ޖީލެއް ބިނާކުރުމުގައި ގިނަ ވިންތަކެއް ހޯދާފައިވާ ވިންސެންޓް ސަރގެ ވާހަކަ
(ލ.ފޮނަދޫ) ކޮއްކޮ ގޮވައިގެން ސްކޫލަށް ލައިދޭން މީގެ ދެތިން ދުވަސް ކުރިން ދިޔައިރު، ބައިސްކަލެއްގައި އެންމެނަށް ސަލާން ގޮވަމުން ސްކޫލުގެ މައި ގޭޓް ކައިރީގައި މަޑުކޮށްލީ އަހަރެން ސްކޫލުގެ އެންމެ ކުރީގެ ހަނދާންތައް ހުންނައިރު ވެސް އެތަނުގައި މަސައްކަތް ކުރަމުން ދިޔަ އެއް ޓީޗަރެވެ. އަހަރެންނަށް ގްރޭޑް 6 އެއްގައި ޖެރަނަލް ސައިސް ކިޔަވައިދިން ވިންސެންޓް ސާރއެވެ.
އިންޑިއާގެ ކެރެލާގެ ޓްރިވެންޑްރަމްއަށް އުފަން ވިންސެންޓް މައިކަލް (44އ.) އަކީ، ލާމު އަތޮޅުގެ ވެރިކަން ކުރާ ރަށް، ލ. ފޮނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި ފިޒިކްސް ކިޔަވައިދެމުން އަންނަ ޓީޗަރެކެވެ.
ސަލާންގަލާންކޮށްލާ، އަދި ވެސް ރާއްޖޭގައިތޯ މަސައްކަތް ކުރަނީ ސުވާލުކޮށްލުމުން ވިންސެންޓް ސަރ ބުނީ, މިއީ އޭނާގެ ވެސް ވަޒަން ކަމަށެވެ. އެ ޖަވާބުން އަހަރެން ވަރަށް ޝައުޤުވެރި ކުރުވިއެވެ. އަދި އޭނާގެ ވާހަކަތައް އަޑު އަހާލަން ބޭނުންވެގެން ކޮފީއަކަށް ދައުވަތު ދިނީމެވެ.
އަމިއްލަ އާއިލާއާ ދުރުގައި ޖީލެއް ބިނާ ކުރުމަށް ދަހަރަކާއި ބައި
ވިންސެޓް ސަރ ކިޔަވައިދިނުމުގައި ހޭދަކޮށްފައިވާ ދަހަރަކާއި ބައިގެ ވާހަކަތައް ފެށީ އޭނާ އުފަން ޓްރިވެންޑްރަމް ހުންނަ ރޯފާ މިސްޓިޗާ އޯފަނޭޖް ހައި ސްކޫލުގެ ޕްރިންސިޕަލަށް އުޅުނު ދުވަސްވަރުންނެވެ. ޓްރިވެންޑްރަމްގައި އޭނާ ހޭދަކުރި ދުވަސްވަރު ދިވެހިންގެ ވާހަކަތައް އޭނާއައަށް އަޑުއިވެއެވެ. ބޭސްފަރުވާއަށް ދާ ދިވެހިންނާ ދިމާވެއެވެ. ދިވެހި ރާއްޖެއަށް އޭނާގެ ޝައުޤުވެރިކަން ހުއްޓުނީ އެހާ ހިސާބުންނެވެ.
ނޫހެއްގައި ޓީޗަރުން ރެކްރޫޓް ކުރާ އެޖެންސީއަކުން ރާއްޖެއަށް ފިޒިކްސް ޓީޗަރުން ބޭނުންވެގެން ކުރި އިއުލާނު ފެނި ރާއްޖެއަށް ދާން އޭނާ ދެކުނު ހުވަފެނުގައި ކުލަ ޖެއްސިއެވެ. އޭރު ކިޔަވައިދިން ސްކޫލުގެ ދަރިވަރުންނަށް ފަހުގެ ސަލާމުން އަލްވަދާއު ކިޔާ، ބެންގަލޫރަށް ދާ ރޭލަށް އެރީ، ފަހަރުގައި ވެސް 14 އަހަރު ރާއްޖޭގައި ހޭދަ ކުރާނެ ކަމުގެ އުންމީދުގައެއް ނޫނެވެ.
