ރިޕޯޓް

"އަހަރެންގެ ހުވަފެންތަކަށް ނުވާނެޔޭ ބުނި މީހުން މިއަދު އަހަރެންގެ ގާތުން އެދެނީ ލަފައަށް"

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮންމެ މީހަކީވެސް ދިރިއުޅުމުގައި ހުވަފެންތަކެއް ދެކޭނެ މީހެއްކަން ޔަގީނެވެ. އަދި އެހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި މަސައްކަތް ކުރާނެކަން ވެސް ގައިމެވެ. އަދި ހަމަ އެހެންމެ އެހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި އެހެން މީހުންގެ ކިބައިން މަދަދަށް ވެސް އެދެން ޖެހޭނެއެވެ. އާނއެކެވެ. ދިރިއުޅުމުގައި ކޮންމެ މީހަކުވެސް އެހެން މީހުންގެ އެހީތެރިކަން ބޭނުންވާނެކަން ކަށަވަރެވެ.

Ads by MWSC

ދައްކަން މިއުޅެނީ ދިވެހި ޒުވާނެއްގެ ވާހަކައެވެ. ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ކުޑައިރުއްސުރެ ހުވަފެންތަކެއް ދެކެމުން އައި ދިވެހި އަންހެން ކުއްޖެއްގެ ވާހަކައެކެވެ. އެގޮތުން ނޫސްވެރިކަމުގެ ދާއިރާއަށް ނިކުތުމަށް ޓަކައި ފުރަތަމަ އޭނާ ކުރި މަސައްކަތުން ލިބުނު ޖަވާބުން އޭނާގެ ހިތަށް ވަރަށް އަސަރު ކުރި ކަމުގައި އޭނާ ބުންޏެވެ.

ނަން ހާމަ ނުކުރުމަށް މިއަދު ކާމިޔާބު ނޫސްވެރިއެއްގެ ގޮތުގައި ރާއްޖޭގެ އޮންލައިން ނޫހަކަށް މަސައްކަތް ކުރަމުން އަންނަ މި އަންހެން ކުއްޖާ ވަނީ އޭނާގެ ވާހަކަތައް ދެން އެމްވީ އާއި ހިއްސާ ކޮށްފައެވެ.

"އަހަރެންނަކީ އަބަދުވެސް ނޫސްވެރިކަމަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. އެގޮތުން ސުކޫލް ދައުރުންސުރެ ވެސް އެކި ކަހަލަ އެކި ދާއިރާ ތަކުގެ ލިޔުންތައް ލިޔެ އުޅުނީމެވެ. ޚަބަރު ލިޔުމާއި ކިޔުމަކީ އެންމެ ކުޑައިރުއްސުރެ ވެސް އަހަރެން ވަރަށް ކުރާހިތުން ކުރާ ކަމެކެވެ. ލިޔާ ލިޔުންތަކަށް ކިޔަވައިދިނުމަށް ވަޑައިގެންނެވި ދިވެހި މުދައްރިސުންގެ ފަރާތުންވެސް ތައުރީފާއި ސަނާގެ ބަސްތައް އަބަދުމެ ލިބެމުން ދިޔައެވެ.

ކޮންމެއަކަސް ކޮންމެ ދުވަހަކުމެ އަހަރެން ދިޔައީ ނޫސްވެރިކަމުގެ ދާއިރާއަށް ނިކުތުމަށް ޓަކައި ފޮނި އުއްމީދު ތަކެއް ކުރަމުންނެވެ. އަދި އެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް އަހަރެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އަޒުމް ކަނޑައެޅީމެވެ. އަހަރެންގެ ލިޔުންތައް އަހަރެންގެ އާއިލާގެ މީހުންނަށް ވެސް ވަރަށް ކަމުދިޔައެވެ.

ދުވަސްތައް މާޒީވަމުން ގޮސް ކޮންމެއަކަސް އަހަރެންގެ ބޭބެގެ ރައްޓެއްސަކު އޮންލައިން ނޫހެއް ހިންގަން އުޅޭ ކަމަށް ބޭބެ އަހަރެންގެ ގާތުގައި ބުންޏެވެ. އަދި އެ މީހުންގެ އޮންލައިން ނޫހަށް މުވައްޒަފުން ނަގަން އުޅޭ ކަމަށާއި ބޭބެއަށް އަހަންނަށް އެހީތެރިވެދެވޭނެ ކަމުގައި ބުންޏެވެ. 

ކޮންމެއަކަސް ބޭބެގެ ފަރާތުން އަހަރެންނާ އެމީހުންނާ ބައްދަލުވެ އެމީހުން އަހަރެންނާ އެންމެ ފުރަތަމަ ހަވާލު ކުރި މަސައްކަތަކީ އަހަރެން ބޭނުންވާ މައުޟޫޢުއަކަށް ލިޔުމެއް ތައްޔާރުކުރުމެވެ. އަހަރެން ލިޔުނީމެވެ. ވަރަށް ލިޔާ ހިތުންނެވެ. ވަރަށް އުއްމީދާ އެކުގައެވެ. ނޫސްވެރިކަމުގެ ދާއިރާއަށް ނިކުމެވޭނެ ކަމަށް ވަރަށް އުއްމީދުކޮށްގެން ހުރެއެވެ.

