ޚަބަރު

ކޮންގްރެސް ފަސްކުރަންޖެހޭ ސަބަބެއް ނެތް, ވަރަށް ޓްރާންސްޕޭރެންޓްކޮށް މިދަނީ: ފައްޔާޟް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފައްޔާޟް އިސްމާޢީލް. ފޮޓޯ: ވަން

މާދަމާ ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ކޮންގްރެސް ފަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ކޮންގްރެސްއަށް ވަގު ގޮފިތަކެއް ހަދާފައިވާކަމަށް ތުހުމަތުކުރައްވައި, މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް މިއަދު ވަނީ ކޮންގްރެސް ފަސްކޮށްދެއްވުމަށް އެދިވަޑައިގެން ފައްޔާޟަށް ސިޓީއެއް ފޮނުއްވައިފައެވެ.

ކޮންގްރެސްއަށް ރަށްރަށުން އައި މަންދޫބުންނަށް މަރުހަބާ ކިޔުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ފައްޔާޟް މިއަދު ހަވީރު ވިދާޅުވީ މިހާތަނަށް ދެ ގޮތްޕަކާ ގުޅޭ 17 މައްސަލައެއް ލިބިފައިވާ ކަމަށާއި އެ މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންގްރެސް ފަސްކުރުމުގެ ބާރެއް ޗެއާޕާސަނަކަށް ނޯންނަ ކަމަށެވެ. އަދި އެއީ އެމްޑީޕީގެ ޤައުމީ މަޖިލީހަށް އޮންނަ ބާރެއް ކަމަށެވެ. އަދި ކޮންގްރެސް ފަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޟް ވިދާޅުވީ މީގެ ކުރިން ބޭއްވި އެހެން ކޮންގްރެސްތަކާ އަޅާބަލާއިރު އަމަލު މި ކުރަނީ މާ ޓްރާންސްޕޭރެންޓްކޮށް އެހެން ނަމަވެސް ގަވާއިދާއި އެއް ގޮތަށް ކަމަށެވެ.

 

އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ގޮފިތަކަށް އިންތިޚާބު ނުކުރާ ބަޔަކު ގެންނަން އުޅޭކަމުގެ ތުހުމަތުކުރީ, ބަރުލަމާނީ ގެނައުމުގެ މަސައްކަތުގެ ތެެރެއިން އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ޢާންމު މެންބަރެކެވެ. އެ ބައްދަލުވުމުގައި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވަކިކަމެއް ހާސިލު ކުރުމަށް ގޮފިތައް މަސްހުނިކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!