ދުނިޔެ

އިސްރާއީލުން ބެއިރޫތު ގޮވުން ސިފަ ކުރީ އުފާ ފާޅުކުރަން އެރުވި 'ހަވާ' ތަކެއްގެ ގޮތުގައި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ހިނގައިދިޔަ ބާރުގަދަ ގޮވުމުގެ ހާދިސާއާއެކު މުޅި ދުނިޔެއަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު ސަތޭކައަށް ވުރެ ގިނަ ވެފައިވާއިރު އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ.

Ads by Sosun Fihaara

ނަމަވެސް މި ދަނޑިވަޅުގައި ވެސް، އިސްރާއީލުން މި ހާދިސާ ސިފަކޮށްފައިވަނީ ވަރަށް އުފާވެރި ކަމެއްގެ ގޮތުގައެވެ.

އެގޮތުން އިސްރާއީލުގެ ސިޔާސީ ލީޑަރެއް ކަމަށްވާ މޯޝޭ ފެއިލިން ބެއިރޫތު ހާދިސާ ގެ ފޮޓޯ އެއް މީސް މީޑިއާގައި ހިއްސާކޮށް ބުނެފައިވާ ގޮތުގައި މިއީ އިސްރާއީލަށް ދިމާވި އެންމެ ރަނގަޅު ދުވަސްތަކުގެ ތެރެއިން ދުވަހެއް ކަމަށެވެ.

ގޮވުން ހިނގި ވަގުތު އެއީ އިސްރާއީލަށް ކުރިމަތިވި ވަރަށް އުފާވެރި ވަގުތުކޮޅެއްގެ ގޮތުގައި އޭނާ ސިފަކޮށްފައިވާއިރު، އޭނާ ބެއިރޫތުގެ އަލިފާން ގަނޑު ސިފަކޮށްފައިވަނީ އިސްރާއީލުގެ ލޯބިވެރިންގެ ދުވަސް ފާހަގަކުރުމަށް އެރުވި ހަވާތަކެއްގެ ގޮތުގައެވެ.

މި ގޮވުމުގެ ފަހަތުގައި އިސްރާއީލްގެ އަތެއް ވާ ކަމަށް މީގެ ކުރިން ވަނީ ތުހުމަތު ކުރެވިފައެވެ. ނަމަވެސް އިސްރާއީލުން ވަނީ އެކަން ދޮގުކޮށްފައެވެ.

ބެއިރޫތުގައި ރޭގެ ވަގުތެއްގައި ހިނގާދިޔަ ގޮވުމުގެ ސަބަބުން މިހާތަނަށް 300,000 މީހުންގެ ގެދޮރު ގެއްލި، 5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް އެގައުމުގެ ގަވަރުނަރު މަރުވާން އަބޫދު ވަނީ ވިދާޅުވެފައެވެ.

މި ގޮވުމުގެ ސަބަބުން ދިރިއުޅެމުން އައި ތަންތަން ސުންނާފަތިވެފައިވާ ފަރާތްތަކުގެ ތެރެއިން 1000 އާއިލާއަށް އެގައުމުގެ ރެޑް ކްރޮސްގެ ފަރާތުން މިހާރު ވަނީ ވަގުތީ ހިޔާ ދީފައެވެ. 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!