ޔާމީން ޖަލަށް ލުމަކީ ޑިމޮކްރަސީގައި ފަހަތަށް އެޅި ފިވަޅެއް، މިނިވަންކުރޭ: ސަލީމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަކީ ޑިމޮކްރަސީގައި ފަހަތައް އެޅި ފިޔަވަޅެއްކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ސަލީމް މިފަދައިން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުންނެވެ.
ސަލީމް ވިދާޅުވީ 2008 ވަނަ އަހަރު ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ތަންފީޒުކުރަން ފެށުމާއެކު، ރާއްޖޭގައި ޑިމޮކްރަސީ މަލްޓި ޕާޓީގެ ދިރު މިވަނީ އިންދިފައި ކަމަށާއި މަލްޓި ޕާޓީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އުންސުރަކީ، ވާދަވެރި ސިޔާސީ ޕާޓީތަކުން ސިޔާސީ ދަނޑުގައި ހަރަކާތްތެރިވުން ކަމަށެވެ.
"ވާދަވެރި ސިޔާސީ ޕާޓީތަކުން ސަރުކާރު ޒިންމާދާރު ކުރާއިރު، އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރަކީ ހުރިހާ ގޮތަކުން ވެސް ރައްޔިތުންނާއި އެކުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އިސްކޮށް ހަރަކާތްތެރިވާން ޖެހޭ އެންމެ ނުފޫޒުގަދަ ލީޑަރު." ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން 2019 ވަނަ އަހަރު ދެ ފަހަރައް ޖަލަށް ލާފައިވާކަމަށާއި، އަދި މިހާރު ވެސް ހުރީ ޖަލު ހުކުމެއްގައި ކަމަށެވެ. އަދި ރައީސް ޔާމީން ޖަލަށް ލުމަކީ ރާއްޖެ ޑިމޮކްރަސީގައި ފަހަތައް އެޅި ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އިދިކޮޅު ސިޔާސީ ލީޑަރު ޖަލަށް ލުމަކީ ޑިމޮކްރަސީގެ ހަޔާތުގައި ފަހަތަށް އެޅި ފިޔަވަޅެއް. އެއީ ވާދަވެރި ސިޔާސީ ޕާޓީތަކަށް ކުރިމަތިކުރުވި ވަރަށް ބޮޑު ގޮންޖެހުމެއް، ޖަލަށް ލާފައިވާ ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލަން." ސަލީމް ވިދާޅުވިއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ސަލީމް ގޮވާލައްވާފައިވާއިރު، މަނީލޯންޑަރިންގެ ކުށް ސާބިތުވެ އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށް، ފަސް މިލިއަން މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހު 28 ވަނަ ދުވަހުއެވެ.