ނަމަވެސް ކަންތައްވީ އަހަރެން އުއްމީދު ކުރި ގޮތަކަށް ނޫނެވެ. އެ ލިޔުން ކިޔުމަށްފަހު އަހަރެންނާ ބައްދަލު ކުރުމަށް އެމީހުން ބޭނުންވާ ކަމުގައި ބުންޏެވެ. އަދި ރެސްޓޯރަންޓަކަށް ކޮފީއަކަށް ދިއުމަށް ދައުވަތު ދިނެވެ. އަހަރެން ދިޔައީމެވެ. ވަރަށް އުއްމީދާ އެކުގައެވެ. އަހަރެންގެ ލިޔުން އެމީހުންނަށް ކަމުދިޔައީ ކަމުގައި އުއްމީދު ކޮށްގެންނެވެ.

ކޮފީއަށް ގޮސް އެމީހުން ބުނި ބަސް އަހަރެންގެ ހިތުގައި އަދިވެސް ހަރުލާފައި އެބަހުއްޓެވެ. އެ ބަސްތައް ދުވަހަކުވެސް އަހަރެންގެ ހަނދާނަކުން ފިލައިގެނެއް ނުދާނެކަން ޔަގީނެވެ.

އަހަރެންގެ ގާތުގައި އެމީހުން ބުނީ އަހަރެންގެ ލިޔުންތެރިކަމުގެ އެއްވެސް ހުނަރެއް ނެތް ކަމަށެވެ. އަދި ލިޔުންތެރިކަން ކީއްކުރަން ހެއްޔެވެ. ނޫސްވެރިކަމުގެ ހުނަރެއްވެސް އަހަރެންގެ ކިބައިގައި ނެތް ކަމަށް އެމީހުން ބުންޏެވެ. އަދި އަހަރެންނާ ދިމާލަށް "ތިކަމެއް ނުވާނެޔޭ" ވެސް ބުންޏެވެ.

މައްސަލައެއް ނެތެވެ. އެމީހުންނަށް އަހަރެންގެ ލިޔުން ކަމު ނުދިޔައީ ކަމުގައި ވެދާނެއެވެ. އަހަރެންގެ ކިބައިގައި ލިޔުންތެރިކަމާއި ނޫސްވެރިކަމުގެ ހުނަރު ނެތްކަމުގައި ހީކުރަނީ ކަމުގައި ވެދާނެއެވެ. އެކަމާ އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތެވެ. ނަމަވެސް އަހަރެންގެ މައްސަލަ އަކީ އަހަރެންނަށް އެކަން ނުވާނެޔޭ އަހަރެންނާ ދިމާލަށް ބުނުމެވެ. ގަދައަޅައި މަސައްކަތް ކޮށްފި ނަމަ ކޮންމެ ކަމަކީ ވެސް ކާމިޔާބު ވާނޭ ކަމެއް ކަމުގައި އަހަރެން ގަބޫލު ކުރާތީއެވެ. ހިންމަތާއެކު މަސައްކަތް ކޮށްފި ނަމަ އެކަން ވާނެކަން އެނގޭތީއެވެ. މިއަދު ނުވިޔަސް މާދަމާވިޔަސް އެކަންވާނެ ކަމުގެ އުއްމީދު އޮތީތީއެވެ. ކާމިޔާބަކީ ވަކި މީހެއްގެ ހަރު މުދަލެއް ކަމުގައި ނުވާތީއެވެ.

އަހަރެން އެދުވަހު ވަރަށް މާޔޫސް ވިއެވެ. އަހަރެންނަށް މިކަން ވާނެބާވައޭ ހިތަށް އަރާ އަމިއްލަ ނަފުސާ މެދު ސުވާލުވެސް އުފެއްދީމެވެ. ނަމަވެސް އަހަރެންގެ އާއިލާއާއި ރަހުމަތްތެރިންގެ ހިތްވަރުގެ ބަސްތަކާއެކު އަހަރެން އިތުރަށް ކުރިއަށް ދިއުމަށް ބޭނުންވިއެވެ. އަދި ދެންވެސް އަހަރެންގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް  ގަދައަޅާ މަސައްކަތް ކުރުމަށް ނިންމީމެވެ.

އަހަރެން ރާއްޖޭގެ މަޝްހޫރު ދެ ޗެނަލްއެއްގެ ވަޒީފާގެ އިންޓަވިއު އަށް ދިޔައީމެވެ. ނަމަވެސް އަހަރެންނަށް އެދެތަނުން ވެސް ވަޒީފާއެއް ނުލިބުނެވެ. ނަމަވެސް އަހަރެން އެހާ މާޔޫސްވާ ފަދަ ޖަވާބެއް އެދެތަނަކުން ނުދެއެވެ. އަހަރެން ގަދައަޅައި މަސައްކަތް ކުރަމުން ގެންދިޔައީމެވެ. ނޫސްވެރިކަމުގެ ދާއިރާއަށް ލޯހުޅުވާލުމަށް ޓަކައި އަލިމަގެއް ފެނޭތޯ އަހަރެން ހުރީ ކެތްމަދުވެފައެވެ.