ބެންގަލޫރުން އިންޓަރވިއުއިން މަތިން ފާސްވެ، 2007 ވަނަ އަހަރު ދިރާސީ އައު އަހަރު ފެށިއިރު، ވިންސެންޓް ސާރ ހުރީ، ލާމު އަތޮޅު ތައުލީމީ މަރުކަޒުގައެވެ. އޭރު އޭނާގެ އުމުރުން 29 އަހަރެވެ.
އައު މުޖުތަމައެއްގައި ފުރަތަމަ ވިންސެންޓް ސަރއަށް ކުރިމަތިވީ ހުސް ތަކުލީފެވެ. އައު ޘަޤާފަތަކަށް ހޭނެން ޖެހުނެވެ. އައު މާހަލެއްގައި، ތަފާތު އަޚްލާޤެއްގެ ކުދި ބަޔަކަށް ކިޔަވައިދެން ޖެހުނެވެ. ދެ ފަހަރަކު މުޅިން އުންމީދު ވެސް ދިޔައެވެ.
"ދަރިފުޅާއި، މައިންބަފައިންނާއި އަނބިމީހާ ދޫކޮށްލާފައި މިކޮޅުގައި މިހާ ގިނަ ދުވަސް ހޭދަ ކުރަން ޖެހުމުން ފުރަތަމަކޮޅު ވަރަށް ބޮޑު ހިތާމައަކަށްވި. މިކޮޅަށް އައިތާ ދެވަނަ އަހަރު ރިޒައިން އަށް ވެސް ލިން" އިނގެރޭސި ބަހުން އޭނާގެ ޙަޔާތުގެ ވާހަކަތައް ކިޔައިދެމުން ވިންސެންޓް ސަރ ބުންޏެވެ.
ވިންސެންޓް ސަރ ރާއްޖެއަށް ދިރިއުޅުން ބަދަލު ކުރި އަހަރުގެ ކުރީ އަހަރު އޭނާއަށް އަލަތު ދަރިއެއް ވަނީ ލިބިފައެވެ. އެހެން ޤައުމެއްގައި އަހަރުގެ ބޮޑުބައި ހޭދަ ކުރަން ޖެހުމުން ބޮޑު ތަކުލީފަކަށްވި ނަމަވެސް, އެކަން ކުރަން ވިންސެންޓް ސަރ ހުރީ ފޫގަޅައިގެންނެވެ. ފުރަތަމަ ފަހަރަށް ބައްޕައާއޭ ކިޔާފައި ދަރިފުޅު ގޮވާލިތަން ވެސް ވިންސެންޓް ސަރ ބަލަން ޖެހުނީ ވީޑިއޯ ޗެޓަކުންނެވެ.
މިއަދު ތިން ކުދިންގެ ބައްޕައެއް ކަމުގައިވާ ވިންސެންޓް ސަރ ކޮންމެ އަހަރެއްގައި ވެސް އާއިލާއާއެކު ހޭދަކުރެވެނީ ގިނަ ވެގެން ދެ މަހެވެ. އެއީ ޓާމު ބަންދުގެ ދުވަސްތަކެވެ. އަތޮޅު ތެރޭގެ ރަށެއްގައި ދިރިއުޅެން މަޖުބޫރުވުމުން ބަންދުގައި އިންޑިއާއަށް ދަތުރު ކުރަން ކުރަން ވެސް ވަނީ ތަކުލީފަކަށް ވެފައެވެ.
