ރައީސް ޔާމީންއަކީ ޑީލް ހެދޭހާ ޗީޕް ބޭފުޅެއް ނޫން: ޝުޖާއު
މަނީލޯންޑަރު ކުރުމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަކީ ޑީލް ހެދޭހާ ޗީޕް ބޭފުޅެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މާފުށީ ޖަލަށް ކުރެއްވި ޒިޔާރަތުގައި ސަރުކާރުގެ ފަރާތުން ރައީސް ޔާމީންއަށް ދެ ހުށަހެޅުމެއް ހުށަހެޅުއްވި ކަމަށް ޕީޕީއެމްގެ އިސް ފަރާތްތަކާ ހަވާލާ ދެއްވާ ބައެއް އޮންލައިން މީޑިއާތަކުގައި ވަނީ ރިޕޯޓްކުރުމާއި ގުޅިގެންނެވެ.
އެގޮތުން ސަރުކާރުން ރައީސް ޔާމީން އަށް ހުށަހެޅުއްވި ދެ ހުށަހެޅުއްވުން ވެސް ރައީސް ޔާމީން ގަބޫލުފުޅު ނުކުރައްވާ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ. އެއީ ދައުލަތަށް ދެއްކުމަށް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކޮށްފައިވާ ފަސް މިލިޔަން ޑޮލަރު ދެއްކުމަށާއި ރާއްޖެއިން ބޭރަށް ވަކި މުއްދަތެއް ނެތްގޮތަށް ބޭސްފަރުވާއަށް ފޮނުވައި ދިނުމުގެ އިތުރުން ގޭ ބަންދަށް ބަދަލު ކޮށްދިނުމެވެ.
ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތަކީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ހިނގާދިޔަ ޝަރީއަތެއް ކަމަށެވެ. އަދި އެ ޝަރީއަތުން ރައީސް ޔާމީންއަކީ މައުސޫމް ބޭފުޅެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ރައީސް ޔާމީންއަކީ ޖަލުގައި އޮންނަވައިގެން ޕާޓީ މުސާރަ ނަންގަވާނެ ބޭފުޅެއް ނޫން ކަމަށާއި، އެހެން ކަމުން އެކަން އޮޅިވަޑައޮގެން ނޫޅުއްވުމަށް ޝުޖާއު ގޮވާލެއްވިއެވެ.