އަހަރެން ﷲގެ ހަޟްރަތުގައި އަބަދުމެ ދަންނަވަމުން ދިޔަ ދުއާ އަކީ އެއީ އެވެ. އަބަދުމެ ގަދައަޅައި ކުރަމުންދިޔަ މަސައްކަތަކީ ވެސް އެއީ އެވެ. ﷲގެ އިރާދަފުޅާއެކު އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިއަކު އަހަރެންނަށް ރާއްޖޭގައި މިހާރު ވެސް އެންމެ ނަން ހިނގާ އެއް ނޫހުން ވަޒީފާގެ ފުރުސަތު ހޯދައިދިނެވެ. އަހަރެންގެ ލިޔުންތައް އެމީހުންނަށް ވަރަށް ކަމުދިޔައެވެ.

އެއީ އަހަރެން ހަމަ ހަގީގަތުގައިވެސް ވަރަށް އުފާވި ދުވަހެކެވެ. އަހަރެން ކުރަމުން އައި ދުއާ މާތް ﷲ އިޖާބަ ކުރެއްވީތީ އެކަލާނގެ ހަޟްރަތަށް ހަމްދާއި ޝުކުރު ކުރަމެވެ. އަހަރެން އެ ނޫހުގައިވެސް މަސައްކަތް ކުރަމުން ދިޔައީ ވަރަށް ކުރާ ހިތުންނެވެ. އަދި އޭގެ ފަހުން އެއަށް ވުރެން ރަނގަޅު ފުރުސަތެއް ލިބުމުން އެހެން އޮންލައިން ނޫހަކަށްވެސް ބަދަލު ވީމެވެ.

މިހާރު އަހަރެން ނޫސްވެރިކަމަށް ނިކުތްތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އިރު މިއަދު އަހަރެން މަސައްކަތް ކުރަމުން މިދަނީ ވެސް ރާއްޖޭގައި މިއަދު އެންމެ ނަން ހިނގާ ނޫސްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ނޫހެއްގައެވެ. އެދުވަހު އަހަރެންނާ ދިމާލަށް ނޫނެކޭ ބުނި މީހުން މިއަދު އަހަރެންގެ ފަރާތުން އެހީތެރިކަމަށް ވެސް އެދެއެވެ.

އެގޮތުން ބައެއް ކަންތައްތަކުގައި މައުލޫމާތު ހޯދުމަށް ޓަކައިވެސް އެމީހުން އަހަންނަށް ގުޅާ ހަދައެވެ. އަހަރެން ހެޔޮހިތުން އެމީހުންނަށް އެހީތެރިވެދީ ހަދަމެވެ. ނަމަވެސް އަހަރެންގެ ހިތުގައި އެދުވަހު އެމީހުން ބުނި ބަސްތައް އަބަދުމެ ބިންވަޅު ނެގިފައި ހުންނާނެ ކަން ގައިމެވެ.

އަހަރެންނަށް އެނގުނު ކަމަކީ ދިރިއުޅުމުގައި އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫންކަމެވެ. މިއަދު އަހަރެންގެ ލިޔުންތައް ކިޔާ މީހުން ބައިވަރެވެ. އަދި އެކަމާ އަހަރެން ނުހަނު އުފާވެއެވެ.

ނަމަވެސް އަހަރެންގެ ހިތުގައި އެ މީހުންނަކަށް އެއްވެސް ހިތްބުރަ ކަމެއް ނެތެވެ. އެމީހުންނަށް އަހަރެން އަދިވެސް އެދެނީ ކުރިއަށް އޮތް ދުވަސްތަކުގައި ކާމިޔާބީއަށެވެ."

މިއީ ދިވެހި ނޫސްވެރިއަކަށް ދިމާވި ކަމެއްގެ ވާހަކައެވެ. އެމީހެއްގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ޓަކައި ކުރާ މަސައްކަތުގައި އެމީހަކާ ދިމާލަށް " ނުވާނެޔޭ" ބުނުމުން ވާނެ ދެރަ އެނގޭނީ އެމީހަކަށެވެ. މިފަދަ ކިތައް މީހުން އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ނުހެދޭނެ ކަމަށް ނިންމާ "ގިވްއަޕް" ކޮށްފައިވެސް ހުންނާނެ ހެއްޔެވެ؟ އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫނެވެ. ކާމިޔާބަކީ ހިންމަތާއެކު މަސައްކަތް ކުރާ ކޮންމެ މީހެއްގެ ވެސް ހައްގެއްކަން ޔަގީނެވެ. އެއީ ވަކި މީހެއްގެ މިލްކެއް ނޫނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!