ރިޕޯޓް

ގަދަ ކުލަތަކުން 'ޑައިވެހި' ދައްކާ އާޓު

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

“ޑައިވެހި"އަކީ ކޮބައި ހެއްޔެވެ؟ އެއީ 'ޑައި'އާއި 'ވެހި' އެއްކޮށްގެން އުފައްދައިފައިވާ ބަހެކެވެ. ޑައިއަކީ އިނގިރޭސި ބަހެކެވެ. އެ ބަހުގެ މާނައަކީ ކުލަ ޖައްސަން ބޭނުންކުރާ އެއްޗެއް ނުވަތަ ކުލަ ޖެއްސުމެވެ. އަދި ވެހި އަންނަނީ 'ދިވެހި' ބަހުންނެވެ. އަދި ޑައިއާއި ދިވެހި ބަހުގެ ވެހި ގުޅުވައިލުމުން އަންނަނީ ޑައިވެހިއެވެ. ޑައިވެހި ބްރޭންޑްގެ ފަހަތުގައި ވަނީ ކުލަކުލައަށް ވަރަށް ލޯބިކުރާ ދިވެއްސެކެވެ. އެއީ އުމަރު އަލްތާފްއެވެ.

Ads by MWSC

އުމަރުގެ ތައާރަފެއް

އުމަރަކީ ސްރީލަންކާގައި ދިރިއުޅެމުންދާ މީހެކެވެ. ޑައިވެއްސަކީ އޭނާގެ ޕެޝަން ޕްރޮޖެކްޓެވެ. މީގެ އިތުރުން ވެސް އޭނާ އެކި މަސައްކަތް ކުރެއެވެ. ޓައިޑައިގެ މަސައްކަތް ނުކުރާ ވަގުތުތަކުގައި އޭނާއަކީ އޯޑިއޯ އިންޖިނިއަރއެކެވެ. އަދި މިޔުޝަނެއް ވެސް މެއެވެ. ޓައި ޑައިގެ މިމަސައްކަތް އޭނާ ކުރާތާ މިހާރު 6 އަހަރު ވަނީއެވެ.

މިކަމުގެ ތެރެއަށް ވަދެވުނީ ކިހިނެތްތޯ ސުވާލު ކުރުމުން އުމަރު ބުނީ އޭނާއަކީ ކުރެހުމަށް މޮޅު މީހެއް ނޫން ކަމުގައިވީ ނަމަވެސް ކުލަތައް ބޭނުންކޮށްގެން އުފެއްދުންތެރި ކަމެއް ކުރާ ހިތްވާ ކަމަށެވެ. އެއީ ގަދަ ކުލަތަކަށާއި އުފެއްދުންތެރިކަމަށް އޭނާގެ ހިތުގައި އޮންނަ ލޯތްބެއްގެ ސަބަބުންނެވެ. އަދި އެގޮތުގެ މަތިން ކުލަތަކާއި ކުޅެ ރީތި އެއްޗެއް އުފެއްދޭނެ މަގެއް ކަމުގައި ޓައިޑައިގެ ފަންނު ވީތީ އޭގެ ތެރެއަށް ވަދެވުނީ ކަމުގައެވެ.

