލިބޭ ކޮންމެ ރަނގަޅު ފުރުސަތެއްގެ ބޭނުން ހިފަން ތައްޔާރަށް ކަމަށެވެ.
ބޮލީވުޑުން ހުށަހެޅުމެއް އައިސްފިނަމަ އެކަން ވަރަށް ސީރިއަސް ކޮށް ނަގާނެ ކަމަށް ވެސް މަސިންމޯ ބުނެފައިވެއެވެ.
"365 ޑޭޒް" އަކީ އަންހެނެއްގެ ނާޖާއިޒު ބޭނުން ފިރިހެނަކު ހިފާ ގޮތް ދައްކުވައިދޭ ފިލްމަކެވެ. މި ފިލްްމު ނެޓްފްލިކްސް އަށް ދޫކޮށްލުމާއެކު ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް، ފިލްމުގެ ވާހަކައަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވިއެވެ. އަދި މި ފިލްމު ނެޓްފްލިކްސް އިން ނެގުމަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެއެވެ.