ޚަބަރު

މަކުނުދޫ ސިއްހީ މަރުކަޒާ ގުޅިގެން ނަޝީދުގެ ބަހުގެ ހަމަލާތަކެއް އަމީނަށް

ދެން އެމްވީ ، ދެން އޮންލައިން

ހދ. މަކުނުދޫ ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު އިންނާނެ ޖާގަ ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވުމާއި ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅު ކުރައްވައިފިއެވެ.

Ads by MWSC

މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީވަނީ ވިދާޅުވީ މަކުނުދޫ ސިއްހީ މަރުކަޒުގައި އަންހެނުންގެ ޑޮކްޓަރަކާ ކުޑަކުދިންގެ ޑޮކްޓަރެއްގެ ހިދުމަތް ނުލިބޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.

އެރަށު ސިއްހީ މަރުކަޒުން އެ ހިދުމަތްތައް ނުދެވޭ ސަބަބާ ގުޅިގެން ހެލްތު މިނިސްޓަރު އަމީންއާ ރައީ ވަނީ ސުވާލުކުރައްވާފައެވެ.

ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ، މަކުނުދޫ ސިއްހީ މަރުކަޒަށް ޑޮކްޓަރެއް ނުގެނެވިގެން އުޅެނީ ސިއްހީ މަރުކަޒުގައި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ބަޖެޓުގައި އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނެތުމުގެ ސަބަބުން، މަރުކަޒުގެ އިމާރާތަށް ބަދަލުގެނައުމުގެ ފުރުސަތު ނުލިބުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ލާމަރުކަޒީ ނިޒާމުގެ ތެރެއިން، އަންނަ އާދީއްތަ ދުވަހު އެ މަސައްކަތް ރަށު ކައުންސިލާ ހަވާލުކުރެވި، ރާވާފައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް، އެ ހިދުމަތް ފެށޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އަމީން ދެއްވި ޖަވާބާއި މެދު ނުރުހުން ފާޅުކޮށް ނަޝީދު ވިދާޅުވީ އަމީން ދެއްކެވި ވާހަކައިން ދޭހަވީ މަކުނުދުއަށް ޑޮކްޓަރުން ނުލިބިގެން އުޅެނީ ޑޮކްޓަރަކު އިންނާނެ ތަނެއް ނެތިގެން ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ، މަކުނުދުއަށް ޑޮކްޓަރުން ނުގެނެވިގެން އުޅެނީ މަރުކަޒުގައި ޖާގައިގެ ދަތިކަން ހުރުމުން ކަމަށް އަމީން ތަކުރާރު ކޮށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް ފޯރުކޮށް ދެވޭނީ އެކަމަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ވެސް ގާއިމު ކުރެވިގެން ކަމަށާއި، ރަށުގައި ޑޮކްޓަރަކު ހުރެ، ހިދުމަތް ފޯރުކޮށް ދޭނެ ޖާގަ ނެތުމުގެ ސަބަބުން އެ ހިދުމަތް ނުދެވުމުން އޭގެ އެންމެ އެދެވޭ ފައިދާ ރައްޔިތުންނަށް ނުކުރާނެ ކަމަށެވެ.

އަމީންގެ ޖަވާބާ ގުޅިގެން ނަޝީދު ވަނީ އަނެއްކާވެސް ވިދާޅުވީ އެމަނިކުފާނަށް މަކުނުދޫ ސިއްހީ މަރުކަޒަށް "ލައްކަ" ފަހަރު ވަޑައިގެންނެވިފައި ވާ ކަމަށާއި، ޑޮކްޓަރަކު އިންނާނެ ޖާގަ އެ މަރުކަޒުގައި އެބަހުރި ކަމަށެވެ. އެގޮތުން، އެމަނިކުފާނު ވަނީ މަކުނުދޫ ސިއްހީ މަރުކަޒުގައި ހުރި ވިއްސާ ކޮޓަރީގައި ފާއިތުވި 10 އަހަރުގައި ވެސް މީހަކު ވިއްސާފައި ނުވާ ކަން ފާހަގަ ކުރައްވާފައެވެ. ނަޝީދު ވިދާޅުވީ، ކޮންސަލްޓޭޝަން ކޮޓަރިއެއް މަކުނުދޫގައި ނެތުމަކީ އެތަނުގައި އެ ހިދުމަތް ނުދެވޭންވީ ސަބަބެއް ކަމަށް މަޖިލީހުގައި ފާހަގަ ކުރެއްވުމަކީ މުޅިން ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ނަޝީދަށް ރައްދު ދެއްވައި މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ހުރިހާ މަރުކަޒުތަކެއްގައިވެސް ވިއްސާ ކޮޓަރި ހުންނާނެ ކަމަށާއި ވިއްސާ ކޮޓަރިއަކީ އެކަށީގެންވާ ޖާގައެއް ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ވިއްސާ ކޮޓަރި ބޭނުންކުރަނީ ވަރަށް މަދު ހާލަތެއްގައި ކަމަށާއި އަދި ބައެއް ރަށްރަށުގައި ވިއްސާ ކޮޓަރި ބޭނުން ނުކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކުގެ ތެރެއިން ވެސް އަދި އެހެންވެސް އިންތިޒާމުތަކުގެ ތެރެއިން ވިހާ ކޮޓަރިއެއް ހުރުމަކީ ލާޒިމުކަމެއް ކަމަށާއި، އެއީ ކުއްލި ހާލަތެއްގައިވެސް ވިއްސަން ޖެހިއްޖެ ހާލަތެއްގައި ކޮންމެހެން ބަހައްޓަން ޖެހޭ ޖާގައެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!