މިކަންތައް ދަސްކުރުމަށްޓަކައި އޮފިޝަލީ ކްލާހެއް އޭނާ ނުނަގައެވެ. ނަމަވެސް ދުނިޔޭގެ މިފަންނަށް ލޯބިކުރާ ވަރަށް ގިނަ ބައެއްގެ ކޮމިޔުނިޓީއާއި ގުޅިގެން އެމީހުންގެ ފަރާތުން އިންސްޕިރޭޝަން ހޯދި ކަމުގައެވެ. އެމީހުންގެ ތެރޭގައި ޓައިޑައިގެ ފަންނާއި ބެހޭ ގޮތުން ވަރަށް ގިނަ މައުލޫމާތު އެނގިގެން ދިޔަ ކަމަށްވެސް އޭނާ ބުންޏެވެ. ބައެއް މީހުން އާ އެއްޗެހި ހަދާފައި ހަދާ ގޮތް ކިޔައިދިނަސް ބައެއް މީހުން އެހެދިގޮތް ބާއްވަން ބޭނުންވަނީ ސިއްރެއްގެ ގޮތުގައެވެ. މިއީ އުމަރު ދެކޭ ގޮތުގައި މައްސަލައެއްވެސް ނޫނެވެ. އޭގެ ސަބަބުން ބައެއް ފަންނުވެރިން ކިއުރިއަސްވެ އެޑިޒައިންތައް އަމިއްލައަށް ހާސިލް ކުރުމަށް ހިތްވަރު ލިބެއެވެ. އެމީހުންގެ ތެރޭގައި ބޭރު ގައުމުތަކުގެ ވަރަށް ގިނަ މެންޓާރސް އުޅޭނެއެވެ. މީގެ ތެރޭގައި ރަޝިއާއާއި އެމެރިކާގެ މީހުން ހިމެނޭ ކަމުގައި އުމަރު ބުންޏެވެ.

ޑައިވެހި އަކީ ފާސްޓް ފެޝަން ބްރޭންޑެއް ނޫން. އެކަމަކު އެގޮތަށް ވަރަށް ގިނަ ބަޔަކު މިވިޔަފާރިއާއި މުއާމަލާތް ކުރަން މަސައްކަތް ކުރޭ. މީހުން ބޭނުންވަނީ އިންސްޓަންް ގްރެޓިފިކޭޝަން.

އޭނާގެ ވިޔަފާރި އޭނާ ހިންގަނީ ވަރަށްވެސް ލޯބިން އަދި ވަކި އުސޫލުތަކަކާއި ގަވާއިދުތަކަކާއި އެކުއެވެ. އޭގެން އެންމެ ފުރަތަމަ ކަމަކީ އެއްޗެއް އޯޑަރު ކުރަން ވެއްޖެނަމަ އިންސްޓަންޓް ކޮށެއް އެއެއް ނުލިބޭނެއެވެ. އެއީ އޭނާގެ ޕްރޮޑަކްޓް އޭނާ ތައްޔާރު ކުރަނީ އޯޑަރު ލިބުނީމައެވެ. އެއީ ސްލޯ ފެޝަން ޕަލްސަފާއާއި އެއްގޮތަށް އަމަލު ކުރުމުގެ ގޮތުންނެވެ. އޭނާގެ މިމަސައްކަތުގައި އޭނާ ކުޅެނީ ކުލައާކަން މިހާރު ކިޔުންތެރިންނަށް އޮންނާނީ އެނގިފައެވެ. ނަމަވެސް އޭނާ ކުރަނީ އަސްލު ކޮން ކަމެއްކަން އަދި ނޭނގޭ ކިޔުންތެރިން ތިބެދާނެތީ އެކަންތައް ސާފު ކޮށްލަދޭނަމެވެ.

ޓައިޑައިގެ ފަންނު

މިމަސައްކަތަށް ބޭނުންވާނީ ކޮޓޮން ފޮތީގެ އެއްޗެކެވެ. އަދި އޭތީގައި ކުލަ ޖައްސާނެ ކުލަ ފުޅިއެވެ. ޓައިޑައިގެ ނަމުގައި އިންނަ ޓައިގެ މާނައަކީ އެއްސުމެވެ. ކުލަތައް އެ ކުލަޖައްސަން އުޅޭ އެތީގައި ޖެއްސުމުގެ ކުރިން ފަންނުވެރިޔާ ބޭނުން ޑިޒައިނެއް ހާސިލް ކުރުމަށްޓަކައި ވަކި ހާއްސަ ގޮތަކަށް އެއެތި ފަތްޖަހައެވެ. ނުވަތަ ބޮނޑިކޮށް ވަކި ގޮތަކަށް އޮޅާވެސް ހަދައެވެ. އަދި އެގޮތަށް އޭތި ބޭއްވުމަށް އެކި ތަންތަނުގައި ރަބަރުން އައްސައެވެ. އަދި އޭގެ މައްޗަށް ކުލަތައް ފަންނުވެރިޔާގެ ލަނޑުދަނޑިއާއި އެއްގޮތަށް އަޅައެވެ. އަސްލު ޖާދޫ އޮތީ އެއްސުމާއި ކުލަތައް އަޅާ ގޮތުންނެވެ. އޭގެ ފަހުން ވަކި ވަގުތެއް ވަންދެން އޭތި ބޭއްވުމަށްފަހު ދޮވުން ފަދަ ކަންކަން ކުރެއެވެ. މިއީ ވަރަށް އުނދަގޫ ކަމެއް ވަރަށް ސިމްޕަލް ކޮށްލާފަ ކިޔާލަދިން ކިޔާލަދިނުމެކެވެ. މިއީ ހަގީގަތުގައިވެސް ކެތްތެރިކަމާއި ދުރު ވިސްނުމާއި އެކު ކުރެވޭނޭ ފަންނުވެރިކަމެކެވެ. މިމަސައްކަތް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުވެސް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް އަންގި ލެއްވުން އަދި ކުލަަތައް މޫނާއި ދުރުގައި ގެންގުޅުމެވެ.

