އާމާލް ކްލޫނީ ހަޔަރ ކުރީ މިސަރުކާރު ގެނައުމަށް އޭނާ ކޮށްދިން މަސައްކަތުގެ ފީ އެއްގެ ގޮތުން: ޝިޔާމް
ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ލާއިންސާނީ އަނިޔާކުރަމުންދާތީ އެ މައްސަލައިގެ ޤާނޫނީ ވަކީލަކަށް އާމާލް ކްލޫނީ، ހަމަޖައްސާފައިވަނީ އެމްޑީޕީއަށާއި ރައީސް ނަޝީދަށް އާމާލް ކުލޫނީ ކޮށްދީފައިވާ މަސައްކަތުގެ ފީ ދިނުމަށް ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ވިދާޅުވީ، ރޮހިންޔާ މުސްލިމުންގެ ހައްގުތައް ހިމާޔަތް ކުރަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިހަށް ގެމްބިއާއިން ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެ ތަދައްޚުލުވެ ޤާނޫނީ ވަކީލަކަށް ހަމަޖައްސާފައިވަނީ ރައީސް ނަޝީދުގެ ލީގަލް ޓީމުގައި ވެސް ހިމެނޭ އާމާލް ކްލޫނީ ކަމަަށެވެ. އަދި އޭނާ ހަމަޖައްސާފައި ވަނީ ގަޑިއިރަކަށް، 2000 ޑޮލަރު، ނުވަތަ 30،0000 އަށްވުރެ ގިނަ ދިވެހި ރުފިޔާގެ ރޭޓުން ކަމަށާއި، މިއީ ދިވެހިން . ދިވެހިންގެ މާލިއްޔާ ބޭނުން ކުރަން ބޭނުންވާ ގޮތް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އާމާލް ކްލޫނީ މިސަރުކާރު ގެންނަން ކޮށްދީފައި އޮތް ، މަސައްކަތްތަކެއް، އެމަސައްކަތްތަކަށް، އޭނާގެ ފީ ދައްކަން މިޖެހެނީ ރައްޔިތުންގެ ޚަޒާނާއިން، ރައްޔިތުންގެ މާލިއްޔާއިން. މިއީ ދިވެހިން ބޭނުންވާނެ ގޮތެއް ނޫން. އަޅުގަނޑުމެންނަށް މިފެންނަނީ ދިވެހި މާލިއްޔާ ބަހަމުންދާތަން" ކަމަށް ވިދާޅުވެ، ޝިޔާމް ވިދާޅުވީ، ދިވެހި ދައުލަތުން މިމައްސަލައިގައި ތަދައްޚުލުވާން ޖެހޭ އެއްވެސް ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"ދިވެހި ދަޢުލަތް ތަދައްޚުލުވާން ޖެހެނީ ކީއްވެތޯ؟ ދިވެހި ދައުލަތަކީ އޯއައިއެސްސީ ގެ މެންބަރެއް. ގެމްބިއާ އަކީ ވެސް އޯއައިއެސްސީގެ މެންބަރެއް. ކޮންކަމެއްތޯ މިކުރަނީ" ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް އިދިކޮޅުން "މީމަގޭ ދިވެހި ރާއްޖެ" ނަމުގައި ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ރޭ އައްޑޫ ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވިއެވެ.
އިސްލާމީ ޤައުމުތަކުގެ ފަރާތުން ގެމްބިއާ މިދިޔަ އަހަރު އދ. އެ ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނާނެކަން ޝާހިދު އިއުލާންކުރެއްވީ ސްވިޓްޒަލެންޑްގެ ޖެނީވާގައި ކުރިއަށްދާ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.