ގޯއްޗަށް އެދުމުގައި އެހީވުމަށް އެމްޑީޕީން މާލޭގައި ސެޝަންތަކެއް
މާލޭ ރައްޔިތުންނަށް ދޫކުރުމަށް ހުޅުވާލާފައިވާ ގޯއްޗާއި ފްލެޓަށް އެދުމުގައި އާންމުންނަށް އެހީތެރިވުމުގެ ގޮތުން އެމްޑީޕީން މާލޭގައި ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
މާލެ ސަރަހައްދުން ދޫކުރަން ސަރުކާރުން ނިންމައިފައި ވަނީ 5،000 ގޯއްޗެވެ. އޭގެ ތެރެއިން 3000 ގޯއްޗަށް އެދުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އެމްޑީޕީން މިއަދު ބުނީ އެމްޑީޕީގެ އެންމެ އިސް އެއް ސިޔާސަތު ކަމުގައިވާ ރައްޔިތުން ގެދޮރުވެރި ކުރުމުގެ ސިޔާސަތު ތަންފީޛު ކުރުމުގެ ގޮތުން ސަރުކާރުން މާލޭ ސަރަހައްދަށް ހާއްސަ ކުރެވޭ ގޯތި އަދި ފްލެޓްތަކަށް ފޯމް ހުށަހެޅުމަށް އެހީތެރިވެދިނުމަށް މިރެއިން ފެށިގެން މި ސެޝަން އޮންނާނެ ކަމަށެވެ.
މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 20:00 އިން 22:30 އަށް ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ދަނޑިކޮށި ޖަގަހައިގަ އެވެ.
ގޯއްޗަށް އެދި ހުށަހަޅާ ފޯމު އޮންލައިންކޮށް ހުށަހަޅަން ޖެހޭތީ ފުރަން ދަތިވާ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވޭ ގޮތަށް މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ދެ ހެލްޕް ޑެސްކެއް ބަހައްޓައިފައެވެ.