ތަފާތު ޕްރޮޑަކްޓްތައް

ޑައިވެހީގެ އިންސްޓަގްރާމް ޕޭޖުންވެސް ފެންނާނެހެން، ޓައިޑައި ކުރެވޭނީ ހަމައެކަނި ޓީޝާޓު އެކަންޏެއް ނޫނެވެ. ކުރުތާ، ޖަމްޕްސޫޓް، ޓޭޕެސްޓްރީ، ސްކާފް ވެސް އުމަރުގެ މަސައްކަތްތަކުގައި ހިމެނެއެެވެ. އަދި އެންމެ ތަފާތު އެއްޗަކަށް ފެންނަނީ ޓައިޑައި ކޮށްފައިވާ ޓެންޓަކާއި އަދި ސާރފް ބޯޑެކެވެ. ސާރފް ބޯޑު އެއީ އެހެން ބަޔަކާއި ގުޅިގެން ކޮށްފައިވާ މަސައްކަތެކެވެ. ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ ޑައިވެހި ޕޭޖުގައި ސްކޭޓު ކުރާ މީހުންގެ ފޮޓޯ ވަރަށް ގިނަ ކަމެވެ.

އުމަރުގެ ޕޭޖުން އިތުރު ހާއްސަ އެއްޗަކަށް ފެނިގެންދަނީ ޓައިޑައި ކިޓެވެ. އެއީ މިކަމަށް ޝައުގުވެރިކަން ހުންނަ މީހުން އަމިއްލައަށް ޓައިޑައިގެ ފަންނު އަޖުމަ ބަލާލުމަށް ފުރުސަތުދޭ އެއްޗެކެވެ. އެ ފޮށި އުމަރު ތައްޔާރު ކުރި ސަބަބަކީ ރާއްޖޭގައިވެސް އެކަންތައް ކޮށްލާ ހިތްވެފަ ހުންނަ މީހަކަށް އެ ފުރުސަތު ފަހި ކޮށްދިނުމެވެ. އެކިޓުތައް ގަނެގެން މީހުން އެއްޗެހި ތައްޔާރު ކޮށް އުމަރުއާއި ހިއްސާވެސް ހުރާ ކަމުގައި އެނާ ވަރަށް އުފަލާއިއެކު ބުންޏެވެ. ރާއްޖޭގައިވެސް ޓައިޑައިގެ ކުޑަ ކޮމިއުނިޓީއެއް އޮންނަ ކަމުގައި އޭނާ އިތުރު ކޮށްލިއެވެ. އުމަރު ބޭނުންވަނީ އެކޮމިއުނިޓީ ކުރިއަށް އޮތް ތަނުގައި ބޮޑުވާތަން ދެކޭށެވެ.

