ރައީސް ޔާމީން ހައްޔަރު ކުރީ އިންޑިއާއިން ބޭނުންވެގެން: އަދުރޭ
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ހައްޔަރުކޮށްފައިވަނީ އިންޑިއާއިން ބޭނުންވެގެން ކަމަށް، ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު، ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް އިދިކޮޅުން "މީމަގޭ ދިވެހި ރާއްޖެ" ނަމުގައި ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ރޭ އައްޑޫ ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވަނީ މިސަރުކާރަކީ އިންޑިއާގެ ޕަޕެޓެއް ކަމަށް ސިފަކުރައްވައިފައެވެ. އަދި މިސަރުކާރުން އިންޑިއާ ބޭނުންވާ ގޮތަށް ކަންތައް ކުރަން ޖެހޭ ކަމަށާއި އިންޑިއާގެ ޕްރެޝަރު ވަރަށް ބޮޑު ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ސާބިތުމަކާއެކު ކެރިގެން މިދަންނަވަނީ، މިއަދު ރާއްޖޭގައި ހިންގަމުންމިދަނީ، އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރެކޭ. އިިންޑިއާއިން ބޭނުންވެގެން ރައީސް ޔާމީން ހައްޔަރުކޮށްގެން މިއުޅެނީ. އިންޑިއާއިން ބޭނުންވަނީ ރައީސް ޔާމީން ހައްޔަރުކޮށްފައި ބާއްވަން." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، އިންޑިއާއިން ރައީސް ޔާމީން ޖަލުގައި ބާއްވަން ބޭނުންވަނީ، ރައީސް ޔާމީންގެ ސަރުކާރުން އިންޑިއާއަށް އާބަސް ނުކިޔާ، ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ އެހީގައި ރާއްޖެ ކުރިއަރުވަން މަސައްކަތްކޮށް އެކަން ކާމިޔާބުކޮށްފައިވާތީ ކަމަށެވެ.
"އެއީ ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާއިން ބުނިހާ ކަމެއް ނުކޮށް، ބުނިހާ ގޮތެއް ނުހަދާ، އިންޑިއާގެ މައްޗަށް ދިވެހިރާއްޖެ ބަރޯސާނުވެ، ދުނިޔޭގެ ކުރި އަރާފައިވާ އެހެން ގައުމުތަކުގެ އެއްބާރުލުމާއި އެހީތެރިކަމާ އެކީގައި، މިގައުމު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ޔާމީން ކުރެއްވީމާ އެކަމާ ހިތްހަމަ ނުޖެހިގެން." އަދުރޭ ވިދާޅުވިއެވެ.
މިސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާއަށް މާބޮޑަށް ބުރަވާކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރެއެވެ. ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ބާއްވަމުން އަންނަ ގާތް ގުޅުމުގެ ސަބަބުން ދިވެހި ރާއްޖެއާއި އިންޑިއާގެ ގުޅުން އޭރުވަނީ ވަރަށް ހީނަރުވެފައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، އިންޑިއާއާ ދެމެދު ގުޅުން އަލުން ވަނީ އެކުލަވާލައިފައެވެ.