ފަނޑިޔާރުކަމުން ވަކިކުރަން ނިންމި ޢަބްދުއްރަޢޫފް ސްޓެލްކޯގެ ލީގަލް ކޮންސަލްޓޭންޓުގެ މަޤާމަށް

ހައިކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވަނިކޮށް އިސްތިއުފާދެއްވި ކުރީގެ ފަނޑިޔާރު ޢަބްދުއްރަޢޫފް އިބްރާހިމް ސްޓެލްކޯގެ ލީގަލް ކޮންސަލްޓޭންޓުގެ މަޤާމަށް އައްޔަންކޮށްފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުން ޢަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވީ 31 މޭ 2022 އިން ފެށިގެންނެވެ. އޭނާ އިސްތިއުފާދެއްވީ ޖޭއެސްސީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ފަނޑިޔާރުކަމުގެ މަޤާމުން އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމައި, އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.
ޢަބްދުއްރައޫފް އިބްރާހީމާއި ހައިކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދާާ ގުޅޭ ގޮތުން ޖޭއެސްސީން ބެލީ ރައީސް ޢަބްދުﷲ ޔާމިންގެ ވެރިކަމުގައި އަގުހެޔޮކޮށް ވިއްކި ފުލެޓެއް ޤާނޫނު އަސާސީއާ ޚިލާފަށް ބައްލަވައިގެންނެވިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. ނަމަވެސް ޖޭއެސްސީން މި މައްސަލަ ބެލުމަށްފަހު, މަޖިލީހަށް ހުށަހެޅުމުން ޖުޑިޝަރީ ކޮމިޓީން ނިންމީ މައްސަލައިގައި ފުރިހަމަކުރަންޖެހޭ އިޖުރާޢަތުތައް ޖޭއެސްސީން ފުރިހަމަކޮށްފައިނުވާ ކަމަށެވެ.
ފަނޑިޔާރު ޢަބްދުއްރަޢޫފް އިބްރާހިމް ސްޓެލްކޯގެ ލީގަލް ކޮންސަލްޓޭންޓުގެ މަޤާމަށް އައްޔަންކޮށްފައިވާއިރު އެ ކުންފުނީގެ ލީގަލް ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާގެ މަޤާމަށް ވަނީ ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޙައްމަދު ޙަލީމް (ހަލީމް ބާއީ) ވެސް އައްޔަންކޮށްފައެވެ.