އުމަރު ކިޔައިދިން ގޮތުގައި ޓައިޑައިގެ އާޓަކީ އާ ކަމެއް ނޫނެވެ. ނޫނީ މޮޑާރން ކަމެއްވެސް ނޫނެވެ. މިފަންނު ދުނިޔޭގައި އެކި މީހުން ކުރަމުން ގެންދާތާ އެތައް ގަރުނެއް ވެއްޖެއެވެ. ނަމަވެސް ކުރިއާ ބަލާފަ މިހާރުގެ ޓައިޑައި އަކީ ވަރަށް ބަދަލު ވެފައިވާ ކަމެކެވެ. ޓައިޑައި ގައި ބޭނުންކުރާ އުކުޅު ތަކާއި ޑިޒައިންތައްވެސް ވަނީ ކުރިއަށްވުރެ ކޮންމްޕްލެކްސް ވެފައެވެ.

އަޑިގުޑަންތައް

އުމަރު ފާހަގަ ކުރި ގޮތުގައި އެހެން ގިނަ ވިޔަފާރި ތަކެކޭ އެއްގޮތަށް، ޕެންޑެމިކްގެ ސަބަބުން އޭނާގެ މަސައްކަތަށް ބުރޫ ތަކެއް އެރިއެވެ. މިސާލަކަށް މަސައްކަތަށް ބޭނުންވާ އެއްޗެހީގެ އަގު ބޮޑުވުން އަދި އާންމުން ޓައިޑައި ޕްރޮޑަކްޓްތައް ލަގްޝަރީ އެއްޗެހީގެ ގޮތުގައި ދެކުމެވެ. އެއީ ކުރިއާ ބަލާފަ މީހުންގެ ހަރަދު ކުރުމުގެ އާދަކާދަ ބަދަލު ވެފައިވާތީ ކަމުގައި އުމަރު ބުނެއެވެ.

އުމަރު ބުނާ ގޮތުގައި ދެން އަރައިގަންނަން އޮތް ގޮންޖެހުންތަކަކީ ޕެންޑެމިކްގެ ސަބަބުން ލިބުނު ގެއްލުންތަކުންނާއި ސްރީ ލަންކާގައި ހިންގަމުންދާ އިގްތިސާދީ ޑިޕްރެޝަނުގެ ސަބަބުން ދިމާވާ ކަންކަމުންނެވެ. މުޅި ދުނިޔޭގައިވެސް އެއްޗެހީގެ އަގު ބޮޑު ވަމުންދާ ކަމުގައި އުމަރު ފާހަގަ ކުރިއެވެ.

ކުރިއަށް އޮތް ތަނުގައި އޮތީ ކޮން ކަމެއްތޯ އަހާލުމުން އޭނާ ބުނީ ކުރިމަގާއި ދޭތެރޭ ވިސްނާ އިރުގައި ވަރަށް
އަންސާރނިޓީ' އެބަ އޮތް ކަމުގައެވެ. ރާއްޖެއިން ޑިސްޓްރިބިއުޓާރއެއް ހޯދައިގެން ރާއްޖޭގައި ޓައިޑައިއަށް ބޭނުންވާ ސާމާނު ވިއްކުމުގެ ރޭވުންތައްވެސް ރާވަދުންދާ ކަމުގައި އޭނާ ބުންޏެވެ. އަދި އުމަރުގެ ސަޕޯޓަކީ ކޮބައިތޯ ސުވާލު ކުރުމުން އެންމެ ހިތްވަރު ލިބެނީ ފޭނުންނާއި އާއިލާގެ ފަރާތުން ކަމުގައި އޭނާ ބުންޏެވެ.

' ބައެއް މީހުންނަށް އޯކޭ ނޮކް އޮފްއެއް ވިޔަސް ނޫނީ މާސް ޕްރޮޑިއުސްޑް އެއްޗެއް ވިޔަސް އެމީހަކު ބޭނުންވާ އެއްޗެއް އަވަހަށް ލިބެނިކޮށް. އަހަރެންނަށް ފެންނަ ގޮތުގައި އެއީ ވަރަށް މޯމެންޓަރީ ކަމެއް. އެއްފަހަރަކު ދަތުރަކަށް ތަނަކަށް ދާންވެގެން ލާފަ އެއްލާލަފާނެ ނޫނީ ފަހުން ދެން ނުލާފާނެ. ފޮޓޮއެއް ނަގާލަން ލާ އެއްޗެއް ކަމަށް ވަންޏާ އެހެންތާ ވާނީ.