ކިޔަވައިދިން ދަރިވަރުން މިއަދު ޓީޗަރުންނަށް، ހުވަފެނަކީ 100 އިންސައްތަ ދިވެހި ޓީޗަރުން ލާމު އޭސީސީއިން ފެނުން
ލާމު އަތޮޅު ތައުލީމީ މަރުކަޒުގައި ވިންސެންޓް ސަރ ކިޔަވައިދެން ފެށިއިރު، އެތަނުގައި 28 އިންޑިއާ ޓީޗަރުން ދިޔައީ މަސައްކަތް ކުރަމުންނެވެ. މިއަދު އެ ނަންބަރު ހުރީ 6ގައެވެ. މިއީ އޭނާގެ ވެސް އުންމީދެވެ. ދެކުނު ހުވަފެނެކެވެ.
އަހަރެން އައިތާ ދެވަނަ އަހަރު އެއީ މި ސްކޫލުގެ 25 ވަނަ އަހަރީ ދުވަސް. އެ ދުވަހު ވަޅުލި ޓައިމް ކެޕްސުލްގައި އަހަރެން ލިޔުނިން، މިތަނުގައި 100 އިންސައްތަ ދިވެހި ޓީޗަރުން މަސައްކަތް ކުރުމަކީ އެންމެ ބޮޑު ހުވަފެނޭ
ވިންސެންޓް ސަރ ކިޔަވައިދިން ތިން ދަރިވަރަކު މިއަދު އެދަނީ ލާމު އޭއީސީގައި ޓީޗަރުންގެ ގޮތުގައި ކިޔަވައިދެމުންނެވެ. މިއީ އޭނާގެ ޙަޔާތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަ ކުރެއެވެ.
އަބަދުވެސް ބަލަން ޓެލެންޓް ސްޕޮޓް ކުރެވޭތޯ. ކިޔެވުން އެންމެ ރަނގަޅު ނޫން ދަރިވަރަށް ވެސް ކިޔަވައިދެވޭތޯ، އަދި މޮޅު ދަރިވަރުގެ ޙައްޤުތައް ވެސް ރައްކާތެރިކޮށްދެވޭތޯ
މީގެ ކުރިން އަހަރެން ޓީޗަރުންނާ ކުރި ހުރިހާ އިންޓަރވިއުއެއްގައި ވެސް ޓީޗަރުން ދައްކަނީ ކްލާހުގައި ރަނގަޅު ނޫން ދަރިވަރަށް ކިޔަވައިދޭން އުޅޭ ވާހަކައެވެ. ނަމަވެސް ވިންސެންޓް ސަރގެ ރައުޔު ތަފާތެވެ. ކިޔަވަން ނޫޅޭ ދަރިވަރުންގެ ސަބަބުން ކިޔަވަން ބޭނުންވާ ޙައްޤުތައް ނިގުޅައިގަނެވޭ ވާހަކަ ޓީޗަރެއްގެ އަނގައިން އަދި އަޑު މިވުނީ އަލަށެވެ. ކަންމިހެން ހިނގާނަމަވެސް މި ވާހަކަ ދައްކާކަށް ގިނަ ފަހަރު ޓީޗަރުން ބޭނުން ނުވާ ކަހަލައެވެ.
ފަހަރުގައި ވިންސެންޓް ސަރ އެންމެންގެ ފޭވްރިޓަކަށްވީ ސަބަބަކީ މިއީ ކަމުގައި ވެދާނެއެވެ. އެންމެމޮޅު ދަރިވަރާއި އެންމެ ކުޅަދާނަ ނޫން ދަރިވަރާއި ދެމެދުގައި ގެންގުޅޭ ހަމަހަމަކަން ސަބަބެއް ކަމުގައި ވެދާނެއެވެ. މޮޅު ޓެލެންޓް ވަކިކޮށް ދޭ ޚާއްސަ ސަމާލު ކަމެއްގެ ސަބަބުން ކަމުން ކަމުގައި ވެސް ވެދާނެއެވެ. ހަމަފައިމު ވެސް އަހަރެންގެ ފޭވްރިޓަކަށް ވިންސެންޓް ސަރ ވީ މިހެންވެގެންނެވެ.
ޑޮކްޓަރުންތަކެއް އުފެއްދައިދިއްޖެ، އުންމީދަކީ ފޮނަދޫން ސައިންޓިސްޓެއް އުފެއްދުން
14 އަހަރުގެ ކިޔަވައިދިނުމުގެ ތަޖުރިބާގައި ވިންސެންޓް ސަރ ވަނީ އެތައް ކާމިޔާބީއެއް ހޯދައިދީފައެވެ. އޭނާގެ ދަރިވަރުންވަނީ ރާއްޖެއިންނާއި ދުނިޔެއިން ވެސް ވަނަ ހޯދާފައެވެ. އެކަމަކު އޭނާގެ ކިޔަވައިދިނުމުގެ ޙަޔާތުގެ ބޮޑު ދެ ކާމިޔާބީއެއް އޭނާ ފާހަގަ ކުރެއެވެ.
އަހަރެން ކިޔަވައިދިން އަހަރެންގެ ދަރިންފަދަ, ދަރިވަރުން މިއަދު ކްލާސްތަކުން ކިޔަވައިދޭތަން ފެނުމުން ވަަރަށް އުފާވޭ. ދެން އެންމެ އުފާވަނީ ފޮނަދޫން ޑޮކްޓަރެއް ނެރުވުނީމަ
ވިންސެންޓް ސަރ ކިޔައިދިން ގޮތުގައި އުގަންނައިދިނުމުގެ ދާއިރާގެ އޭނާއަށް ލިބުނު އެންމެ ބޮޑު ދެވަނަ ކާމިޔާބީއަކީ ފޮނަދޫން ޑޮކްޓަރެއް ނެރެދިނުމެވެ.
މިއަދު ފޮނަދޫގައި އެބަހުރި އެ ރަށުގެ އަމިއްލަ ޑޮކްޓަރެއް. އެއީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ފަޚްރެއް. އަބަދުވެސް ދެކެމުން އައި ހުވަފެނެއް އެއީ. މިއަދު އިތުރު ދަރިވަރުން ވެސް ދަނީ ޑޮކްޓަރުކަން ކިޔަވަމުން
މިއަދު ޑޮކްޓަރީ ދާއިރާއިން ވިންސެންޓް ސަރ ކިޔަވައިދިން ދެތިން ދަރިވަރަކު އަންނަނީ ކިޔަވަމުންނެވެ. އޭނާގެ ދެން ދެކޭ އެންމެ ބޮޑު ހުވަފެނަކީ ފޮނަދޫން ސައިޓިސްޓެއް ނެރުމެވެ.
ހުއްޓުމެއްނެތް ޝުކުރު އެކީގައި މަސައްކަތް ކުރާ މުވައްޒިފުންނަށް
ވިންސެންޓް ސަރގެ ކިޔަވައިދިނުމުގެ ދިގު މާޒީގައި އެތައް ބަޔަކަށް ޝުކުރު ޙައްޤު ކަމަށް އޭނާ ކިޔައިދިނެވެ. މީހެއްގެ ނަން މިސް ވެދާނެތީ ވަކިވަކިން ނަން ކިޔާކަށް ބޭނުމެއް ނުވިއެވެ. އެކަމަކު ޙައްޤު ޝުކުރު އެންމެނަށް ބަރުތީލަކޮށްލަން ބޭނުންވެއެވެ.