މިހެން މިކަންތައް ވަނީ ކީއްވެކަންވެސް އުމަރު ކޮންމެސް ވަރަކަށް ތަފްސީލް ކޮށްދިނެވެ. އުމަރު ބުނާ ގޮތުގައި ފުރަތަމަ ކަމަކަށް ޓައިޑައި އަކީ 'ވެއާރަބަލް އާރޓް' އެއްގެ ގޮތުގައި މީހުންނަށް ބަލައިގަންނަން އުނދަގުލީއެވެ. ރާއްޖޭގައި މި އާރޓަށް ވެލޫއެއް ދޭން މީހުންނަށް އުނދަގުލީއެވެ.

މީގެ އިތުރުން މިޒަމާނުގައި އާންމުކޮށް މީހުން ލާއުޅެނީ ސޮލިޑް އަދި އަނދިރި ކުލަކުލައެވެ. ގިނަ މީހުން އެގޮތަށް ހެދުން އަޅާތީއެވެ. އެހެންވީމާ ކުށްލިއަކަށް މީހަކު މާ ކުލަގަދަ އެއްޗެއް ލުމަކީ އެހެން މީހުންގެ ފާޑުކިޔުމާއި މަލާމާތް ލިބި އެމީހަކު މުޖުތަމައުއިން ބާކީ ވާނޭ ކަމެކެވެ. ނުވަތަ އެކަހަލަ އެއްޗެއް ލައިފިނަމަ އެއީ މަސްތުވާ ތަކެތި ބޭނުން ކުރާ މީހެއް ނުވަތަ އެފަދަ ކޮންމެވެސް އެހެން ލޭބަލްއެއް ލިބުމުގެ ފުރުސަތު ބޮޑު ކަމުގައި އުމަރު ފާޅު ކުރިއެވެ.

ޓައިޑައި ގިނަ މީހުން ލާއުޅެނީ ބީޗަށް ނުވަތަ ދަތުރު ދިޔުމަށް ކަމުގައި ވާތީ އެހެން ހާލަތް ތަކުގައި އެފަދަ އެއްޗެހި ލުމެއް މީހުންނަކަށް ބަލައެއް ނުގަނެވެއެވެ. މިއީ ކުރިއާ ބަލާފަ ވަރަށް ބޮޑު ތަފާތެއް އައިސްފަވާ ކަމުގެ ހެއްކެއް ކަމުގައި އުމަރު ބުންޏެވެ. އެއީ އޭނާ ބުނާ ގޮތުގައި ހަތްދިހައާއި އަށްޑިހައިގެ އަހަރުތަކުގައި ޓައިޑައިއަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު އަދި ވަރަށް މަގުބޫލު އެއްޗެކެވެ.

ނިންމާލަމުން ހިއްސާކޮށްލާނީ އުމަރުގެ ހުވަފެނެވެ. އަދި އޭނާގެ ހިތް އޮތް ކުލަ އެނގިގެންދާނޭ ބަސްކޮޅެކެވެ.

'އަހަރެން ބޭނުންވަނީ މިދުނިޔެއަށް ކުލަގަދަ ކޮށްލަން. އަހަރެން ބޭނުންވަނީ ކޮންމެ މީހަކީވެސް އެތެރެއިން ކުލަގަދަ އަދި ބޭރުންވެސް އަހަރެންގެ ޕރޮޑަކްޓްތަކުގެ ބޭނުންކޮށްގެން ކުލަގަދަ ވާން. ދަ މޯ ދަ މެރިއާރ،'

އާންމުކޮށް އޭނާގެ އަމިއްލަ މަސައްކަތްތައް ދައްކުވައިދޭ ލައިވް މެނިކިނެއް ފަދައިން އަމިއްލަ ޓައިޑައި އަންނައުު ލައިއުޅޭ އުމަރުގެ ހިތްއޮތީ ގައިމުވެސް ގަދަ ކުލަކުލައިން ފަވާލާފަކަން މިހާރު އެނގިއްޖެތާއެވެ.

Ads by Allied Insurance
  1. ގޯހެއް ނޫން