ލާމު އޭއީސީގައި ވިންސެންޓް ސަރއަށް ލިބެނީ ހުސް އިޙްތިރާމެވެ. މުޅިންހެން ސަޕޯޓެވެ. މުޅި ރަށުން ވެސް ކަން އޮތީ އެހެންނެވެ. އެދުރަކަށް ލިބޭ ހުރިހާ އިޙްތިރާމެއް އޭނާއަށް ލިބޭއެވެ. އޭނާގެ އިސް ދަރިވަރުުންނާއި މިހާރުގެ ދަރިވަރުންނާއި ބެލެނިވެރިން ވެސް އޭނާއަކީ ބެސްޓް ކަމަށް ހެކިވެއެވެ.
ވިންސެންްޓް ސަރ ކިޔައިދިން ގޮތުގައި އޭނާގެ ކިޔަވައިދިނުމުގެ މަރުހަލާގައި އެންމެ ދެރަވަނީ ނަތީޖާގެ ސަބަބުން ބައެއް ބެލެނިވެރިންނާއި މެނޭޖްމެންޓްގެ ފަރާތުން އަންނަ ކޮމެންޓްތަކެވެ.
“ކޮންމެ ފަހަރަކީ އެންމެ ރަނގަޅު ނަތީޖާ ނުނެރެވޭނެ ފަހަރެއް ނޫން. ނަތީޖާ ރަނގަޅު ނޫން ފަހަރު ފަހަރު, އެބަ ބުނޭ ވަރަށް ދެރަވާ ކަހަލަ އެއްޗެހި” ވިންސެންޓް ސަރ ބުނީ ބައެއް ބެލެނިވެރިންގެ ފަރާތުން އަންނަ ކޮމެންޓްތަކުގެ ސަބަބުން ބައެއް ފަހަރު ދެ ރޭ ތިން ރޭ ނުނިދޭ ކަމަށެވެ.
ހަމައެކަނި ފެކްޓަރ އަކީ ޓީޗަރުންނެއް ނޫން. އެކަން އެބަޖެހޭ ޤަބޫލު ކުރަން.
ކޮންމެ ބެޗަކުން އެންމެ ރަނގަޅު ނަތީޖާ ނުރެރެވޭތީ ކުރާ ޝަކުވާގެ ޖަވާބުގައި ވިންސެންޓް ބުންޏެވެ.
ވިންސެންޓަރއަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ 1710 ޓީޗަރުންގެ ތެރެއިން އެކަކެވެ. މިއިން ކޮންމެ ޓީޗަރަކު ވެސް އަމިއްލަ ވަޒަން ދޫކޮށް, އަޅުގަނޑުމެންނަށްޓަކައި ކޮށްދެމުން އެދަނީ އަގު ނުކުރެވޭފަދަ މުހިންމު މަސައްކަތްތަކެކެވެ. ޖީލެއް ބިނާ ކުރުމުގައި ހޭދައެކުރަނީ މިންނަތް ދުވަސްތަކެކެވެ.
އަތޮޅު ތެރޭގެ ރަށްތަކުގައި ދިވެހި ޓީޗަރުން ހޯދުމަކީ ގިނަ ފަހަރަށް އުދަނގޫ ކަމެކެވެ. ދިވެހި ޓީޗަރުން ހޯދުމަށް އިއުލާންކޮށް ނުލިބޭތީ އުފަން ރަށް ނޫން އެހެން ރަށްރަށަށްދާ ދިވެހި ޓީޗަރުންނަށް 3000ރ. އެލަވެންސެއް ވެސް މި އަހަރު އެޑިއުކޭޝަން މިނިސްޓްރީން ހަމަޖެއްސިއެވެ. އިންޑިއާ 1674 ޓީޗަރުންނާއި ސްރީލަންކާ 31 ޓީޗަރުންނާއި އިޖިޕްޓް 3 ޓީޗަރުންނާއި ޖޯޑްންގެ ޓީޗަރަކާއި ޕާކިސްތާނުގެ ޓީޗަރެއް މިއަދު ރާއްޖޭގައި ފޫބައްދަނީ އެ ބާގަނޑެވެ. ކޮށްދޭ ޚިދުމަތަށް ޝުކުރިއްޔާއެވެ.